ENGLISH
10 އޭޕްރީލު 2025
'ޓްރެބަލް' ގެ ވާހަކަދެއްކުން މާ އަވަސް ކަމަށް ފްލިކް ބުނެފި
03 އޭޕްރީލު 2025
|
ބާސެލޯނާގެ ކޯޗު، ފްލިކް. --ފޮޓޯ: ރޮއިޓާސް
ކޮޕަ ޑެލް ރޭ ގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑް ބަލިކުރުމަށްފަހު އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމަށްފަހު ސީޒަނުގެ ތިން ޓްރޮފީ ކާމިޔާބުކޮށް، 'ޓްރެބަލް' ހާސިލްކުރާ ވާހަކަ ދައްކަން އަދި މާއަވަސް ކަމަށް ބާސެލޯނާގެ ކޯޗު، ހަންސީ ފްލިކް ބުނެފިއެވެ.
ފްލިކް މިހެން ބުނީ، އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ފަހަރުގެ ސީޒަނުގައި ރަނގަޅު ކުޅުމެއްދައްކަމުން އަންނަ ބާސެލޯނާ އިން ވަނީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް މެޗަކުން ބަލިނުވެ ޖެހިޖެހިގެން 21 މެޗު ފުރިހަމަ ކޮށްފައެވެ. އަދި، ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން މި އަހަރުގެ ތެރޭގައި މެޗަކުން ބަލިނުވާ ހަމައެކަނި ޓީމަކީ ވެސް ބާސެލޯނާ އެވެ. މި ހުރިހާ ސަބަބުތަކެއް މިހެން އޮތްއިރު، ސްޕެނިޝް ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ކޮޕަ ޑެލް ރޭ ހިމެނޭ ގޮތަށް ބޮޑު ތިން މުބާރާތް ކާމިޔާބުކުރުމުގެ ފުރުޞަތު އެ ޓީމަށް އެބައޮތެވެ.
ނަމަވެސް ފްލިކް ވަނީ 'ޓްރެބަލް' ހާސިލްކުރުމަށް އޮތް ފުރުޞަތާ މެދު ފަރުވާތެރިވެ، އަބަދުވެސް ކުރިއަށް އޮތް މެޗަށް ފޯކަސްކުރުމަށް ކުޅުންތެރިންނަށް އިލްތިމާސްކޮށް، މެޗުތަކުގައި އެއްވެސް ގޯހެއް ނުހެދުމަށް އެދިފައެވެ.
"އަހަރެންނަށް އެނގޭ އެންމެންވެސް ފައިނަލުގެ ވާހަކަ ދައްކަން ބޭނުންވާކަން، 'އެލް ކްލެސިކޯ' އެއް ވީމަ،" ފްލިކް ބުންޏެވެ.
ފްލިކް ބުނީ، ކޮޕަ ޑެލް ރޭ ގެ ފައިނަލުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް 'އެލް ކްލެސިކޯ' އެއް ކުޅެން ހަމަޖެހިފައި އޮތުމަކީ އޭނާ އެހާ ބޮޑަށް ސަމާލުކަންދޭ ކަމެއް ނޫން ކަމަށެވެ. އެއްވެސް އިރެއްގައި އޭނާ އަކީ މާޒީ ނުވަތަ މުސްތަގުބަލަށް އެހާ ބޮޑަށް ވިސްނާ މީހެއް ނޫން ކަމަށް ފްލިކް ބުންޏެވެ.
އޭނާގެ ޓީމުގެ ކުޅުންތެރިންގެ އަމާޒަކަށްވާން ޖެހޭނީ ކުރިއަށް އޮތް މެޗު ކަމަށާއި، އެހެންކަމުން ހުރިހާ ފޯކަސް އެއް ކުރަންޖެހެނީ ލީގުގައި ކުރިއަށް އޮތް ރެއާލް ބެޓިސް މެޗަށް ކަމަށް ފްލިކް ފާހަގަކުރިއެވެ.
"އާނ، މި ވަގުތު އަހަރެމެން މިއޮތީ ރަނގަޅު ހިސާބެއްގައި... އެކަމަކު މި ދާއިރާގައި ހޭދަކޮށްފައިވާ މުއްދަތުގެ ސަބަބުން ކަންކަން ކިހާ އަވަހަށް ބަދަލުވެދާނެކަން ވަރަށް ރަނގަޅަށް އެނގޭ، އެހެންވީމާ ރަނގަޅަށް ފޯކަސް ކުރަންޖެހޭ،" ފްލިކް ބުންޏެވެ.
ފްލިކް ބުނީ، ހުވަފެން ދެކުމަކީ މައްސަލައެއް ނޫން ކަމަށާއި، އެކަމަކު އޭނާގެ ޓީމުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ބުރަކޮށް މަސައްކަތްކޮށް އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ރަނގަޅަށް ފޯކަސްކުރުން ކަމަށެވެ.
ފްލިކް ބުނީ، އޭނާގެ ޓީމާ މެދު އެންމެންނަށް ވެސް ފަޚުރުވެރިވެވޭނެ ކަމަށާއި، ހުރިހާ ކޯޗިންގ ސްޓާފުން ވެސް ފަޚުރުވެރިވާ ކަމަށެވެ. އޭނާ އަކީ އަބަދުވެސް ވަރަށް ޕޮޒިޓިވް މީހެއް ކަމަށާއި، އެ ޓީމާ ގުޅުނުއިރު ކުރި ފޮނި އުއްމީދުތައް ހަނދާން ނައްތާލަން އޭނާ ބޭނުންނުވާ ކަމަށް ވެސް ފްލިކް ބުންޏެވެ.