ENGLISH
10 އޭޕްރީލު 2025
މުޅި ލޯންޗުގައި ހުޅުހިފީ ދެ މިނެޓްތެރޭ، ހަ މިލިއަން ރުފިޔާގެ ގެއްލުން
04 އޭޕްރީލު 2025
|
ލޯންޗުގައި ހުޅުހިފާފައި: އަލިފާނުގެ ހާދިސާގައި ހަ މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފައި. -- ފޮޓޯ: ސޯޝަލް މީޑިއާ
އއ. ހިމަންދޫ ފަޅުގައި އޮތް "ކައެލް ކިންގް" ދިޔައީ މިއަދު ހެނދުނު އޮތް ދަތުރަށް ތައްޔާރުވަމުންނެވެ. ރަށުން ފުރުން އޮތީ ހައެއް ޖަހާއިރު އެވެ. ދަތުރަށް ލޯންޗު އޮތީ ފުރިހަމައަށް ތައްޔާރު ކޮށްފަ އެވެ.
އެހެން ކަމުން ކެޕްޓަނާއި ފަޅުވެރީން ލޯންޗަށް އެެރީ 5:45 ވާން ކައިރިވެފައި ހުއްޓަ އެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއްގެ ފަހުން އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގާ މުޅި ލޯންޗު އެކީ އަނދައިގެން ދިޔައީ އެވެ.
"އެމްއެމްޓީވީ" އާ ވާހަކަ ދައްކަމުން "ކައެލް ކިންގް" ގެ ވެރިމީހާ އަހްމަދު ނައީމް ބުނި ގޮތުގައި ލޯންޗުގައި ކުއްލިއަކަށް ރޯވީ އެވެ. އަލިފާން ރޯވީ އިންޖީނު ސްޓާލިކޮށްލި ވަގުތު އެވެ.
"ހަމަ ކުއްލިއަކަށް ރޯވީ. ފަޅުވެރި ކުއްޖަކު ވެސް ބުނި އިންޖީނު ރޯކޮށްލި ވަގުތު ގަދަ އަޑެއްކިޔާފައި ކުއްލިއަކަށް ރޯވީ،"
ނައީމް ބުނި ގޮތުގައި އެގޮތަށް އިންޖީނުގައި ރޯވާން ދިމާވި ސީދާ ސަބަބެއް ނޭނގެ އެވެ. އޭނާ އެންމެ ހައިރާން ކަމާއެކު ފާހަގަ ކުރީ އަލިފާންގަނޑު ފެތުރުލެއް އަވަސް ކަމެވެ. ނަޢީމްގެ އަންދާޒާގައި މުޅި ލޯންޗަށް އަލިފާންގަނޑު ފެތުރި ބޮޑު އަލިފާންގަނޑެއް ރޯވުމަށް ހޭދަވީ ދެ މިނެޓެއްހާއިރުގެ ވަގުތުކޮޅެކެވެ.
އެހާ ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ލޯންޗުގެ ތެރެއަށް ފެތުރި ގަދައަށް ރޯވެގަތެވެ. އަދި ގިނައިރުތަކެއް ނުވެ ލޯންޗުގެ ބޮޑުބައެއް އަނދާ ފަޅުތެރެއަށް އަޑިއަށް ދިޔަ އެވެ.
ލޯންޗު ފެރީގެ ވިޔަފާރީގައި ކުރިއަށް ދިއުމަކީ ނައީމުގެ ވަރަށް ބޮޑު އުންމީދެކެވެ. އަރިއަތޮޅަށް ދަތުރުކުރާ މީހުންގެ އެންމެ މަގުބޫލު ފެރީއަށް އޭނާގެ ފެރީ ހެދުމަށް އަބަދުވެސް ޚާއްސަ އިސްކަމެއް ދިނެވެ.
ފަންސާސް މީހުންގެ ޖާގައިގެ ބޮޑު ލޯންޗެއް ހޯދީ ވެސް އެ އުންމީދުގަ އެވެ. ލޯންޗު ގަތުމަށް ފަހު ލޯންޗަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނައީ ވެސް އެ ބޭނުމުގަ އެވެ. ވަރަށް ބޮޑު މަރާމާތެއް ކުރި އެވެ.
އެ މަރާމާތަށް ފަހު ލޯންޗު ބޭލީ މިދިޔަ ރަމަޟާން މަހުގެ 17 ވަނަ ދުވަހު އެވެ. އަދި މަހެއްހާ ދުވަސްވެސް ނުވެ އެވެ. މިހާތަނަށް ކުރެވުނީ މަދު ދަތުރުތަކެކެވެ.
ނަޢީމް ބުނި ގޮތުގައި ލޯންޗު އަނދައިގެން ދިޔަ ހާދިސާގައި އޭނާއަށް ލިބުނީ ވަރަށް ބޮޑު ގެއްލުމެކެވެ.
"ހަމައެކަނި ލޯންޗުގެ އަގަަށް ބަލާނަމަ އެއީ ހައެއްކަ މިލިއަން. އެހެންވީމަ ވަރަށް ބޮޑު ގެއްލުމެއް މި ލިބުނީ. އަޅުގަނޑު މި ލޯންޗު ގަތުމަށް ފަހު ވަަރަށް ބޮޑު މަރާމާތެއް ކުރިން. ވަރަށް ބޮޑު މަރާމާތެއް އެއީ. އަދި މަރާމާތުކޮށް ނިންމާފައި ބޭލިތާ މިވީ 18 ވަރަކަށް ދުވަސް. ދެން ވިސްނަވާ. ވަރަށް ބޮޑު ގެއްލުމެއް މިއީ."
"ކައެލް ކިންގް" ގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ލޯންޗު ވަނީ މުޅީން އަނދައިގެން ގޮސްފަ އެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެ އެވެ.