ENGLISH
23 މޭ 2026
ހިމަބިހީގެ ކޭސްތައް ފެންނާތީ އައިޖީއެމްއެޗްގައި ހެލްޕް ޑެސްކެއް
23 މޭ 2026
|
އައިޖީއެމްއެޗް
އެންމެ މަޤްބޫލު
ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީ، ހުމާއި ރަތްކުލައިގެ ބިހީގެ ޢަލާމާތްތައް ހުރި ފަރާތްތަކަށް އެހީވުމަށް އައިޖީއެމްއެޗް ގައި ހެލްޕް ޑެސްކެއް ގާއިމްކޮށްފި އެވެ.
އައިޖީއެމްއެޗުން ބުނީ މި ޑެސްކް ގާއިމްކޮށްފައިވަނީ ބޮޑެތިމީހުންގެ ކުއްލި ފަރުވާދޭ ބައި (މެއިން އީއާރް) ގެ އެމްބިއުލަންސް ޕޯޓިކޯ ކައިރީގައި ކަމަށެވެ.
ހެނދުނު 08:00 ން ރޭގަނޑު 23:00 އަށް މި ހެލްޕް ޑެސްކްގެ ހިދުމަތް ލިބޭނެ އެވެ. ރޭގަނޑު 23:00 ގެ ފަހުން ހުމާއެކު ރަތްކުލައިގެ ބިހީގެ ޢަލާމާތެއް ހުރި ބަލިމީހުން ކުއްލި ފަރުވާ ބޭނުންވާ ހާލަތްތަކުގައި ހޮސްޕިޓަލުން ފަރުވާ ހޯދޭނެ އެވެ. އެހެންކަމުން ކުޑަކުދިންނާއި މާބަނޑު މީހުން ހިމެނޭހެން އެއްވެސް މީހެއްގެ ކިބައިން ހުމާ އެކު ރަތްކުލައިގެ ބިހި ނެގުން ފަދަ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށް ހެލްޕް ޑެސްކަށް ރިޕޯޓްކުރުމަށް އައިޖީއެމްއެޗުން އިލްތިމާސްކުރެ އެވެ.
ހިމަބިއްސަކީ ކުރިން ރާއްޖޭން ނައްތާލާފައިވާ ބައްޔެކެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް ޖުމުލަ ހަތް ކޭހެއް ރާއްޖޭން ވަނީ ފެނިފަ އެވެ. އެ ކޭސްތަކުގެ 74 އަށް ވުރެ ގިނަ ކޮންޓެކްޓުން ވަނީ ފާހަގަވެފަ އެވެ.
އައިޖީއެމްއެޗުން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ހުން އައިސް ރަތްކުލައިގެ ބިހި ނަގާފައިވާ ބަލިމީހުން ހޮސްޕިޓަލަށް ދާއިރު މާސްކް އެޅުމަށް އިލްތިމާސްކުރުމާއެކު ބަލިމީހާއާއެކު އެހީތެރިންގެ ގޮތުގައި ވިހާވެސް މަދު ބަޔަކު ހޮސްޕިޓަލަށް ދިއުމަށް އިލްތިމާސްކޮށްފަ އެވެ.