ENGLISH
10 އޭޕްރީލު 2025
ރައީސުލްޖުމްހޫރިއްޔާ، ފުޓްބޯލް ފޯރ ޕީސްގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފި
04 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ، ފުޓްބޯލް ފޯރ ޕީސްގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުޓްބޯލް ފޯރ ޕީސްގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަށް މަރުހަބާ ދެންނެވުމުގައި ފުޓްބޯލް ފޯރ ޕީސްގެ އިސްވެރީންގެ ތެރެއިން، އެ ޖަމްޢިއްޔާގެ އެއް ފައުންޑަރ ކަމަށްވާ، ކުރީގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔާ، ކަޝިފް ސިއްދީޤީ އާއި ބްރެޑްފޯޑް ސިޓީ އޮފް ކަލްޗަރ 2025 ގެ ސީއީއޯ ޝަހްނާޒް ގުލްޒާރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި އިވެންޓްގައި ޔުނިވާސިޓީގެ ޕީސް ސެންޓަރާއެކު ފުޓްބޯލް ފޯރ ޕީސް އިން ކުރިއަށްގެންދާ ހަރަކާތްތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އަށް އެރުވިއެވެ. އަދި، ފުޓްބޯޅަ ދަނޑުތަކަށް ޒިޔާރަތްކުރައްވައި، އެ ވަގުތު އެތަނުގައި ތަމްރީންތައް ކުރިއަށްގެންދިޔަ ޒުވާނުންނާ ބައްދަލުކުރެއްވިއެވެ.
ދެހާސް ތޭރަވަނަ އަހަރު އުފެދުނު ފުޓްބޯލް ފޯރ ޕީސް އަކީ އދ. ގެ ސްޕޯޓް ފޯރ ޑިވެލޮޕްމަންޓް އެންޑް ޕީސް އޮފީހުގެ އެހީތެރިކަމާއެކު، އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމަށް ޒުވާނުން ބާރުވެރިކުރުމަށް ފުޓްބޯޅައިގެ އެހީގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ މަދަނީ ޖަމްޢިއްޔާއެކެވެ.
ފުޓްބޯލް ފޯރ ޕީސް އިން ކުޅިވަރުގެ ޑިޕްލޮމަސީ އާއި ލޯކަލް ޕްރޮގްރާމްތަކުގެ ޒަރިއްޔާއިން، ސުލްހަ ކުރިއަރުވައި، އިޖުތިމާޢީ ގޮތުން އެކި ތަފާތު ފަންތީގެ މީހުން ގުޅުވައިދިނުމަށް ބާރުއަޅައިދީ، އެންމެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް މަގުފަހިކޮށްދެއެވެ. އަދި، މި އިނިޝިއޭޓިވްގެ ތެރެއިން ކަންކަމުގައި އަޑުއުފުލުމަށް ނުކުޅެދިފައިވާ މުޖުތަމަޢުތަކަށް ބާރުވެރިކަން ހޯދައިދީ، ޒުވާނުންނަށް ޓީމްވޯކާއި ހަމަނުޖެހުންތަކުން އަރައިގަނެ، އެކަންކަން ހައްލުކޮށްދޭން ދަސްކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން، އެ ފަރާތްތަކުން ބާއްވާ ޗެރިޓީ މެޗުތަކުގައްޔާއި ތަމްރީން ޕްރޮގްރާމްތަކުން ކުޑަކުދިންނާއި، ކޯޗުންނާއި އަދި ޓީމު މެނޭޖަރުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދީ، ދުނިޔޭގެ ފެންވަރުގައި އެތައް ބަޔަކަށް މިކަމުގެ ސަބަބުން ފައިދާތައް ކުރަމުންދެއެވެ.