ENGLISH

23 މޭ 2026

Advertisement

މަހުގެ ޓެރިފް ކަނޑާލުމަކީ އަމިއްލަ ވިޔަފާރިތައް އިތުރުވާނެ ސަބަބެއް، އެކްސްޕޯޓް ވެސް ދެގުނަ ކުރެވޭނެ: ތަރުޖަމާނު

23 މޭ 2026

|

ޢަލީ ޝަހީމް

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު). ފޮޓޯ: ރައީސް އޮފީސް

ދިވެހި މަހުގެ އުފެއްދުންތަކުން ޓެރިފު ނެގުން 20 މޭ 2026 ވަނަ ދުވަހުން ފެށިގެން ދެ އަހަރަށް ހުއްޓާލުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާއެކު، އެ ވިޔަފާރީގެ ތެރެއަށް ދިވެހި އަމިއްލަ އިތުރު ކުންފުނިތައް ވަންނާނެ ކަމަށާއި، އެއާއެކު މަސް އެކްސްޕޯޓްކުރާ އަދަދު ދެގުނަ އިތުރުވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. 

ތަރުޖަމާނު މިފަދައިން ވިދާޅުވީ 20 އިންސައްތައިގެ ޓެރިފް ކަނޑާލުމަށް އިނގިރޭސިވިލާތުން ނިންމުމާއެކު، މަސް އެކްސްޕޯޓްކުރުމުގައި ރާއްޖެ ތަޖުރިބާކުރާނެ ޑިމާންޑާއި ސަޕްލައިއާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. 

ނޫސްވެރިއެއްގެ ސުވާލަށް ދެއްވި ޖަވާބުގައި ތަރުޖަމާނު ވިދާޅުވީ އިނގިރޭސިވިލާތަށް ކަޅުބިލަމަސް އެކްސްޕޯޓްކުރުމުގައި ރާއްޖެއަކީ އެ މާކެޓުގައި މިވަގުތު 9 ވަނަ ކަމަށެވެ. ރާއްޖެއަށްވުރެ ކުރީގައި ސީޝެލްސް، ސްޕެއިން، ފިލިޕިންސް ފަދަ ޤައުމުތައް އޮތްކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެން މުޅިއަކުން ބަރޯސާވާނީ ދައުލަތުގެ ކުންފުންޏަކަށް ނޫން. ޕްރައިވެޓް ސެކްޓާގެ ރޯލް ވަރަށް ބޮޑުވާނެ މީގަ. ހަގީގަތުގަ އެންމެ ބޮޑު އެއް ސްޓޭކްހޯލްޑާއަކީ ނޫނީ އެންމެ ބޮޑު ފައިދާއެއް ލިބޭނީ އަމިއްލަ ކުންފުނިތަކަށް މި ސިނާއަތުގައި އުޅޭ. އެކްސްޕެކްޓޭޝަނެއް އެބަހުރި މިއައި ބަދަލާއެކުގައި އަމިއްލަ އިތުރު ކުންފުނިތަކެއްވެސް މި މަސައްކަތުގެ ތެރެއަށް ނުކުންނާނެ ކަމަށް" ތަރުޖަމާނު ވިދާޅުވިއެވެ. 

ތަރުޖަމާނު ވިދާޅުވީ މީގެކުރިން އަހަރެއްގެ މައްޗަށް ރާއްޖޭން 25 ވަރަކަށް މިލިއަން ޑޮލަރުގެ ކަޅުބިލަމަސް އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ކަމަށެވެ. 

އާ ބަދަލާއެކީ މާކެޓްގެ ތެރެއަށް ދިވެހި ކުންފުނިތައް ވަންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، މި ޙާލަތުގައި ސަރުކާރު ބަރޯސާވާނީ ހަމައެކަނި ދައުލަތުގެ ކުންފުންޏަށް ނޫންކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. މި އަދަދު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 25 މިލިއަނުން 50 މިލިއަނަށް އުފުލިގެންދިއުމަކީ ކުރައްވާ އުއްމީދެއް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. 

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިން "ނޭޝަން ޗެޓް" ގެ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ޓެރިފް ކަނޑާލުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ. 

އެމަނިކުފާނު ވިދާޅުވީ، މިއަދުގެ ކާމިޔާބީއާ ހަމައަށް ވާސިލުވެވުނީ އެ ޤައުމުގެ ވެރީންނާއި ބައްދަލުވި ހުރިހާ ފަހަރަކު ތަކުރާރުކޮށް ހިއްސާކުރެއްވި ކަންބޮޑުވުންތަކާއި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. ދިވެހި މަހަކީ އިނގިރޭސިވިލާތުގަައި މުހިންމު މާކެޓެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރާއްޖެއަށް މި ލުއި ދޭން އިނގިރޭސިވިލާތުން ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު