ENGLISH

07 އޭޕްރީލު 2025

Advertisement

ޝަމްއާން، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފި

06 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްޢާން ވަހީދު.

މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ހޯދަމުން އައިކަމަށް ތުހުމަތުވާ މައްސަލާގައި މަޤާމުން ވަކިކުރައްވާފައިވާ އަދި ފުލުހުންގެ ބަންދުގައި މި ވަގުތު ހުންނެވި ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްޢާން ވަހީދު، ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުސް އޮޕަރޭޝަނަކަށް ފަހު ޝަމްޢާން ހައްޔަރު ކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ ޝަމްޢާންގެ ބަންދަށް އެންމެ ފަހުން ޖެހި މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރު ކުރުމުން މި ފަހަރު އެންގީ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކަމަށެވެ.

ޝަމްއާންގެ ގެއިން 257,475 ރުފިޔާ އާއި 10,000 ޑޮލަރުގެ އިތުރުން ބައެއް ގައުމުތަކުގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ ފައިސާއަކީ ބިދޭސީން އަތުން ހޯދާފައިވާ ފައިސާ ކަަމަށް ތުހުމަތު ކުރެވެ އެވެ.

ޝަމްއާންގެ މައްޗަށް އޮތް ތުހުމަތުތަކާއި ގުޅޭގޮތުން ފުލުހުން ބުނެފައި ވަނީ 2025 މާޗް 12 ވަނަ ދުވަހު މޯލްޑިވްސް އިމިގްރޭޝަނުން މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީން ތަކަކަށް އަމާޒުކޮށް އޮޕަރޭޝަނެއް ހިންގާފައިވަނީ ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް އަދި އިމިގްރޭޝަނުން އަމަލު ކުރަމުންދާ އުސޫލުތަކާއި ޚިލާފަށްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އަދި އެ އޮަޕަރޭޝަންއާ ބެހޭ މައުލޫމާތު ޝަމްއާންއަށް ކުރިން އެނގިފައިވާކަން ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށް ވެސް ބުންޏެވެ.

މި އޮޕަރޭޝަން ހިންގި ތަނަށް އެންމެ ފުރަަތަމަ ދިޔައީ އިމިގްރޭޝަންގެ މިފަދަ އޮޕަރޭޝަންތައް ހިންގުމުގެ މަސްއޫލިއްޔަތު ނެތް ތިން މީހުން ކަމަށާ އެއީ ކޮންޓްރޯލާގެ ބިއުރޯ އާއި ޕްލޭނިން އަދި މީޑިއާގައި މަސައްކަތް ކުރާ މުވައްޒިފުންތަކެއް ކަމަށް ވެސް ބުންޏެވެ. މި އޮޕަރޭޝަންގައި ހަތް ބިދޭސީ މަސައްކަތްތެރީން ހުއްޓުވާ އެ މީހުން ދިރިއުޅުނުތަން ބަލާ ފާސްކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި އޮޕަރޭޝަންގައި ހައްޔަރު ކުރި ހަތް ބިދޭސީންނަކީ ވެސް ލިޔެކިޔުންތައް ގަވާއިދާ އެއްގޮތަށް ހުރި ބިދޭސީންކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި ހައްޔަރު ކުރި ބިދޭސީންގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ފެނުނު މީހާ އިމިގްރޭޝަން އޮފީހަށް ގެންގޮސް ފަހުން ދޫކޮށްލާފައިވާ ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު