ENGLISH

23 މޭ 2026

Advertisement

ރައީސް އޮފީހަށް ހުށައަޅާފައިވާ ހުރިހާ އާރުޓީއައިއަށް ޖަވާބު ދީ ނިންމައިފި: ތަރުޖަމާން

23 މޭ 2026

|

އައިމިނަތު ޝަފާ

ސަރުކާރުގެ އިސް ތަރުޖަމާނު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށައަޅާފައިވާ ހުރިހާ އާރުޓީއައިއަށް ޖަވާބުދީ ނިންމާފައިވަކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ. 

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވީ ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަން ނުހިމެނޭ ހުރިހާ އާރްޓީއައިއަށް އިއްޔެގެ ނިޔަލަށް ޖަވާބުދީ ނިންމާފައި ވާކަމަށެވެ.

"އިއްޔެގެ ނިޔަލަށް އަޅުގަނޑުމެން ސާފުކޮށްލީމި. އިރާދަކުރެއްވިއްޔާ މިހާރު އެހެން ޤާނޫނެެއްގެ ތެރެއިން އަޅުގަނޑުމެންނަށް ހިއްސާނުކުރެވޭނެ މައުލޫމާތެއް. މިސާލަކަށް ޕްރައިވަސީގެ ކަމެއް ނަމަ ބަލަންޖެހޭނެ. އަޅުގަނޑުމެން ދޭ މަޢުލޫމާތަކީ ދެވޭނެ މަޢުލޫމާތެއްތޯ އެބަ ބަލަންޖެހޭ." ތަރުޖަމާނު ވިދާޅުވިއެވެ.   

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށައަޅާފައިވާ ހުރިހާ އާރުޓީއައިއަށް ޖަވާބު ލިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މީގެކުރިން ދެއްވާފައެވެ. އެމަނިކުފާނު އެ ޔަގީންކަން ދެއްވެވީ 11 މޭ 2026 ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

"ދެން ސަރުކާރުގެ އެހެން އިދާރާތަކަށް ފޯރުކޮށްދެންޖެހޭ އެތީތެރިކަން ފޯރުކޮށްދީ، ބާރުއަޅަމުން މިދަނީ އާރްޓީއައިތަކަށް ޖަވާބުދީ ނިންމާލަދޭށޭ. އާރްޓީއައި އެއީ އެއްބައި ގާނުނުގެ އަނެއްބަޔަކީ އިދާރާތަކުން އިސްވެ މައުލޫމާތު ހިއްސާކުރާ ބައި. އެކަންވެސް އަޅުގަނޑުމެން އިސް ނަގައިގެން ސަރުކާރުގެ އިދާރާތަކުގެ ވެބްސައިޓުތަކުން މައުލޫމާތު ސާފުކޮށް ފެންނަން ހުންނާނެ ގޮތަށް ހަމަޖައްސަނީ މި،". ތަރުޖަމާނު ވިދާޅުވި އެވެ. 

ތަރުޖަމާނު ވިދާޅުވީ މައުލޫމާތު ހާމަކުރެވޭ މިންވަރު އިތުރުކޮށް އެކަން ކުރެވެމުންދަނި ރަނގަޅަށްތޯ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް މެދުވެރިކޮށްވެސް ބަލަމުން އަންނަކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ވީހާވެސް ފުޅާ ދާއިރާއެއްގައި މައުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ގާއިމުކުރަންކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. 

ތަރުޖަމާނު ތަކުރާރުކޮށް ވިދާޅުވެފައިވަނީ ގައުމީ ސަލާމަތާގުޅޭ މައުލޫމާތު ހޯދަން އާރުޓީއައި ހުށަހެޅި ނަމަވެސް އެފަދަ މައުލޫމާތު ހިއްސާ ނުކުރެވޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު