ENGLISH

10 އޭޕްރީލު 2025

Advertisement

ވަކި އުމުރަކަށްވުރެ ހަގު މީހުންނަށް ދުންފަތް ވިއްކުން މަނާކުރުން؛ މުސްތަޤުބަލުގެ ޖީލުތައް ދުންފަތުން ސަލާމަތްކުރެވޭނެ

03 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ވަކި އުމުރަކަށްވުރެ ހަނގު މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމަކީ ރަނގަޅު ސިޔާސަތެއް

ވަކި އުމުރަކަށްވުރެ ހަގު މީހުންނަށް ދުންފަތުގެ ބާވަތްތައް މަނާކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާއިރު އެކަން ކުރެއްވުމަށް ގެންގުޅުއްވާ ވިސްނުންފުޅުވެސް އެމަނިކުފާނުވަނީ ހިއްސާކުރައްވާފައެވެ. 

އެކަމުގައި އެމަނިކުފާނު ގެންގުޅުއްވާ ތިން ވިސްނުންފުޅެއް ރައީސް ހިއްސާކުރެއްވިއެވެ. އެމަނިކުފާނު ހުށަހަޅުއްވާފައިވާ ތިން ގޮތަކީ: 

1- 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުން

2- 2004 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުން

- 2000 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ ކިދިންނަށް ދުންފަތުގެ ބާވަވްތައް ވިއްކުން މަނާކުރުން

ރައީސްގެ މި ވިސްނުންފުޅަށް ބަލާއިރު އުމުރުން 25 އަހަރާއި 18 އަހަރާ ދެމެދުގެ ކޮންމެވެސް އުމުރުފުރާއެއްގެ މީހުންނަށް ކުރިއަށް އޮތް ތަނުގައި ދުންފަތުގެ އުފެއްދުންތައް ވިއްކުން މަނާވާނެއެވެ. މިއީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ތަޖުރިބާކޮށްފައިވާ ސިޔާސަތެކެވެ. އެހެންކަމުން އެ ތަޖުރިބާތަކުގެ އަލީގައި މި ސިޔާސަތު ތަންފީޒުކުރުމުން ލިބޭނެ މަންފާއާމެދު ސުވާލުކުރަންޖެހެއެވެ. 

ދިވެހިރާއްޖޭގައި ދުންފަތުގެ ހާލަތު

ދިވެހިރާއްޖޭގެ ދުންފަތުގެ ހާލަތަށް ބަލާއިރު، ދނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އަންދާޒާކުރާ ގޮތުގައި ރާއްޖޭގައި އުމުރުން 15 އަހަރުން މަތީ މީހުންގެ އާބާދީގެ 26.6 އިންސައްތަ މީހުންނަކީ ދުންފަތުގެ ކޮންމެވެސް ބާވަތެއް ބޭނުންކުރާ މީހުންނެވެ. ފިރިހެނުންގެ ތެރެއިން 43.6 އިންސައްތަ މީހުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންކަމަށް އެ ޖަމްއިއްޔާއިން ހަދާފައިވާ ސާވޭއެއްގެ މައްޗަށް ބިނާކޮށް އަންދާޒާކުރެއެވެ. 

ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރު ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅުންހުރި ތަފާތު ބަލިތަކުގައި 203 މީހަކު މަރުވިއެވެ. އެއީ އެ އަހަރު ރާއްޖޭގައި ރެކޯޑުކުރެވުނު ހުރިހާ މަރެއްގެ 12.8 އިންސައްތަ މަރެވެ. އަދި ރާއްޖޭގައި މަރުވާ ފިރިހެނުންގެ 16.68 އިންސައްތަ މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅުންހުރި ބައްޔެއްގައި ކަމަށް އެ ހިސާބުތައް ދައްކައެވެ. 

މި ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އާބާދީގައި އާބާދީގެ ކުޑަކަމާ ބަލާއިރު ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު ވަރަަށް ގިނައެވެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކުރުމާ މީހުން ދުރަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އެނގެއެވެ. 

ޖެނެރޭޝަނަލް ބޭންއަކީ ކޮބާ؟ 

ޖެނެރޭޝަނަަލް ބޭން ނުވަތަ ޖެނެރޭޝަނަލް އެންޑް ގޭމް ޕޮލިސީގެ މުރާދަކީ ވަކި ޖީލަކުން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުން އެކީ ހުއްޓުވުމެވެ. މި ސިޔާސަތު ތަންފީޒުކުރާ ގޮތަކީ ދުންފަތުގެ ބާވަތްތައް ބޭނުންކުރެވޭނެ ނުވަތަ ގަނެވޭނެ އުމުރު ގާނޫނުގައި ބަޔާންކުރުމެވެ. އެގޮތުން ވަކި އުމުރަކަށްވުރެ ހަނގު މީހުންނަށް ދުންފަތުގެ ބާވަތްތައް ބޭނުންކުރުން އެކި ގައުމުތަކުގައި މަނާކުރެއެވެ. 

މިސާލަކަށް ނިއުޒިލޭންޑުގައި 2009 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުގެ ފަހުން އުފަންވި އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކުން 2022 ވަނަ އަހަރުގެ ޑިސެންބަރު މަހު މަނާކުރިއެވެ. މިފަދަ ގާނޫނެއް ވުޖޫދުކުރުމަށް މެލޭޝިޔާގެ ގާނޫނު ހަދާ މަޖިލީހަށްވެސް ހުށަހެޅުނެވެ. އަދި އެމެރިކާގެ ބްރޫކްލިންގަައި 2020 ގައި 2000 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުގެ ފަހުން އުފަންވި އެންމެނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރިއެވެ. 

އެހެންކަމުން ޖެނެރޭޝަން އެންޑް ގޭމް ޕޮލިސީއަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ތަޖުރިބާކުރެވިފައިވާ ސިޔާސަތެކެވެ. އަދި އެއީ އެ ސިޔާސަތާ ގުޅޭ ގޮތުން ތަފުސީލު ގޮތެއްގައި އިލްމީ ދިރާސާތައްވެސް ހެދިފައިވާ ސިޔާސަތެކެވެ. 

ފުރާވަރުގެ ކުދިންނާއި ޒުވާނުން ދުންފަތް ބޭނުންކުރުން

ރާއްޖެއިން ފެންނަން ހުރި މަދު ދިރާސާތަކުން އެނގޭ ގޮތުގައި ވަރަށް ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލުކުރަން ފަށަަނީ އުމުރުން 18 އަހަރު ނުފުރެނީހެވެ. އެގޮތުން ރާއްޖޭގައި ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރާ ގޮތް ދެނެގަތުމަށް މަތީ ސާނަވީ ދަރިވަރުންނާ ގުޅޭ ގޮތުން 2004 ވަނަ އަހަރު ހެދި ދިރާސާއަކުން ފެންނަ ގޮތުގައި ސާނަވީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ 6.9 އިންސައްތަ ކުދިންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ ކުދިންނެވެ. އަދި 2019 ވަނަ އަހަރު ސާނަވީ ތައުލީމު ހާސިލުކުރި ދަރިވަރުންގެ 4.7 އިންސައްތަ ކުދިން ދުންފަތުގެ އިސްތިއުމާލުކުރާކަން އެނގެއެވެ. 

އަދި މި ދިރާސާއިން ފެނުނު ގޮތުގައި މަތީ ސާނަވީ ތައުލީމު ހާސިލުކުރާ ކުދިންގެ 22.8 އިންސައްތަ ކުދިންނަކީ ދުންފަތުގެ އިސްތިއުމާލުކުރުން ތަޖުރިބާކޮށްފައިވާ ކުދިންނެވެ. އަދި އެކުދިންގެ ތރެެއިން 4.74 އިންސައްތަ ކުދިންނަކީ އެ ދިރާސާއަށް މައުލޫމާތު އެއްކުރަން ހެދި ސާވޭ ކުރިއަށްގެންދިޔައިރުވެސް ދުންފަަތުގެ އިސްތިއުމާލުކުރަމުން އައި ކުދިންނެވެ. 

މި ހިސާބުތަކުން އެނގޭ އެއް ހަގީގަތަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނުބައި އާދައަށް ވަންނަނީ ޒުވާން ފުރާގައި ކަމެވެ. ހާއްސަކޮށް ފުރާވަރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމަކީ އާއްމުކަމެއްކަން އެ ދިރާސާއިން އެނގެއެވެ. 

ޅައިރު ދުންފަތާ ދުރުކުރުވުން؛ މުސްތަޤުބަލަށް މުހިއްމު ފިޔަވަޅެއް

ދުންފަތުގެ އިސްތިއުމާލުކުރަން ފަށައި އެއަށް ދެވިހިފައި، އިނގިރޭސިބަހުން ކިޔާ ޑިޕެންޑެންސީ ނުވަތަ އެއަށް ބަރޯސާވުމުގެ ތެރެއަށް މީހާ ޣަަރަޤުވުމުގެ ކުރިން އެކަމުން ސަލާމަތްކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އެގޮތުން ވަކި އުމުރަކަށްވުރެ ހަނގު މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމަަށް ބާރުދޭ ހެކިތައް ތަފާސްހިސާބުތަކުން ފެންނަން އެބަހުއްޓެވެ. 

އެއްކަމަކީ ދުންފަތް ގަނެވޭނެ އުމުރު މަތިކުރުމާއެކު ޒުވާނުންގެ މެދުގައި ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު ދަށްވާކަން ސާބިތުވުމެވެ. އެގޮތުން އެމެރިކާގައި ދުންފަތް ގަނެވޭ އެންމެ ހަނގު އުމުރު 21 އަހަރަށް މަތިކުރުމާއެކު މަތީ ސާނަވީ މަރުހަލާގެ ދަރިވަރުން ދުންފަތް ބޭނުންކުރާ މިންވަރު 33 އިންސައްތަ ދަށަށް ދިޔަކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން 2023 ވަނަ އަހަރު ރިޕޯޓުކޮށްފައިވެއެވެ. 

އޭގެ އިތުރަށް ދުންފަތުގެ ބާވަތްތައް ވިއްކޭނެ އުމުރެއް ކަނޑަައަޅައި ރަނގަޅަށް ތަންފީޒުކުރާ ގައުމުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު ކުޑައެވެ. މިފަދަ ހަރުދަނާ ސިޔާސަތެއް ތަންފީޒުކުރާ އެއް ގައުމަކީ ސިންގަޕޫރެވެ. ސިންގަޕޫރުގައި ދުންފަތް ބޭނުންކުރެވޭނެ އެންމެ ކުޑަ އުމުރު 18 އަހަރުން 19 އަހަރަށް 2019 ގައި ބަދަލުކޮށް، 2020 ގައި 20 އަހަރަށް މަތިކޮށް، 2021 ގައި 21 އަހަރަށް މަތިކުރިއެވެ. 

ޓެކުސް ބޮޑުކުރުމާއި މި ބަދަލުތައް ރަނގަޅަށް ތަންފީޒުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން 1992 ވަނަ އަހަރު 18.3 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލުކުރަމުން އައި ސިންގަޕޫރުގައި ދުންފަތް ބޭނުންކުރާ މީހުންގެ ނިސްބަތް 2020 ވަނަ އަހަރު 10.1 އިންސައްތައަށް ތިރިކުރެވިފައިވެއެވެ. 

ސިންގަޕޫރުގައި ހެދިފައިވާ ދިރާސާތައް ދައްކާ ގޮތުން ދުންފަތް ބޭނުންކުރެވޭ އުމުރާ ގުޅިގެން އެ ގައުމުގެ ސަަރުކާރުން ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކާއެކު ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ މިންވަރު ވަރަށް ބޮޑަށް މަދުވިއެވެ. 

މިއީ ކުރިމަގަށްޓަކައި އަޅަންޖެހޭ ފިޔަވަޅެއް

ދުނިޔޭގެ ގައުމުތަކުގެ ތަޖުރިބާއާއި، ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު މަދުކުރުމާ ގުޅޭ ގޮތުން ހެދިފައި ހުރި ދިރާސާތަކުން އެނގޭ އެއް ހަގީގަތަކީ، ދުންފަތުގެ ބާވަތްތައް ބޭނުންކުރެވޭނެ އުމުރު މަތިކޮށް، ޒުވާން އުމުރުގައި ދުންފަތް ނުގަނެވޭކަން ކަށަވަރުކުރުމަކީ ދުންފަތުގެ ބޭނުންކުރަން ފެށުމާ މީހާ ދުރުހެލިކުރާ ކަމެއް ކަމެވެ. ސިޔާސީ ސަބަބުތަކާއި ގާނޫނީ އެކި މައްސަލަތަކާ ހުރެ ޖެނެރޭޝަނަލް ބޭންގެ ސިޔާސަތު އުވައިލި ނިއުޒިލޭންޑުގައިވެސް އެ ސިޔާސަތާއެކު ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރާއި އަލަށް ދުންފަތުގެ އިސްތިއުމާލުކުރަން ފެށި މިންވަރު ދަށްވިކަން ހިސާބުތަކުން ފެނެއެވެ. 

އެހެންކަަމުން ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން އާއްމުވެފައި އޮތް މިންވަރާއި، އެކަމުގެ ސަބަބުން ކުރިމަތިވަމުންދާ ސިއްހީ ގޮންޖެހުންތަކަށް ބަލާއިރު، މުސްތަގުބަލުގެ ޖީލުތައް މިވަބާއިން މިންޖުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ރައީސް ހުށަހަޅުއްވާފަައިވާ ތިން ގޮތުންކުރެ ކޮންމެ ގޮތަކަށްވިޔަސް ޅަަކުދިން ދުންފަތް ބޭނުންކުރުމާ ދުރުކުރެވޭ ގޮތަށް ގާނޫނު ބައްޓަންކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައި އޮތް މުހިއްމު ކަމެކެވެ. 

ކިޔުންތެރިންގެ ހިޔާލު