ENGLISH
10 އޭޕްރީލު 2025
ހިމަންދޫ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ އަޑިއަށް ހިނގައްޖެ
04 އޭޕްރީލު 2025
|
ހިމަންދޫ ފަޅުގައި އޮތް ލޯންޗުގައި ރޯވެ އަނދަމުން ދަނީ. --ފޮޓޯ: އެމްވީ ކްރައިސިސް
އއ. ހިމަންދޫ ފަޅުގައި އޮތް ލޯންޗެއްގައި ރޭ ފަތިހު އަލިފާން ރޯވެ އެ ލޯންޗު އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އ. އަތޮޅުގެ ރަށްތަކާއި މާލެއާ ދެމެދު ފެރީ ދަތުރުކުރާ 50 މީހުންގެ ޖާގައިގެ ކައެލް ކިންގް ނަމަކަށް ކިޔާ ބޮޑު ލޯންޗުގައި އަލިފާން ރޯވެފައިވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ފަތިހު 5:50 ގަ އެވެ.
ލޯންޗުގައި އަލިފާނުގެ ހާދިސާ ހިނގި އިރު ކެޕްޓަނާއި ދެ ފަޅުވެރިން އަދި ކުޑަކުއްޖަކު ލޯންޗުގައި ހުރި ކަމަށް ފުލުހުން ބުންޏެވެ. އަލިފާނުގެ ހާދިސާގައި ދެ ފަޅުވެރިންނަށް ކޮންމެވެސް ވަރަކަށް އަނިޔާވި ނަމަވެސް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ހިމަންދޫ ފަޅުގައި އޮތް ލޯންޗުގައި ރޯވެ އަޑިއަށް ގޮސްފައި. --ފޮޓޯ: ޕޮލިސް
ފެރިދޫ، މާޅޮސް އަދި ހިމަންދޫ އާއި މާލެއާ ދެމެދު ދަތުރުކުރާ ލޯންޗުގައި ރޯވި އަލިފާން، ފުލުހުންނާއި ހިމަންދޫ ކައުންސިލާއި އާއްމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ނިއްވާލާފައި ވަނީ ހެނދުނު 6.26 ގައެވެ. ނަމަވެސް ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އެ ލޯންޗު މިހާރު ވަނީ ހިމަންދޫ ފަޅުތެރެއަށް އަޑިއަށް ގޮސްފައެވެ.
ހިމަންދޫ ފަޅުގައި އޮތް ލޯންޗުގައި ރޯވެ އަނދަނީ. --ފޮޓޯ: ޕޮލިސް
ލޯންޗުގައި އަލިފާން ރޯވި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އެ ލޯންޗުގައި އަލިފާން ރޯވެ އަނދަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފަ އެވެ.
މިދިޔަ ބުދަ ދުވަހުގެރޭ ތ. އަތޮޅު ކަނޑޫދޫ ކައިރިއަށް ވެސް މުދާ އުފުލާ ބޯޓެއްގައި ރޯވެ އަނދައި ހުލިވެގެން އަޑިއަށް ގޮސްފައިވެ އެވެ. ތ. އަތޮޅާއި ލ. އަތޮޅު އަދި މާލެއާ ދެމެދު ދުއްވާ ހޮޅުދޫ ބޯޓުގައި އެ ވަގުތު ހުރި އުމުރުން 25 އަހަރުގެ ޒުވާނަކު ގެއްލިގެން އަދިވެސް ދަނީ ހޯދަމުންނެވެ.