ENGLISH

11 އޭޕްރީލު 2025

Advertisement

އެވަޓަން ބަލިކޮށް، ލިވަޕޫލުން ލީގު ހޯދުމާ ގާތަށް

03 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

އެވަޓަންއާ ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު 'މަރސޭސައިޑް ޑާބީ' ގައި އެވަޓަން 1-0 އިން ބަލިކޮށް، ލިވަޕޫލުން ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

މި މޮޅާއެކު، ލިވަޕޫލުން ވަނީ ލީގުގެ އެއްވަނައިގައި ވަނީ 12 ޕޮއިންޓްގެ ލީޑު ދަމަހައްޓައިފައެވެ. މިއާއެކު، ލީގު ކަށަވަރުކުރުމަށް އެ ޓީމަށް ބާކީ އޮތް 8 މެޗުން ހޯދަން ޖެހެނީ އެންމެ 13 ޕޮއިންޓެވެ. 

ލިވަޕޫލް އެއްވަަނައިގައި އޮތީ 30 މެޗުން 73 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އާސެނަލަށް ލިބިފައިވަނީ 61 ޕޮއިންޓެވެ. ހަތަރު ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ނޮޓިންގހަމް ފޮރެސްޓެވެ. އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓަރ ސިޓީ އޮތީ 51 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

އެންފީލްޑްގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލްގެ ހަމައެކަނި ލަނޑުޖަހައިދިނީ ޕޯޗުގީޒް ފޯވާޑް، ޑިއޯގޯ ޖޮޓާ އެވެ. 

މެޗުގައި އެވަޓަން އަށް އެއްވަރުކޮށްދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ ފޯވާޑް، ބެޓޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

މި މެޗުން ބަލިވި އެވަޓަން އުޅެނީ 15 ވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ 34 ޕޮއިންޓެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި މެންޗެސްޓާ ސިޓީ ވަނީ 2-0 އިން ލެސްޓަރ ސިޓީ ބަލިކޮށްފައެވެ. މި މެޗުގައި ސިޓީގެ ލަނޑުތައް ޖަހައިދިނީ ޖެކް ގްރީލިޝް އާއި އޮމަރް މާމޯޝް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ނިއުކާސަލް ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމުން ވަނީ 2-1 އިން ބްރެންޓްފޯޑް ބަލިކޮށްފައެވެ. ރަށުން ބޭރުގައި ބްރައިޓަން އަތުން އެސްޓަން ވިލާ 3-0 އިން މޮޅުވިއިރު، ބޯންމަތުގެ ދަނޑުގައި އެ ޓީމު އަތުން އިޕްސްވިޗް ޓައުން މޮޅުވީ 2-1 އިންނެވެ. ސައުތެމްޓަނާ ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު