ENGLISH

10 އޭޕްރީލު 2025

Advertisement

މާތް اللهއަށް ބިރުވެތިވެ، ތަޤްވާވެރިވާ މީހުންނަކީ، އުނގެނޭ ޢިލްމާ އެއްގޮތަށް އަމަލުކުރާ މީހުން: ޚުތުބާ

04 އޭޕްރީލު 2025

|

ފަޒީލް ޢަބްދުލް ލަތީފު

އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން.

މާތް الله އަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަޤްވާވެރިވާ މީހުންނަކީ، ޢިލްމު އުނގެނި އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުންކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ތަޤްވާވެރީންނަކީ އެންމެ މާތް މީހުންކަމުގައި އަންގަވައި މާތްﷲ ވަޙީކުރައްވައިފައިވާ ބަސަފުޅެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، اللهގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، اللهއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ."

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "ޢިލްމު އުނގެނުމުގެ މާތްކަން" އެވެ. ޢިލްމު އުނގެނުމުގެ މާތް ކަމަށް އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ޚުތުބާގައި ޤުރްއާނާއި ޙަދީޘުން ހެކިދައްކައި، ޢިލްމުވެރިންގެ މަތިވެރިކަމާއި ދަރަޖަ ވަނީ ބަޔާންކޮށްދީފައެވެ.

ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވަނީ، ޢިލްމު އުނގެނުމަކީ މަތިވެރި މަޤާމެއް ލިބިގެންވާ އަޅުކަމެއް ކަމަށާއި، ޢިލްމު އުނގެނުމަށް މާތް ނަބިއްޔާވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމަށެވެ. އަދި ބަދުރު ހަނގުރާމައިގެ އަސީރުން މިނިވަންވުމަށް ފިދުޔައިގެ ބަދަލުގައި މުސްލިމް ދިހަ ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށްދިނުން ޝަރުޠު ކުރެއްވުމުން ޢިލްމުގެ މަޤާމުގެ މަތިވެރިކަން ވަރަށް ރަނގަޅަށް ދޭހަވެގެންދާކަމަށް ވެސް ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.

ހެޔޮކަންކަމަށް އެދެން ބޭނުންވާ މީހުން ޝަރުޢީ އިލްމު އުނގެނުމަށް ވަގުތު ހުސްކުރުމުގެ މުހިންމުކަމަށްވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ އަލިއަޅުވާލައިފައެވެ. މިގޮތަށް ޢިލްމު އުނގެނުމަށް ކޮންމެ ދުވަހަކުވެސް ވަކި ވަގުތުކޮޅެއް ހުސްކުރުމަށް ބާރުއަޅާފައިވަނީ، ޢިލްމު އުނގެނުމަކީ އެކަމެއްގެ ސަބަބުން ތިމާއަށާއި އެހެން މީހުންނަށްވެސް އޭގެ ލާބަޔާއި މަންފާ ލިބިގެންދާ ކަމަކަށްވާތީއެވެ. އަދި ޢިލްމުވެރިޔާ މަރުވުމަށްފަހުގައި ވެސް، އޭނާ އުނގެނިފައިވާ އަދި އެހެން މީހުންނަށް ފޯރުކޮށްދީފައިވާ ޢިލްމަކުން ފައިދާ ކުރާނެކަމަކަށްވާތީއެވެ.

ޚުތުބާގައި އިތުރަށް ބުނީ ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި ނަބީބޭކަލުން މީސްތަކުންނަށް ވާރުތަކުރެއްވީ ޢިލްމު ކަމަށެވެ. މި ބިންމަތީގައިވާ ނަބީބޭކަލުންގެ ވާރިސުންނަކީ އިލްމުވެރިން ކަމުގައެވެ. އަދި އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާ މާތްވެގެންވަނީ ތަރިތަކުގެ މައްޗަށް ހަނދު މާތްވެގެންވާ ފަދައިން ކަމަށެވެ. 

ޚުތުބާގައި ފާހަގަކުރި ގޮތުގައި ޢިލްމު އުނގެނުމަކީ ތިމާއަށާއި އެހެން މީހުންނަށް ނުހަނު ފައިދާ އާއި ލާބަހުރި ކަން ކަމަށެވެ. އަދި ޢިލްމުވެރިޔާ މަރުވުމަށް ފަހު ވެސް، އޭނާ އުނގެނި، އެހެން މީހުންނަށް ފޯރުކޮށްދީފައިވާ ޢިލްމެއްގެ ފައިދާ ކުރާނެ ކަމަށެވެ. 

ޚުތުބާ ނިންމާލަމުން، ދީނީ ޢިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތް ކުރުމަށާއި، އެ ކަމުގެ މާތް ދަރަޖައާއި ހެޔޮކަން ލިބިގަތުމަށް އިރުޝާދު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު