ENGLISH

13 ޖުލައި 2025

Advertisement

ބޭރުގައި ތިބޭ ދިވެހި ދަރިވަރުންގެ ކަންބޮޑުވުންތައް ރައީސް ހައްލުކޮށްދެއްވަނީ

05 އޭޕްރީލު 2025

|

އައިޝަތު ނަޖާ

ރައީސް އިނގިރޭސިވިލާތުގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވި ކުރެއްވުމުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ބޭރުގައި ތައުލީމު ހޯދާ ދިވެހި ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ.މުޙަައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރެއްވި ޒިޔާރަތުގައި އިއްޔެ ވަނީ، އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއެކު މެންދުރުގެ ފަރީއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ. އެ ފަރިއްކޮޅުގައި ރައީސްވަނީ ދަރިވަރުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވާފައެވެ. 

އެގޮތުން ރައީސް ވަނީ، އިނގިރޭސިވިލާތުގައި ކިޔަވާ ކުދިންނަށްވެސް ސަރުކާރުގެ ފަރާތުން ހުރިހާ އެހީތެރިކަމެއް ދޭނެކަމުގެ ޔަގީންކަން ދެއްވާފައެެވެ. ހާއްސަކޮށް، ދަރިވަރުންނަށް ބޭނުންވާ ސްޓައިޕެންޑާއި ޓިއުޝަން ފީ ޖަމާކޮށްދިނުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

"އެ ޔަޤީންކަންދެން. މިސާލަކަށް، ސްކޮލަރޝިޕްގައި އައިސް ތިބި ކުދިން. އަދި ލޯނު ނަގައިގެން އައިސް ތިބި ކުދިން. އަދި އަމިއްލަ ޚަރަދުގައި އައިސް ތިއްބަސް. އެއްވެސް ކަމެއްގައި ސަރުކާރުގެ ތެރެއިން ކަމެއް ކޮށްދިނުމުގައި އެހީތެރިކަން ބޭނުންވަންޏާ އަދި ނުވެ އޮތް ކަމެއް  ވިޔަސް އެކަމެއް އަޅުގަނޑު ކޮށްދޭނަން އިރާދަކުރެއްވިއްޔާ. ސަރުކާރުގެ ނިޒާމު ތެރެއިން އަވަސްކޮށްދިނުމާއި ފަހިކޮށްދޭނަން." ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ދަރިވަރުންނަށް ޖަވާބުދާރީ ވުމުގައި ލަސްތަކެއް ކުރިން އުޅުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި، ދަރިވަރުންގެ އީމެއިލްތަކަށް ޖަވާބުދިނުން ލަސްވުން ފަދަ މައްސަލަތައް ހައްލުވާނެ ކަމަށެވެ. 

" އީމެއިލަށް ޖަވާބު ދިނުން ލަސްވުން ކަހަލަ ކަންތައްތައް. އެކަންކަން އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑު ހަމަ އެޑްރެސްކުރާނަން. ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކެއް މިއީ. އެކަންކަން އިރާދަކުރެއްވިއްޔާ ރަނގަޅުކޮށް، އެފިޝެންޓްކޮށްދީ، އިރާދަކުރެއްވިއްޔާ ފަސޭހަތައް ގެނެސްދޭނަން. އަވަސްކޮށް، ޖަވާބުދިނުމާއި، އަވަހަށް އޮން ޓައިމް، އެ ލިބެންޖެހޭ ފައިސާ، ޖަމާކޮށްދިނުންވިޔަސް ކަންކަމަށް، މިކަންކަން ރަނގަޅުކޮށްދިނުން ކަންތައް ކޮށްދޭނަން އިރާދަކުރެއްވިއްޔާ." ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތައް ޚުދު އެމަނިކުފާނު ކިޔަަވާވިދާޅުވިއިރު  އިހުސާސް ކުރެއްވުނުކަން ފާހަގަކުރައްވަމުން، އެ ތަކުލީފުތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވުމާއެކު، އެމަނިކުފާނު ވަނީ ދަރިވަރުންގެ ތައުލީމަށް ހުރަސްއެޅޭ ހުރިހާކަމެއް ކަމާއިބެހޭ އިދާރާތަކާއި މަޝްވަރާކޮށް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދަރިވަރުންނަށް ދެެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު