ENGLISH

10 އޭޕްރީލު 2025

Advertisement

ރައީސްގެ ޖެނެރޭޝަން ބޭން ޕޯލް: 2000 ގެ ފަހުން އުފަންވި މީހުންނަށް ތާއީދު ބޮޑު

04 އޭޕްރީލު 2025

|

އާމިނަތު މައިހާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ދުންފަތުގެ ބާވަތްތައް މަނާކުރަންވީ އުމުރާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އާއްމު ރައްޔިތުންގެ ޚިޔާލަށް ހުޅުވާލި ޕޯލުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން ތާއީދު ބޮޑީ 2000 ވަނަ އަހަރުގެ ފަހުން އުފަންވީ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރަން ކަމަށް ދައްކައިފިއެވެ.

މި ޕޯލް ހުޅުވާލައްވާފައި ވަނީ ރައީސްގެ ރަސްމީ އެކްސް އެކައުންޓްގައެވެ. 

ރައީސްގެ މި ޕޯލްގައިވަނީ ތިން އުމުރުފުރާއެއް ފާހަގަކުރައްވާފައެވެ. އެއީ 2007 ޖަނަވަރީ 1 ގެ ފަހުން އުފަންވި މީހުންނާއި 2004 ޖަނަވަރީ 1 ގެ ފަހުން އުފަންވި މީހުންނާއި 2000 ޖަނަވަރީ 1 ގެ ފަހުން އުފަންވި މީހުންގެ އުމުރުފުރާއެވެ.

މިހާތަނަށް 4،198 މީހުން ވޯޓު ލާފައިވާއިރު، ޖުމްލަ ވޯޓުގެ 51.4 އިންސައްތަ މީހުން ވޯޓު ލާފައިވަނީ 2000 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތުގެ ބޭން ގެނައުމަށެވެ. އަދި 41.1 އިންސައްތަ މީހުން 2007 ގެ ފަހުން އުފަންވި ކުދިންނަށް ބޭން ގެނައުމަށް ވޯޓު ލާފައިވާއިރު، އެންމެ ތާއީދު މަދީ 2004 ގެ ފަހުން އުފަންވި ކުދިންނަށް ބޭން ގެނައުމަށްކަން ވަގުތީ ނަތީޖާއިން ދައްކައެވެ. އެގޮތުން މި އުމުރުފުރާއަށް ވޯޓު ދީފައިވަނީ 7.6 އިންސައްތަ މީހުންނެވެ. 

ރައީސް ވިދާޅުވެފައި ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ އުމުރެއް ތަންފީޒު ކުރަން ނިންމަވާފައިވާ ކަމަށެވެ. އެއީ ދުންފަތުގެ ސަބަބުން ލިބޭ ގެއްލުންތަކުން ދިވެހި ޒުވާން ޖީލާއި އަންނަން އޮތް ޖީލުތަކުގެ ސިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން މަސަތްކަތް ކުރަނީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލަ ހައްލުކުރުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މި ގައުމުގެ ޅަދަރިން ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުރަގަނޅު އާދައަކަށް ދޫކޮށްލައިގެން ސަރުކާރެއް އޮންނަންވީ އެއްވެސް ސަބަބެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު