ENGLISH
07 އޭޕްރީލު 2025
މިއަހަރުގެ މިހާތަނަށް ހަ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
06 އޭޕްރީލު 2025
|
ރާއްޖެ އައި ފަތުރުވެރިންތަކެއް- ފޮޓޯ: އަވަސް އޮންލައިން
މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 667،730 އަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީ އިން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއީ 5.8 އިންސައްތަ ކުރިއެރުމެކެވެ. އެގޮތުން މި މަހުގެ ފުރަތަމަ ފަސް ދުވަހަށް ބަލާއިރު، 35،312 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 31.5 އިންސައްތަ އިތުރު އަދަދެކެވެ. އެގޮތުން އެވެރެޖްކޮށް ދުވާލެއްގެ މައްޗައް 7،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކަށް ބަލާއިރު، އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ.
ފަތުރުވެރިން އައި ގައުމުތަށް:
1- ޗައިނާ- 76،674 ފަތުރުވެރިން
2- އިނގިރޭސިވިލާތް: 70،561 ފަތުރުވެރިން
3- ރަޝިއާ- 70،538 ފަތުުރުވެރިން
4- އިޓަލީ- 59،978 ފަތުރުވެރިން
5- ޖަރުމަނު- 47،470 ފަތުރުވެރިން
މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 69 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރަން ދިޔައީ ރިސޯޓުތަކަށެވެ. އަދި މީގެތެރެއިން 25 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރަން ދިޔައީ ގެސްޓްހައުސްތަކަށް ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ހާމަވެއެވެ.