ENGLISH
11 އޭޕްރީލު 2025
ލޯނަށް އެދޭއިރު ހުށަހަޅާ ކޯޓޭޝަންގެ ސައްހަކަން ކަށަވަރު ކުރުމަށް އެސްޑީއެފްސީން އިލްތިމާސްކޮށްފި
04 އޭޕްރީލު 2025
|
އެސްޑީއެފްސީ. ލޯނަށް އެދި ހުށަހަޅާއިރު ސަމާލުކާން ވަނީ އިލްތިމާސްކޮށްފަ. ފޮޓޯ: ރައީސް އޮފީސް
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހުޅުވާލާފައިވާ ވިޔަފާރި އެހީ ލޯނުގެ ފުރުޞަތުތަކުގައި، ލޯނަށް އެދޭ ފަރާތްތަކުން ކޯޓޭޝަން ނަގާއިރު، ކޯޓޭޝަން ދޫކުރާ ފަރާތަކީ އެ ކޯޓޭޝަނުގައި ހިމެނޭ މުދަލާއި ޚިދުމަތްތައް މާކެޓްގައި ވިއްކުމުގައި ހަރަކާތްތެރިވާ ފަރާތެއްތޯ ކަށަވަރުކުރުމަށް އެސްޑީއެފްސީން އިލްތިމާސްކޮށްފިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެސްޑީއެފްސީން މާޗު މަހުގެ 16 ވަނަ ދުވަހު ވަނީ ވިޔަފާރި އެހީގެ ލޯން ސްކީމަށް ހުޅުވާލައިފައެވެ.
އެ ސްކީމްގެ ދަށުން ލޯނަށް އެދެވޭނީ މުދާ ގަތުމަށާއި ދުވަހުން ދުވަހަށް ބޭނުންވާ ވިޔަފާރީގެ ޚަރަދުތައް ކުރުމުގެ އިތުރުން ހިނގަމުންދާ ވިޔަފާރިއާ ގުޅުންހުރި ދާއިރާގެ ތެރެއިން މެޝިނަރީ އާއި އިކުއިޕްމަންޓް ގަތުމަށެވެ. އެ ސްކީމަށް އެދި ހުށަހަޅާއިރު މުދަލުގެ ތަފްސީލާއެކު ކޯޓޭޝަން ހުށަހަޅަން ޖެހެއެވެ.
"ކޯޓޭޝަން ދޫކުރާ ފަރާތަކީ އެފަދަ މުދަލާއި ޚިދުމަތްތައް ވިއްކުމުގައި ހަރަކާތްތެރިވާކަން ކަށަވަރު ނުކުރެވޭ ފަރާތެއްނަމަ، ކަށަވަރުކުރެވޭ އެހެން ވިޔަފާރިއަކުން އާ ކޯޓޭޝަނެއް ހޯދަންޖެހޭނެ،" އެސްޑީއެފްސީގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ވިޔަފާރި އެހީގެ ފުރުސަތު ހުޅުވާލީ ކުރު މުއްދަތުގެ ލިކުއިޑިޓީ ބޭނުންތައް ފުއްދުމަށާއި، ދުވަހުން ދުވަހަށް ދިމާވާ ކޭޝްފްލޯގެ ދަތިތަކުން އަރައިގަތުމަށް ބޭނުންވާ ފައިނޭންސިން ހައްލު ހޯދައިދިނުމަށް ކަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ.
ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އަދަދަކީ 1.5 މިލިއަން ރުފިޔާއެވެ.
އެސްޑީއެފްސީން ހުޅުވާލި ވިޔަފާރި އެހީގެ ފުރުސަތާއެކު ހިނގަމުންދާ ވިޔަފާރިތައް ކުރިއަރުވައި، ދެމެހެއްްޓެނިވި ފައިދާއެއް ހޯދުމަށް އެހީއަކަށް ވެގެންދާނެއެވެ.