ENGLISH

11 އޭޕްރީލު 2025

Advertisement

ކޮޕަ ޑެލް ރޭ ގެ ފައިނަލުގައި ބާސެލޯނާއާ ރެއާލް ބައްދަލުކުރަން ޖެހިއްޖެ

03 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ބާސެލޯނާގެ ފޯވާޑް، ފެރާން (ވ) އެތުލެޓިކޯގެ ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: އޭޕީ

ކޮޕަ ޑެލް ރޭގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑް 1-0 އިން ބަލިކޮށް، ބާސެލޯނާ އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. 

މިއީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ކޮޕަ ޑެލް ރޭގެ ފައިނަލަށް އެ ޓީމު ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، މިއީ ވާދަވެރި ޓީމެއް އަތުން އަމިއްލަ ދަނޑުގައި ބަލިވެ، އެތުލެޓިކޯ ކެޓި ދެވަނަ މުބާރާތެވެ. މީގެކުރީން، ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ބުރުގައި ރެއާލް މެޑްރިޑް އަތުން ޕެނަލްޓީގައި ބަލިވެ، އެ ޓީމު ވަނީ ކަޓައިފައެވެ.

ރޭގެ ނަތީޖާއާއެކު، ދެ މެޗުގެ އެގްރިގޭޓުން ބާސެލޯނާ ކުރިހޯދީ 5-4 އިންނެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ބާސެލޯނާގެ ދަނޑުގައި ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގައި ބާސެލޯނާ އަށް ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސް އެވެ. އޭނާ މި ލަނޑު ޖެހީ އެ ޓީމުގެ ޒުވާން ވިންގް، ލަމީން ޔަމާލް ދިން ތުރޫ ޕާހަކުންނެވެ.

ފަހު ހާފުގައި އެތުލެޓިކޯގެ ނޯވޭ ފޯވާޑް، އަލެކްސެންޑާ ސޯލޯތު ގޯލެއް ކާމިޔާބުކުރި ނަމަވެސް، އޮފްސައިޑް ކަމަށް ނިންމާ އެ ލަނޑު ގަބޫލެއް ނުކުރިއެވެ.

އެތުލެޓިކޯއާ ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

މެޗަށްފަހު ވާހަކަ ދައްކަމުން އެތުލެޓިކޯގެ ކޯޗު، ޑިއޭގޯ ސިމިއޯނީ ބުނީ، ބާސެލޯނާއާ ދެކޮޅަށް އޭނާގެ ޓީމުން ވަރަށް ރަނގަޅު ވާދައެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން، ޗެމްޕިއަންސް ލީގުގެ އިތުރުން ސްޕެނިޝް ލީގާއި، ކޮޕަ ޑެލް ރޭގައި ވެސް އެތުލެޓިކޯ އަށް ކުރެވެން އޮތް ވަރަކަށް ނަތީޖާ ރަނގަޅު ކުރަން މަސައްކަތްކޮށްފައިވާ ކަމަށް ސިމިއޯނީ ފާހަގަކުރިއެވެ.

މުބާރާތުގެ ފައިނަލުގައި ބާސެލޯނާ ނުކުންނާނީ ވާދަވެރި ރެއާލްއާ ދެކޮޅަށެވެ. މިއީ 2013/14 ވަނަ އަހަރުގެ ފަހުން ކޮޕަ ޑެލް ރޭ ގެ ފައިނަލުގައި މި ދެ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. އެފަހަރުގެ މުބާރާތް ކާމިޔާބުކުރީ ރެއާލުންނެވެ.

މި ފަހަރުގެ ކޮޕަ ޑެލް ރޭގެ ފައިނަލު ވެގެންދާނީ މި އަހަރުގެ ސީޒަނުގައި ރެއާލާ ބާސެލޯނާ ބައްދަލުކުރާ ތިންވަނަ 'އެލް ކްލެސިކޯ' އަށެވެ. މީގެކުރީން، ލީގުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން ބާސެލޯނާ 4-0 އިން މޮޅުވިއިރު، ސްޕެނިޝް ސުޕަ ކަޕް ފައިނަލުގައި ރެއާލް އަތުން މޮޅުވީ 5-2 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު