ENGLISH

08 އޭޕްރީލު 2025

Advertisement

ތަރައްގީ އާއި ސުލްހަ ގާއިމުކުރުމުގައި ރާއްޖޭގެ ކުޅިވަރުގެ ދައުރު

06 އޭޕްރީލު 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ބައެއް އެތުލީޓުންނާއި އެކު-- ފޮޓޯ/ ރައީސް އޮފީސް

މިއަދަކީ ތަރައްގީ އާއި ސުލްހަ ގާއިމުކުރުމުގައި ކުޅިވަރު އަދާކުރާ ދައުރު ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހެވެ. މިފަދަ ދުވަހެއް ފާހަގަކުރާއިރު ކުޅިވަރުގެ ތެރެއިން ތަރައްގީ އާއި ސުލްހަ ގާއިމުކުރުމުގެ މުހިއްމުކަން އިހުސާސް ކުރެވިގެންދެއެވެ. ރާއްޖޭގެ ކުޅިވަރުގެ މާޒީންވެސް ފެންނަން އޮތް އެއް ހަގީގަތަކީ އެއީއެވެ. ކުޅިވަރަކީ އިޖުތިމާއީ ގުޅުންތައް ބަދަހިކޮށްދީ، ތަރައްގީ އާއި ހަމަޖެހުމަށް ނުހަނު މުހިއްމު ދައުރެއް އަދާކުރާ ދާއިރާއެކެވެ. ބައިނަލްއަގުވާމީ ކުޅިވަރުގެ ބޮޑެތި އިވެންޓުތަކުގައި ރާއްޖެ ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތައް އެކަމުގެ ހެއްކަކަށް ފުދެއެވެ.

ތަރައްގީ އާއި ސުލްހަ ގާއިމުކުރުމުގައި ކުޅިވަރު އަދާކުރާ ދައުރު ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު 'އެކްސް' ގައި ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ހާމަކުރައްވާފައެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެއްކަމަކީ ރާއްޖޭގެ ކުޅިވަރު ތަރައްގީކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދުރު ރާސްތާ މަސައްކަތްތަކުގެ ދަށުން 20 އަހަރުގެ ނެޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ކުޅިވަރު ލާމަރުކަޒުކޮށް، ހުނަރު ކުރިއަރުވައި، ތަމްރީނުގެ ފުރުސަތުތަކާއި މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިންގެންދެވުމެވެ. އަދި އެތުލީޓުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވިޔަސް، އެ ދާއިރާއިން ކުރިއަށްދިއުމުގެ މަގުފަހިކޮށްދިނުމަކީ އެމަނިކުފާނުގެ ވިސްނުންފުޅެއްކަން ވަނީ ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ކުޅިވަރާބެހޭ ވަޒީރު އަބްދުﷲ ރާފިއު ސްޕޯޓްސް އެވޯޑްސް ހަފްލާގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ކުޅިވަރު ކުޅުމަށް ހަމަހަމަ ކަމާއެކު ފުރުސަތު ފަހިކޮށްދީ، އިޖުތިމާއީ ފޭރާން ރަނގަޅުކުރެއްވެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި ކުޅިވަރުގެ ތެރެއިން ރައްޔިތުން އެއްބައިވަންތަކޮށް އިޖުތިމާއީ ތަފާތުތައް ނައްތާލައި، ބައިވެރިވުން އިތުރުކުރުމުގެ ލާސާނީ ގާބިލުކަމެއް ލިބިގެންދެއެވެ. އެ ވިސްނުންފުޅާއެކު އެމަނިކުފާނުގެ އިލްތިމާސްއަކީ ކުޅިވަރު މެދުވެރިކޮށް ގައުމީ ތަރައްގީއަށް ކުރާ މަސައްކަތުގައި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބައިވެރިވުން ފުރިހަމައަށް ލިބިގެން ދިއުމެވެ.  

ސަރުކާރުން ރާއްޖޭގައި މިހާރު ފައްޓާފައިވާ ކުޅިވަރުގެ ބޮޑެތި މަޝްރޫއުތަކަކީ، ރާއްޖޭގެ ތާރީހުގައި ކުޅިވަރުގެ ވަސީލަތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ އެންމެ ބޮޑެތި މަޝްރޫއުތަކެވެ. އެގޮތުން ހުޅުމާލޭގައި ގާއިމުކުރާ މަލްޓި ސްޓޯރީ ފުޓްސަލް ކޮމްޕްލެކްސް އާއި މަލްޓި ސްޓޯރީ ނެޓްބޯލް ކޮމްޕްލެކްސް އަދި ޑްރިފްޓިންގ ސްޓޭޑިއަމާއި މާލޭގެ ރާޅުގަނޑު ސަހަރައްދުގައި ގާއިމުކުރާ އިންޓަނޭޝަނަލް ސަރފިންގ ސްޓޭޑިއަމަކީ ސަރުކާރުގެ ވައުދުގެ ތެރޭގައި ހިމެނޭ ކުޅިވަރުގެ އެންމެ މުހިއްމު މަޝްރޫއުތަކެވެ.

ކުޅިވަރުގެ ބޮޑެތި މަޝްރޫއުތަކުގެ އިތުރުން، ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަސީލަތްހަމަ، ފެންވަރު ރަނގަޅު ކުޑަކުދިންގެ ޕާކަކާއި، އެކި އުމުރުތަކަށް ބޭނުންކުރެވޭ އައުޓްޑޯ ޖިމްތަކާއި ވަސީލަތްހަމަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށައިފައެވެ. އޭގެތެރެއިން 77 މަޝްރޫއުގެ މަސައްކަތް މާރިޗު މަހު ސަރުކާރުން ވަނީ ކުންފުނިތަކާ ހަވާލުކޮށްފައެވެ.

ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމުގެ މަޝްރޫއުތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: މުޅި ރާއްޖޭގައި ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަން ވަނީ ނިންމާފަ-- ފޮޓޯ/ ކުޅިވަރާބެހޭ ވުޒާރާ

ކުޅިވަރުގެ ކުރިއެރުމަށް ރާއްޖޭން ކުރާ މަސައްކަތުގެ ކާމިޔާބީގެ އުފާވެރިކަން ލިބުމުގެ އިތުރުން، ކުޅިވަރަކީ އަހުލާގީ ފައިދާތަކާއެކު ގައުމަށް ރީތިނަންވެސް ލިބިގެންދާ ދާއިރާއެކެވެ. އެގޮތުން މިދިޔަ ދޮޅު އަހަރެއްހާ ދުވަހަށް ބަލާއިރު ކުޅިވަރުގައި ރާއްޖޭން ހޯދާފައިވާ ބައެއް ކާމިޔާބީތައް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވުނެވެ. އެގޮތުން އޮލިމްޕިކް ގޭމްސް އަށް ފުރަތަމަ ފަހަރަށް ދިވެހި އެތުލީޓަކު ކޮލިފައިވުން ފާހަގަކުރެވެއެވެ. އަދި، 2024 ވަނަ އަހަރު ސަރފިންގ އޭޝިއަން ޗެމްޕިއަންޝިޕް މުބާރާތުން ރާއްޖެ ހޯދާފައިވާ ކާމިޔާބީވެސް ފާހަގަކުރެވެއެވެ.

ރާއްޖޭގެ ތަރައްގީގެ އެންމެ މުހިއްމު ދާއިރާ ކަމަށްވާ ފަތުރުވެރިކަމުގެ ތެރެއިންވެސް ކުޅިވަރާ ގުޅުންހުރި ކާމިޔާބު މަސައްކަތްތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރައްވާފައެވެ. އެގޮތުން، ދުނިޔޭގެ މަޝްހޫރު ކްލަބް، ލިވަޕޫލް ފުޓްބޯޅަ ކްލަބްގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު" ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖައްސުމަކީ ކުޅިވަރުގެ ތެރެއިން ރާއްޖެ އަށް ތަރައްގީ ގެންނަން މި ފަހަކަށް އައިސް ކުރެވުނު އެންމެ ބޮޑު އެއް މަސައްކަތެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ، އެއްބައިވަންތަކަމާއި ބާރުވެރިކުރުމާއި، ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ކުޅިވަރަށް ލިބިފައިވާ ބާރުގެ ފުރިހަމަ ބޭނުން ހިއްޕެވުމެވެ. އެމަނިކުފާނުގެ ވިސްނުންފުޅާއި އެއްގޮތަށް ކުޅިވަރުގެ ތަރައްގީއަށްޓަކައި ސަރުކާރުން ކުރަން ނިންމާފައިވާ މަސައްކަތްތަކަކީ ރާއްޖޭގެ ތަރައްގީއާއި ސުލްހައިގައި މުހިއްމު ދައުރެއް އަދާކުރާނެ މަޝްރޫއުތަކެއްކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު