ENGLISH

23 މޭ 2026

Advertisement

ދެ ރައީސުންގެ ކޯޅުން ކުރިއަށް: ނަޝީދު ވިދާޅުވީ 2023 ގެއްލުނީ ސޯލިހުގެ މަގުބޫލުކަން ކުޑަވީމަކަމަށް

23 މޭ 2026

|

އައިމިނަތު ޝަފާ

ސޯލިހާއި ނަޝީދު. ދެ ބޭފުޅުން އަންނަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ފާޑުކިޔުއްވަމުން.

ނިމިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނަކާމިޔާބުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް މަގުބޫލުކަން ކުޑަވުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމުގެ ތެރެއިން އެމްޑީޕީގައި އޭރު ދެ ފެކްޝަނެއް އުފެދުނެވެ. އަދި 2023 ގެ އިންތިހާބާ ދިމާކޮށް އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި ތުހުމަތުތައް އެޅުވި އެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބާ ދިމާކޮށް ބޭއްވި ޕާޓީގެ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބުކުރެއްވުމާ ގުޅިގެން އެ އަހަރުގެ ޖޫންމަހުގެ ތެރޭގައި ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވި އެވެ. 

އޭގެ ފަހުން ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް ވުޖޫދުކޮށް ރިޔާސީ އިންތިހާބުގައި ބައިވެރިވީ ނަމަވެސް އެ ޕާޓީއަށް ލިބުނީ ރިޔާސީ އިންތިހާބުގައި ވޯޓުލީ މީހުންގެ އެންމެ ހަތް އިންސައްތަ ވޯޓެވެ. 

ރައީސް ނަޝީދުގެ ނުރަސްމީ "އެކްސް" އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ 2023 އެމްޑީޕީއަށް ނާކާމިޔާބުވީ އެންމެ ބޮޑު ސަބަބަކީ ސޯލިހަށް އޮތް މަގުބޫލުކަން ކުޑަވުން ކަމަށް ވިދާޅުވެފަ އެވެ.

ރ. ދުވާފަރަށް ކުރެއްވި، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިން ދަތުރުގައި އާންމު މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައިވެސް ނަޝީދުވަނީ ރައީސް ސޯލިހުގެ ކިބައިގައި އިންތިހާބު ކާމިޔާބުކުރެވޭ މިންވަރު ނެތް ކަމަށް ވިދާޅުވެ ރައީސް ސޯލިހަށް ފާޑުވިދާޅުވެފަ އެވެ. 

ރައީސް ނަޝީދު މިހާރު އެމްޑީޕީއާ އަލުން ގުޅިފައިވާއިރު ޕާޓީގެ ޗެއާޕާސަން އިންތިހާބާ އެކު ޕާޓީތެރެ ވަނީ ހަލަބޮލިވެފަ އެވެ. އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުގައި ނަޝީދާއި ސޯލިހް އަންނަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު