ENGLISH
23 މޭ 2026
އެބޯލާއާއި ހަންޓާ ވައިރަސްއަށް އެއާޕޯޓްގައި ދަނީ ސްކްރީން ކުރަމުން: ތަރުޖަމާނު
23 މޭ 2026
|
ރާއްޖެ އައި ފަތުރުވެރިންތަކެއް
އެންމެ މަޤްބޫލު
ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ފެތުރެމުންދާ އޭބޯލާއާއި ހަންޓާ ވައިރަސް ރާއްޖެ އައުމުގެ ފުރުސަތު ކުޑަ ނަމަވެސް އެ ސަރަހައްދުތަކުން ރާއްޖެ އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް އެއާޕޯޓުގައި ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވީ ބަލިތައް ރާއްޖެ އައުމުގެ ފުރުސަތު ކުޑަ ނަމަވެސް ދުނިޔޭގައި ފެތުރެމުންދާ މިފަދަ ބަލިމަޑުކަމުގެ ކާރިސާތަކާ ގުޅިގެން މީގެ ކުރިންވެސް ރާއްޖެއިން ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.
"ފުރުސަތު ކުޑަ އެކަމަކު ހަމަ އެލާޓުގައި އެބަ މަސައްކަތް ކުރައްވާ. ދެ ބަލިމަޑުކަމަށް ވެސް ނަޒަރު ހިންގަވައިގެން ރާއްޖެ އެތެރެވާ މީހުން، ހާއްސަކޮށް އެއާޕޯޓަށް އަންނަ މީހުން ސްކްރީންކުރަމުން ދަނީ،". ތަރުޖަމާނު ވިދާޅުވި އެވެ.
ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރި ކްރޫޒް ލައިނާ އަކުން ފެނުނު ހަންޓާވައިރަސް އާއި ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާއިރު ބަލިތަކުގެ ހާލަތު ގާތުން ބަލަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.
ރާއްޖެއަށް މި ދެ ބަލިމަޑުކަން ވެސް އައުމުގެ ފުރުސަތު އޮތް މިންވަރު ކުޑަ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަލިތައް ފެތުރެމުންދާ ސަރަހައްދުތަކަށް ދަތުރުނުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.