ENGLISH

06 އޭޕްރީލު 2025

Advertisement

ދިރާސީ އައު އަހަރު ފެށޭއިރު ހުރިހާ ދަރިވަރުންގެ ފޮތްތައް ހަމަވާނެ: އެޑިއުކޭޝަން

05 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

ދަރިވަރުންތަކެއް ސްކޫލެއްގެ ގޯތި ތެރޭގައި ސަފު ހަދައިގެން-- ފޮޓޯ/ ޕީއެސްއެމް

މިއަހަރުގެ ދިރާސީ އައު އަހަރު ފެށޭއިރު ހުރިހާ ދަރިވަރުންގެ ފޮތްތައް ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓާރ ޙުސައިން ސަޢީދު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި ސްޓޭޓް މިނިސްޓާރ ވިދާޅުވީ މިހާރު ވެސް ދަރިވަރުންނަށް ފޮތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ސްކޫލްތައް ހުޅުވުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ފޮތްތައް ލިބޭނެ ކަމަށެވެ. ފޮތްތައް ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދަނީ މުއައްސަސާތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެންނެވެ. މި މަސައްކަތް މީގެ އެއްމަސް ދުވަސް ކުރިން ފަށާފައިވާ ކަމަށްވެސް ސަޢީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސްކޫލުތަކަށް ޓީޗަރުން ހަމަ ނުވުމުގެ މައްސަލައަކީ އަބަދުވެސް ބެލެނިވެރިންގެ ޝަކުވާ އެއްކަން ފާހަގުކުރައްވަމުން ސައީދު ވިދާޅުވީ، ހުރިހާ ސްކޫލުތަކެއްގައި މިހާރު ޓީޗަރުން ހަމާވާނެ ކަމަށެވެ.

ޖުމްލަކޮށް ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ މަރާމާތުކުރަން ޖެހޭ ސްކޫލުތަކަށް ފަންޑް ހަމަޖެއްސުމުގެ މަސައްކަތް ކަމަށެވެ.

ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ސްކޫލުތަކުން ޖާގަ ކަށަވަރުކޮށްދެއްވާފައިވާ ކަން ފާހަގަކުރައްވަމުން ސަޢީދު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ދިމާވާ ޖާގަ ނުލިބުމުގެ މައްސަލައަށް ޙައްލެއް ހޯއްދަވާފައިވާ ކަމަށެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، ދަރިވަރުން ޗުއްޓީއަށް ދިޔައީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. މި އަހަރުގެ ބޮޑު ޗުއްޓީ ދިމާވީ ރޯދަ މަހާ އެވެ. ކޮންމެ ރޯދައަކާ ދިމާކޮށް ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ރައީސުލްޖުމްހުރިއްޔާ ވަނީ އެޑިއުކޭޝަން މިނިސްޓަރުގެ ކިބައިން އެދދިވަޑައިގެންފައެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން މި މަހުގެ ހަތް ވަނަ ދުވަހު ފަށާއިރު، އެ އަހަރު ނިމޭނީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު