ENGLISH
12 ޖުލައި 2025
ރައީސްގެ ދަތުރުފުޅުން ދިވެހި ދަރިވަރުންނަށް އުފަލެއް: ރޯޒްމަންޓް އެވެނިއު، މޯލްޑިވްސް ސްޓޫޑަންޓްސް އެސޯސިއޭޝަން-ޔޫ.ކޭ އާ އަލުން ހަވާލުކުރައްވައިފި
05 އޭޕްރީލު 2025
|
ރައީސް، ޔޫކޭގައި ކިޔަވާ ދިވެހި ދަރިވަރުންނާއެކު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ނަންބަރ 9 ރޯޒްމޮންޓް އެވެނިއު، މޯލްޑިވްސް ސްޓޫޑަންޓްސް އެސޯސިއޭޝަން-ޔޫ.ކޭ (އެމް.އެސް.އޭ- ޔޫ.ކޭ) އާ އަލުން ހަވާލުކުރައްވައިފި އެވެ.
ޒަމާނުއްސުރެ، އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުން ދިރިއުޅުމަށާއި، ނާދީއެއްގެ ގޮތުގައި ބޭނުންކުރަމުންއައި މި ޢިމާރާތް ދުވަސްކޮޅަކަށް، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ބޭނުމަށް ވަނީ ނަގައިފައެވެ. އެހެންނަމަވެސް، މިއަދުން ފެށިގެން، އެ ޢިމާރާތް ވަނީ، އެމް.އެސް.އޭ- ޔޫ.ކޭ އާ ރަސްމީގޮތުން ހަވާލުކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރެއްވި ޒިޔާރަތުގައި އިއްޔެ ވަނީ، އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއެކު މެންދުރުގެ ފަރީއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.
މި ފަރީއްކޮޅުގައި އެމަނިކުފާނު ވަނީ، ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ދަރިވަރުންގެ ސިއްޙަތާއި، ދިރާސީ މަސައްކަތްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވައިފައެވެ. އަދި މި ސަރުކާރުން، ދަރިވަރުންނަށް ހުރި ދަތިތައް ލުއިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވައިފައެވެ.
ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ތަނެއްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ކަމެކެވެ.
ރައީސް ވަނީ ލިވަޕޫލްގައި ވެސް ދިވެހި ދަރިވަރުންނާ ބައްދަލު ކުރައްވާ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފަ އެވެ.