ENGLISH

12 ޖުލައި 2025

Advertisement

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅުނު މައްސަލަ އެންއައިސީ އިން ބަލަން ފަށައިފި

06 އޭޕްރީލު 2025

|

އައިޝަތު ނަޖާ

ކުޅުދުއްފުށި ފޮލިސް ސްޓޭޝަން-- ފައިލް ފޮޓޯ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހާކު އަމިއްލައަށް މަރުވާން އުޅުނު މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގު ކުރަން ފަށައިފިއެވެ.

މުދަލަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން ހދ. ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލަށް ގެންދިޔަ މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވާ ކަމަަށާއި އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ހާމަކޮށްފައި ވަނީ ހުކުރު ދުވަހުއެވެ.

އެ މީހާ އަކީ އުމުރުން 35 އަހަރުގެ ދިވެއްސެއް ކަމަަށާއި އެ މީހާ ހައްޔަރުކުރީ މަސްތުގެ ހާލުގައި ހުރެގެން ގޭގެ ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެންކަމަށް ފުލުހުން ބުނެފައިވެއެވެ. ހާދިސާ ތަހުގީގުކުރަން މޭޖާ ކްރައިމްސް ޑިޕާޓްމަންޓުގެ ފުލުހުންގެ ޓީމެއް ކުޅުދުއްފުށްޓަށް ފޮނުވަން ނިންމާފައިވާކަމަށް ވެސް ފުލުހުން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އޭގެއިތުރުން ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު، ހިއުމަން ރައިޓްސް ކޮމިޝަނަށާއި އިންޓަގްރިޓީ ކޮމިޝަނާ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން އެ ރޭ ހާމަކޮށްފައިވެއެވެ.

މި މައްސަލައިގައި އެންއައިސީ އިން ވަނީ ރޭގެ ވަގުތެއްގައި އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ. އެންއައިސީ އިން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ހުކުރު ދުވަހުގެ ރޭ 21:12 ހާއިރު އަމިއްލައަށް މަރުވާން މަސައްކަތް ކުރިކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބުމާ ގުޅިގެން އެކަން ހިނގައި ދިޔަ ގޮތް ދެނެގަތުމަށް އެ ކޮމިޝަންގެ ކުއްލި ހާލަތްތަކުގައި އިޖާބަދޭ ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތެއް އެ ކޮމިޝަނުން ހިއްސާކޮށްފައިނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު