ENGLISH
23 މޭ 2026
އާބެލޯއާ ރެއާލް ދޫކޮށްލާނެކަން ކަށަވަރުކޮށްދީފި
23 މޭ 2026
އަލްވާރޯ އާބެލޯއާ: ރެއާލް ދޫކޮށްދާނެކަން ވަނީ ކަށަވަރުކޮށްދީފައި -- ފޮޓޯ: ރެއާލް މެޑްރިޑް
އެންމެ މަޤްބޫލު
ރެއާލް މެޑްރިޑުގެ ކޯޗުގެ މަގާމުން އަލްވާރޯ އާބެލޯއާ ވަކިވާނެކަން ކަށަވަރުކޮށްދީފިއެވެ.
މި ސީޒަން ނިމުމުން ރެއާލް މެޑްރިޑުގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވާނީ ޖޯޒޭ މޮރީނިއޯ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އުމުރުން 43 އަހަރުގެ އާބެލޯއާ މީގެކުރިން ހުރީ ރެއާލް މެޑްރިޑުގެ ބީ ޓީމުގެ ހެޑް ކޯޗުގެ މަގާމުގައެވެ. އޭނާ ރެއާލް މެޑްރިޑުގެ ސީނިއަރ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޕްރޮމޯޓުކުރީ މިދިޔަ ޖެނުއަރީގައެވެ. އެއީ އޭރު ކޯޗަކަށް ހުރި ޒަބީ އަލޮންސޯގެ ބަދަލުގައެވެ.
މޮރީނިއޯ ވަނީ މީގެ ކުރިން 2010 އިން 2013 އަށް ރެއާލުގެ މެނޭޖަރުކަން ކޮށްފައެވެ. މި ސީޒަނުގައި އޭނާ ހުރީ ޕޯޗުގަލްގެ ޓީމެއް ކަމަށްވާ ބެންފީކާގައެވެ. އޭނާ އަލުން ރެއާލް މެޑްރިޑާ ހަވާލުވުމުގެ ފަހުގެ މަޝްވަރާތައް މިހާރު ދަނީ ކުރަމުންނެވެ.
މި ސީޒަނުގެ ފަހު މެޗުގައި އެތުލެޓިކް ކުލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާބެލޯއާ ބުނީ، އޭނާ ކުލަބު ދޫކޮށް ދަނީ ކަމަށާއި، މޮރީނިއޯގެ ކޯޗިން ޓީމާ ގުޅުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
"މޮރީނިއޯގެ ވަރަށް މޮޅު ޓެކްނިކަލް ޓީމެއް އޮންނާނެ. އޭނާގެ ވަށައިގެން ތިބީ ވަރަށް ގާބިލު މީހުން. އޭނާ މެޑްރިޑަށް އަންނާނީ އޭނާގެ އަމިއްލަ ޓީމާއެކު،" އާބެލޯއާ ބުންޏެވެ.
މިހެން މިކަން އޮތުމުން މޮރީނިއޯ އާއެކު މަސައްކަތްކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ކުރިމަގާ ގުޅޭގޮތުން ދެން ވިސްނާނީ ހޯމަ ދުވަހުން ފެށިގެން ކަމަށް އާބެލޯއާ ވަނީ ބުނެފައެވެ.
2009 އިން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ރެއާލަށް ކުޅުނު އާބެލޯއާ ބުނި ގޮތުގައި، އުންމީދަކީ މިއީ ދާއިމީ ވަކިވުމަކަށް ނުވާނެ ކަމަށެވެ.
"އަހަރެން އުންމީދުކުރަނީ މިއީ ވަގުތީ ވަކިވުމަކަށް ވުމަށް. އަހަރެން އަބަދުވެސް މި ކުލަބަކީ އަމިއްލަ ގެ ފަދައިން ދެކެން. ވޭތުވެދިޔަ 20 އަހަރު ދުވަހު، މެޑްރިޑުގެ ތަފާތު މަގާމުތަކުގައި އަހަރެން އުޅެފިން" އާބެލޯއާ ބުންޏެވެ.
މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބަޔާން މިއުނިކް އަތުން ބަލިވެ ކަޓާފައިވާއިރު، ރެއާލް މެޑްރިޑުން މި ސީޒަން ނިންމާލާނީ ލަލީގާގެ ދެވަނަ މަގާމުގައެވެ. މިއީ ބޮޑު އެއްވެސް މުބާރާތެއްގެ ތަށި ނުލިބި އެ ޓީމުން ޖެހިޖެހިގެން ނިންމާލި ދެވަނަ ސީޒަނެވެ.