ENGLISH
10 އޭޕްރީލު 2025
އަލިފާނުގެ ހާދިސާގައި ގެއްލުނު ފަޅުވެރިޔާ ހޯދުމަށް ޑްރޯން ބޭނުންކުރަނީ
03 އޭޕްރީލު 2025
|
ރޭ ދަންވަރު ހިނގި އަލިފާނުގެ ޙާދިސާގައި ރޯވި މުދާ އުފުލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށްޓަކައި ޑްރޯން ބޭނުންކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ހޮޅުދޫ ބޯޓުގައި ރޯވީ ތ.ހިރިލަންދޫން ފުރައިގެން ދަނިކޮށް ރޭ 21:07 ހާއިރުއެވެ. މިބޯޓު ރޭ ދަންވަރު 02:07 ހާއިރު މުޅިން އަޑިއަށްގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނީ ބޯޓުން ކެޕްޓަނާ އެކު ޖުމްލަ 18 މީހަކު ދަތުރު ކުރި ކަމަށެވެ. އޭގެ ތެރެއިން 17 މީހަކު ސަލާމަތްކުރެވުނެވެ. ގެއްލިފައި ވަނީ އުމުރުން 25 އަހަރުގެ އަލީ މުޝްފިޤު މުޙައްމަދު އެވެ.
ޢަލީ މުޝްފިޤް ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ ތިން އުޅަންދެއްގެ އިތުރުން ޑައިވަރުންނާއި އެއާރ ކޯރގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.ބޯޓުގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު ލިބުމާއެކު ކައްދޫގައި ތިބި ސިފައިން ވަނީ އަލިފާން ނިވާލާފައެވެ.
މި ހާދިސާއާ ގުޅިގެން އެމްއެމްޓީވީއަށް މައުލޫމާތު ދެއްވަމުން ލ. މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ ވިދާޅިވީ އެއީ މާވަށު ބޯޓެއް ކަމަށާއި މި ބޯޓުގައި މީހުންނާއި މުދާ އުފުލާ ކަމަށެވެ. އިތުރަށް އަޙްމަދު މޫސާ ވިދާޅުވީ މިހާރު ސަލާމަތްކޮށްފައިވާ އެންމެން ތިބީ މާވަށުގައި ކަމަށެވެ. އިތުރަށް ވިދާޅުވީ އެމީހުންނަށް އެއްވެސް ކަހަލަގެ އަނިޔާއެއްވެފައި ނުވާ ކަމަށެވެ.
މުޝްފިޤަކީ ޢިލްމުވެރި ޒުވާނެއްކަން ފާހަގަކުރައްވަމުން އަޙްމަދު މޫސާ ވިދާޅުވީ ނިމިދިޔަ ރަމަޟާން މަހުގެ ގިނަ ރޭތަކުގައި މާވަށު މިސްކިތުގައި އިމާމުވެ ނަމާދުކޮށްފައިވަނީ މުޝްފިޤުކަމަށެވެ.
ބޯޓު އަޑިއަށް ގޮސް އޭގެ ބައިތައް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ. ހޮޅުދޫ ބޯޓުގައި އަލިފާން ރޯވާން ދިމާވީ ކަރަންޓް ޝޯޓޭޖެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ބޯޓުގެ ކެޕްޓަނާ ހަވާލާދީ މާވަށު ކައުންސިލުގެ ރައީސް މައުލޫމާތު ދެއެވެ.