ENGLISH

07 އޭޕްރީލު 2025

Advertisement

ކުރިއަށް އޮތީ މަސްވެރިންނަށް ވަރަށް އުފާވެރި ދުވަސްތަކެއް: މިފްކޯ

06 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

މިފްކޯގެ ޖެނެރަލް މެނޭޖަރ ހާމިދު ނަޒީމް އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި. --ފޮޓޯ: އެމްއެމްޓީވީ

ކުރިއަށް އޮތީ މަސްވެރިންނަށް ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށް މިފްކޯގެ ޖެނެރަލް މެނޭޖަރ ހާމިދު ނަޒީމް ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހާމިދު ނަޒީމް ވިދާޅުވީ އެއްވެސް ދަތިތަކާ ނުލައި މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމުގެ އަސްލަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތައް ކަމަށެވެ.

މިހާތަނަށް މަސްވެރިންނަށް ގާތްގަނޑަކަށް 402 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކުރައްވަމުން ހާމިދު ވިދާޅުވީ މީގެ ސަބަބުން މަސްވެރިން ތިބީ އެމީހުން ބާނާ މަހަށް އެކަށީގެންވާ އަގު ލިބޭތީ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ.

"މި ބަދަލާއެކު އަލަށް މަހަށް ނިކުންނަ ދޯނިތައް މިވަނީ އިތުރުވެފައި. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއީ ވަރަށް ހެޔޮ ބަދަލެއް މަސްވެރިކަމުގެ ސިނާއަތަށް ގެނެވުނު " -  ހާމިދު ނަޒީމް

މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ އައިސް ޕްލާންޓްތަކަށް ވަރަށް ބޮޑަށް މިދިޔަ ސަރުކާރުތަކުން އިހުމާލުވެފައިވާކަން ފާހަގަކުރައްވަމުން ހާމިދު ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން މި މައްސަލަތައް ވަރަށް ގާތުން ބައްލަވާ ހައްލުކުރައްވަމުން ގެންދަވާ ކަމަށެވެ.

"އައިސް ޕްލާންޓްތަކަށް ވަރަށް ބޮޑަށް އިހުމާލުވެފައިވޭ. އަޅުގަނޑުމެން ވެރިކަމާ ހަވާލުވެ މިފްކޯގެ ބެލުމުގެ ދަށަށް އަނެއްކާ ވެސް އަނބުރާ އައިސް ޕްލާންޓްތައް ގެނެސްފަ އެހުރީ. މީގެ ކުރިން މި އައިސް ޕްލާންޓްތައް ހިންގީ ފެނަކައިގެ ބެލުމުގެ ދަށުން މީގެ ސަބަބުން އައިސް ޕްލާންޓްތަކަށް ބޭނުންވާ މަރާމާތުތައް ހުރީ ނުކުރެވިފައި" -  ހާމިދު ނަޒީމް

އޭނާ ވިދާޅުވީ ނިމިދިޔަ ސަރުކާރުން ފަށާފައި މަޑުޖައްސާލާފައި ހުރި ޕްރޮޖެކްޓްތަކުގެ މަސައްކަތް މި ސަރުކާރުން ކުރަމުންގެންދާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި މިހާރު ކުރިއަށް ދަނީ ފެލިވަރު އެކްސްޕޭންޝަން ޕްރޮޖެކްޓް ކަމަށެވެ. މި ޕްރޮޖެކްޓް މި އަހަރު ނިމުމުގެ ކުރިން އެ ނިމި ބޭނުންކުރެވޭނެ ކަމަށްވެސް ހާމިދު ނަޒީމް ފާހަގަކުރެއްވިއެވެ. މި ޕްރޮޖެކްޓްތައް ނިމުމުން ސްޓޯރޭޖް ކެޕޭސިޓީ ވަރަށް ބޮޑުތަނުން އިތުރުވާނެ ކަމަށާއި އަދި މަސްވެރިންނަށް އޭގެ ސަބަބުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު