ENGLISH

08 އޭޕްރީލު 2025

Advertisement

ނައިބު ރައީސް، ބައިބަލާ ޗެލެންޖުގެ ޓީމުތަކަށް މަރުހަބާ ވިދާޅުވެ ކާމިޔާބީއަށް އެދިވަޑައިގެންފި

06 އޭޕްރީލު 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފް. --ފޮޓޯ: ރައީސް އޮފީސް

ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްގެންދާ އީދު ބައިބަލާ ޗެލެންޖް 1446 ގައި ބައިވެރިވި ޓީމުތަކާއި، ޚާއްސަކޮށް ސެމީ ފައިނަލުގައި ވާދަކުރާ ޓީމުތަކަށް މަރުހަބާ ވިދާޅުވެ، އެ ޓީމުތަކަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުހައްމަދު ލަޠީފް ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ. 

ފިތުރު އީދާ ގުޅިގެން މި އަހަރު ވެސް ބައިބަލާ މުބާރާތް ކުރިއަށް ގެންދަނީ ހުޅުމާލޭގައެވެ. މިރޭ ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ޓީއެފްޓީ އާއި ކްލަބް ކާސިންޖީ (ސީކޭ) އެވެ. ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލޮރެންޒޯ ސްޕޯޓްސް ކްލަބާއި ޒެޕޯއާއެވެ. ސެމީގެ މެޗުތަކަށް ފަހު އީދު ބައިބަލާގެ ފައިނަލް މެޗު ވެސް މިރޭ ކުޅޭނެ އެވެ. 

ނައިބު ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިފަދަ މުބާރާތްތަކުގެ ސަަބަބުން އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ރަނގަޅު ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ. 

"އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒާ އެއްގޮތަށް ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް، ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށް ކުރެވެމުންދާ މަސައްކަތަށް އިތުރުވެގެންދިޔަ ބޮޅެއްކަން ޔަޤީން" - ޓީމުތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަމުން ނައިބު ރައީސް ވިދާޅުވި. 

މި އަހަރުގެ ބައިބަލާ މުބާރާތުގައި 29 ޓީމަކުން ބައިވެރިވިއެވެ. 

އީދު ބައިބަލާ 1446 ޗެލެންޖަށް އެ ސަރަހައްދު ތައްޔާރުކުރީ އިވެންޓްތައް މެނޭޖްކުރާ ސްޓޭޖް ކޯއިންނެވެ. ބައިބަލާ އެސޯސިއޭޝަނާ ގުޅިގެން ސްޓޭޖް ކޯއިން ބައިބަލާ ރިންގް މިފަހަރު ބަދަލުކޮށްލީ ބައިނަލްއަގްވާމީ ފެންވަރަށެވެ. އެގޮތުން، ދުނިޔޭގެ ފެންވަރުގެ ލައިޓިން ސިސްޓަމަކާއި އޯޑިއޯ އަދި ވިޝުއަލް އާލާތްތައް މިފަހަރު ބަހައްޓާފައިވެއެވެ. އަދި، އެލްއީޑީ ސްކްރީންގައި އިސްތިހާރުތައް ދެއްކޭ ގޮތް ވަނީ ހަދައިފައެވެ. 

ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު މި އަހަރުގެ އީދު ބައިބަލާ ޗެލެންޖް ވެފައިވަނީ ރާއްޖޭގައި ބާއްވާ އެންމެ ފުރިހަމަ ބައިބަލާ މުބާރާތަށެވެ. 

ކިޔުންތެރިންގެ ހިޔާލު