ENGLISH
10 އޭޕްރީލު 2025
ރާއްޖޭގެ ކަނޑުގެ ދިރުންތައް ދިރާސާކުރާ މުއައްސަސާގެ ވެރިޔަކަށް ޝިމާލް
07 އޭޕްރީލު 2025
|
އެމްއެމްއާރުއައި ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޝިމާލް--ފޮޓޯ:އެމްއެމްއާރުއައި
ހުސްވެފައިވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) ގެ ޑިރެކްޓަރ ޖެނެރަލަކަށް މުހައްމަދު ޝިމާލް އައްޔަނު ކުރައްވައިފިއެވެ.
އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ހުސްވެފައި ވަނީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި ޝަފިއްޔާ ނައީމް މިއަަހަަރުގެ ޖެނުއަަރީ މަހު މަގާމުން ވަކިވުމުންނެވެ. ޝަފިއްޔާވަނީ މަގާމުން ވަކިވުމުގެ ކުރިން އެމްއެމްއާރްއައި އަށް 24 އަހަރު ހިދުމަތް ކުރައްވާފައެެވެ.
އެމްއެމްއާރްއައި އުފެދިގެންއައީ 1984 ވަނަ އަހަރު އޭރުގެ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ ދަށުން އުފެދުނު އިދާރާއެެކެެވެ. މި އިދާރާގެ މެންޑޭޓުގައި ހިމެނެނީ ކަނޑުގެ ގުދުރަތީ ވަސީލަތްތަކާބެހޭ ދިރާސާތައްކޮށް، ކަނޑުގެ ދިރުންތަކާ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތަކުގެ މައުލޫމާތު ސަރުކާރާ ހިއްސާ ކުރުމެވެ.
ކަނޑާއި ކަނޑުގެ ދިރުންތަކާއި ގުޅޭ ސައިންޓިފިކް މައުލޫމާތު އެއްކޮށް ދިރާސާ ކުރުމުގެ އިތުރުން ކަނޑުގައި އުޅޭ ދިރުންތަކުގެ މައުލޫމާތު ހޯދާ ސްޕެސިމަން އެއްކޮށް ބެލެހެއްޓުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަދުވަމުންދާ ބާވަތްތަކާއި ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކާއި ކަނޑުގެ މާހައުލުގެ ދުޅަހެޔޮކަމަށް މުހިންމު ބާވަތްތައް ދެނެގަނެ އެ ބާވަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތާއި ލަފަޔާއި އިރުޝާދު ދިނުމަކީ އެމްއެމްއާރުއައި ގެ މަސްއޫލިއްޔަތެކެވެ.
އެމްއެމްއާރުއައިގެ ފަރާތުން ހިންގި މުރަކަ އާލާކުރުމުގެ ހަރަކާތެއް--ފޮޓޯ:އެމްއެމްއާރުއައި
ރާއްޖޭގައި މަސްވެރިކަން ކުރަނީ ތިމާވެއްޓާ ރަށްޓެހި ގޮތެއްގައި ތޯ ބަލައި ދިރާސާ ކުރުމާއި އެކަމަށް ބޭނުންވާ ފަންނީ ލަފާ ފިޝަރީޒް މިނިސްޓްރީއަށް ދިނުން ވެސް މިއިދާރާއިން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭއިރު، މަސްވެރިކަމުގެ ތަފާސްހިސާބުތަކަކީ އިތުބާރު ކުރެވޭ ހިސާބުތަކަކަށް ހެދުމަށް ބޭނުންވާ ލަފާދިނުމާއި ކަނޑުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭކަން ކަށަވަރު ކުރުމާއި މެރިކަލްޗާގެ ސިނާއަތެއް ގާއިމުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، މެރިކަލްޗާގެ ދާއިރާ ތަރައްގީ ކުރާނެ ގޮތުގެ ފަންނީ ލަފާ ވެސް އެ އިންސިޓިޓިއުޓުން ދޭން ޖެހެއެވެ.
އެމްއެމްއާރުއައިގެ ފަރާތުން ފާހަގަކުރަައްވާ ގޮތުގައި، މެރިން ރިސާޗްގެ ދާއިރާއިން 10 އަހަރުގެ ތަޖުރިބާއާުއި ހިންގުމުގެ ހުނަރާއިއެކު، އެއިދާރާގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމާ އަލަށް ހަވާލުވި މުހައްމަދު ޝިމާލުގެ ދުރުވިސްނުމާއެކު އިދާރާގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ކުރިޔަށް ޖެހިގެންދާނެއެވެ.
ޝިމާލް އަކީ ރާއްޖޭގެ އެކިއެކި ފޯރަމްތަކުގައާއި، ނޭޝަނަލް ރިސާޗް ކައުންސިލް އަދި އިންޑިއަން އޯޝަން ޓޫނާ ކައުންސިލް (އައިއޯޓީސީ) ގައި މެރިން ސައިންސްގެ ދާއިރާއިން މުހިންމު މަސައްކަތްތަކެއްކުރާ ފަރާތެކެވެ.