ENGLISH

23 މޭ 2026

Advertisement

ނަޝީދު ސަރުކާރާ ދެކޮޅުވީ ކެބިނެޓުން ޖާގައެއް ނުދިނުމުން: ޝުޖާއު

23 މޭ 2026

|

އައިމިނަތު ޝަފާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަލާންކުރައްވަނީ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުން ވަޒީރުކަމުގެ ޖާގައެއް ދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ ނަޝީދާއި އެމްޑީޕީއަށް މިއަދު ސިޔާސީ ގޮތުން މިނިވަންކަމާ އެކު ހިޔާލުފާޅުކުރުމުގެ ފުރުސަތު ލިބިފައިވަނީ ރައީސް މުއިއްޒަށް ވެރިކަމުގެ ނިޒާމު ރަނގަޅަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ. 

ރައީސް މުއިއްޒަށް ވެރިކަން ކުރައްވަން އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި މެމްބަރު ވިދާޅުވީ ރައީސް ނަޝީދު މި ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވީ ކެބިނެޓުން ވަޒީރުކަން ދިނުމަށް އެދިވަޑައިގަތުމުން އެކަން ނުކޮށްދިނުމާ ގުޅިގެން ކަމަށެވެ. 

"މީގެ ކުރިން ނަޝީދަކީ މި ވެރިކަމަށް ވަރަށް ބޮޑަށް ތާއީދުކުރެއްވި ބޭފުޅެއް. އެހެންނަމަވެސް ޚިޔާލުތަފާތުވެ ދެކޮޅަށް ނުކުމެ ފާޑުވިދާޅުވާން ފެށި ހިސާބަކީ، ނަޝީދު ވިދާޅުވީ އަޅުގަނޑުމެންގެ ކައިރީގައި އެބަޖެހެޔޭ މި ސަރުކާރުގެ ކެބިނެޓުން ވަޒީރުކަމެއް ދޭން،". މެމްބަރު ޝުޖާއު ވިދާޅުވި އެވެ. 

ޝުޖާއު ވިދާޅުވީ ރައީސް ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި ޑިމޮކްރެޓްސްގެ އިސް ބޭފުޅުން މިވާހަކަތަކަށް ހެކިވާނެކަމަށެވެ. 

ރައީސް މުއިއްޒުގެ ސަރުކާރުގައި އެމަނިކުފާނުވެސް ބައިވެރިވާކަމަށް ރައީސް ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެމަނިކުފާނާއި އަދި ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ވަނީ އޭރު ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވާހެން ސަރުކާރުގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވާފަ އެވެ. 

ނަމަވެސް އޭރުވެސް ސަރުކާރުން ވަނީ ނަޝީދުގެ ހިއްސާއެއްވާކަމަށް ބުނެ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތައް ދޮގުކުރައްވާފަ އެވެ. 

މިހާރު ރައީސް ނަޝީދު ގެންދަވަނީ ސަރުކާރު ބަދަލުކުރާނެކަމަށް ވިދާޅުވެ ތަކުރާރުކޮށް ވާހަކަފުޅުތަކެއް ދައްކަވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު