ENGLISH
11 އޭޕްރީލު 2025
މުޝްފިޤުގެ އުންމީދަކީ ޤުރުއާން ހިތުދަސްކުރުން، ހަ ފޮތް އޮތީ ދަސްކޮށްފައި
04 އޭޕްރީލު 2025
|
މުޝްފިޤު އާއި އޭނާގެ ކޮއްކޮ ބޯޓްގައި: އެ ދަތުރުގައި މުޝްފިގު ވަނީ ގެއްލިފައި -- ފޮޓޯ: މުޝްފިގުގެ ބައްޕަ ޝަރީފް
ލ. މާވަށު އަހިމާގެ، އުމުރުން 25 އަހަރުގެ އަލީ މުޝްފިޤު މުހައްމަދު ޝަރީފް އާއިލާގެ ކައިރިއަށް ރަށަށް ދިޔައީ ރަމަޟާން މަހުގެ ފަހު ދިހަޔަކާއި ޢީދު ދުވަސްތައް އާއިލާއާ އެކުވެރީންނާ އެކު ހޭދަކޮށްލުމަށެވެ. އުފާވެރި ދުވަސްތަކަކަށް ފަހު އެނބުރި މާލެ އައުމަށް ފުރީ މިދިޔަ ބުދަ ދުވަހުގެ ހެނދުނު އެވެ.
އެއީ ލާމު އަތޮޅާއި ތ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރާ "ހޮޅުދޫ ބޯޓް" ގަ އެވެ. އެ ދަތުރުގައި މުޝްފިޤުގެ ކޮއްކޮ، މިމްޝާވީ ވެސް ބައިވެރިވި އެވެ. އެ ދެ ކުދީންގެ މަންމައާ ދެ އަންހެން ކޮއްކޮއާ އެކު ބަނދަރުމައްޗަށް ނިކުތީ އެ ދުވަހުގެ ހެނދުނު 8:50 ހާއިރު އެވެ. ބޯޓް ނައްޓާލަން އޮތީ 9:00 ގަ އެވެ.
ގަޑިޖެހެންވާއިރަށް ދެ ކުދީން ވެސް ބޯޓަށް އަރާ ހަމަޖެހިލި އެވެ. ނަމަވެސް އެ ދެ ކުދީން ދެކެ އިންތިހާާއަށް ލޯބިވާ ކުޑަ އަންހެން ކޮއްކޮގެ ރުއިމުގެ އަޑު އިވޭތީ އާއި މަންމައާ ބައްޕައަށް ފުރުމުގެ ކުރީން ސަލާމް ކޮށްލަން ބޯޓުން ބޭރަށް ނިކުމެލި އެވެ.
އަދި ވަރަށް ހިނިތުންވެ ތިބެ ދެ ކުދީން އާއިލާއަށް ފަހުގެ ސަލާމް ކޮށްލި އެވެ.
"އަޅުގަނޑުގެ ހަގު ދަރިފުޅު ވަރަށް ލޯބިވާނެ މުޝްފިޤު ދެކެ. އެހެންވީމަ އޭނާ ފުރާތީ އެކަމާ ދެރެވެގެން ރުއީ. ދެން އަޅުގަނޑުގެ ފޯނު ދީފަ ބުނެފިން ބޭބެމެންގެ ވަރަށް ރީތި ފޮޓޯއެއް ނަގާށޭ. މިއީ އެ ދަރިފުޅު ނެގި ފޮޓޯ. އެކަމަކު މިއީ އަޅުގަނޑުގެ ދޮށީ ދަރިފުޅުގެ އެންމެ ފަހުގެ ފޮޓޯއަށް ނުވުން އެދެނީ،" އެމްއެމްޓީވީއާ ވާހަކަ ދައްކަމުން މުޝްފިޤުގެ ބައްޕަ މުޙައްމަދު ޝަރީފް މިއަދު ބުންޏެވެ.
ޝަރީފް ބުނި ގޮތުގައި ދެ ފިރިހެން ދަރީން ކުރީން ވެސް ބޯޓްގައި ދަތުރުކުރެ އެވެ. އެއީ އެ ކުދީންނަށް އާ ކަމެއް ނޫނެވެ. ނަމަވެސް މި ދަތުރު ޝަރީފަށް ވެސް ތަފާތު އިޙުސާސެއް ކުރެވުނެވެ.
އެކަން އޭރު ނޭނގުނީ އެވެ. އެކަމަކު އެހެންޏާ ދުވަހަކު ވެސް ނުވާ ކަހަލަ އުނދަގޫތަކެއް ޝަރީފަށްވި އެވެ.
"ވަރަށް އެހެން ކަހަލަ ބުނަން ނޭނގޭ ކަހަލަ އިޙުސާސެއް ކުރެވުނު އެވަގުތު. ހަަމަ ވަަރަށް އުނދަގޫވީ. އެކަމަކު ނޭނގޭތާ އޭރު މިވާން އުޅެނީ ކިހިނެތް ކަމެއް. ދެން ވަރަށް ހޫނު ވެސް ގަދަ ދުވަހަކަށް ވެފައި އެހެން ވެގެން ވީކަމެކޭ ހިތަށް އެރީ. މި ހާދިސާ މިހެން ހިނގީމަ މި ގުޅުވާލެވެނީ އެހެންވެގެން ވީ އުނދަގުލެއްކަން. އަޅުގަނޑުމީ އެ ކުދީންގެ ބައްޕަ. އެހެންވީމަ އެ އިޙުސާސް ކުރެވިދާނެ ދެއްތޯ،"
މުޝްފިގު (ކ) އާއި މިމްޝާވީ.
މުޝްފިޤަކީ އެންމެ ކުޑައިރުން ފެށިގެން ކީރިިތި ޤުރުއާނަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ބެހެއްޓި ދަރިވަރެކެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކުރި އެވެ. މާވަށު ސުުކޫލުން ގުރޭޑް ދިހަޔަކާ ހަމައަށް ކިޔެވިއިރު ސުކޫލުގައި ބާއްވާ ހުރިހާ މުބާރާތްތަކުން އެންމެ ރަން ވަނަ ހޯދި ދަރިވަރަކީ އޭނާ އެވެ.
ލ. އަތޮޅު ޤުރުއާން މުބާރާތުން ދެ ފަހަރު އެއްވަނަ ހޯދި އެވެ. ޤައުމީ ޤުރުއާން މުބާރާތުން ދެވަނަ ހޯދި އެވެ.
ރަށުގެ މިސްކިތްތަކުގައި ވަރަށް ގިނައިން އިމާމުވެ ނަމާދު ކުރެ އެވެ. މި އަހަރު ވެސް ފަހު ދިހައިގައި އިމާމުވެ ދަމު ނަމާދު ކުރި އެވެ. ދަމު ނަމާދުގައި ދިގުކޮށް އެހާމެ ރީތިކޮށް ކިޔެވި އެވެ. މުޝްފިޤުގެ ބައްޕަ، މުހައްމަދު ޝަރީފަކީ ވެސް މުދިމެވެ.
ޝަރީފްގެ ދެމަފިރީންގެ އެންމެ ބޮޑު ހުވަފެނަކީ ހުރިހާ ކުދީން ވެސް ކީރިތި ޤުރުއާން ހިތުން ދަސްކޮށް ޙާފިޒުންނަށް ވުމެވެ. އެ އުންމީދު ހާސިލުކޮށްދޭން މުޝްފިޤު ވަރަށް ބޭނުންވި އެވެ. އެކަމަށް މަސައްކަތް ވެސް އޮތީ ފަށައިފަ އެވެ.
ހަ ފޮތް ވަނީ ހިތުން ދަސްކޮށްފަ އެވެ. އަދި މިހާރު ކިޔަވަމުންދާ ޕްރޮގްރާމް ނިމުމުން އަލުން އެ މަސައްކަތް ފެށުމަށް ވަރަށް ބޮޑަށް އޮތީ ގަސްދު ކޮށްފަ އެވެ. ވަޒީފާ އަދާކުރަމުން މުޝްފިޤު ގެންދިޔައީ އާކިޓެކްޗާ އިން ޑިގްރީއަށް ކިޔަވަމުންެނެވެ. އޭރު ކުރީން ޤުރުއާންގެ ޢިލްމުން ޑިޕްލޮމާ ވަނީ ހާސިލުކޮށްފަ އެވެ.
ބޯޓުގައި ރޯވި ހާދިސާގައި ގެއްލުނު މުޝްފިގު.
އެންމެ ޒުވާން އުމުރުގައި މުޝްފިޤު ފާހަގަ ކުރެވުނީ މާވަށުގެ ނަމޫނާ ޒުވާނެއްގެ ގޮތުގަ އެވެ. އެއީ އެންމެންގެ ލޯބި ޒުވާނެކެވެ.
އޭނާގެ އެންމެ ޚާއްސަ ސިފައަކީ އެހެން މީހުންނަށް އިޙްތިރާމް ކުރުމެވެ. ދީނީ ކަންކަމަށް ޚާއްސަ ސަމާލު ކަމެއް ދިނުމެވެ.
"ދުވަހަކު ވެސް އަޅުގަނޑުމެން ދެ މީހުން މޫނުމަތީ އެއްޗެއް ނުބުނޭ. ކަމަކާ ހިތްހަމަނުޖެހުނަސް ބަހެއް ނުބުނާނެ. އެހެން މީހަކާ ދިމާއަށް ވެސް އެއްޗެއް ނުބުނާނެ. ވަރަށް އަޚުލާގު ރަނގަޅު ކުއްޖެއް އެއީ،"
މުޝްފިޤަކީ ތައުލީމީ ގޮތުން ވެސް މާވަށުން ފާހަގަ ކޮށްލެވުނު ދަރިވަރަކެވެ. އޯލެވެލްގައި ގަދަ ނުވަވަނައިގައި ހިމެނުނެވެ.
ބުދަ ދުވަހުގެ ރޭ "ހޮޅުދޫ ބޯޓް" ގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މުޝްފިޤު ގެއްލުމަކީ އާއިލާއާ މާވަށާއި އޭނާގެ ހުރިހާ އެކުވެރީންނަށް ލިބުނު ފުން ހިތާމައެކެވެ. މުޝްފިޤުގެ ރީތި ކިޔެވުމުގެ ވީޑިއޯތަކާއި އޭނާގެ އެކި ވާހަކަތަކާ އެކު މުޝްފިޤު ގެއްލުން ވެގެން ދިޔައީ މުޅި ރާއްޖެއަށް ވެސް ލިބުނު ބޮޑު ހިތާމައަކަށެވެ.
އެންމެންގެ ހެޔޮ ދުޢާ މިއަދު ވަނީ އެ ޒުވާނާއާ އެކު އެވެ. ހެޔޮ ޙާލުގައި އެ ޒުވާނާ ފެނުމަކީ އެންމެންގެ ދުޢާ އެވެ.