ENGLISH
10 އޭޕްރީލު 2025
ހުއްޓިފައި ހުރި މަޝްރޫޢުތައް ފަށައި އަތޮޅުތެރެއަށް ތަރައްޤީގެ ޢީދެއް!
03 އޭޕްރީލު 2025
|
ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިފަހުން އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)
"އަޅުގަނޑު ވެރިކަމާ ހަވާލުވި އިރު ހުއްޓިފައިވާ މަޝްރޫއުތަކެއް ހުރި. އަދި އިންތިޚާބާ ދިމާކޮށް އެއްވެސް ބަޖެޓެއް، ޕްލޭނެއް ނެތި ކޮންޓްރެކްޓްކޮށް އެއްގޮތަކަށް ވެސް މަސައްކަތް ނުފެށި ހުރި މަޝްރޫއުތަކެއް ވެސް ހުރި،" މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވާދެއްވަމުން ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
މިއީ، 2023 ވަނަ އަހަރުގެ ނޮވެމްބަރުގައި އެމަނިކުފާނު މި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތް ހާލަތެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ބައެއް ރަށްރަށުގައި ފަށާފައި ހުރި މަޝްރޫއުތައް ހުއްޓިފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެކަންކަން ނުވެ ހުރީ ރައީސް މީގެކުރިން ވިދާޅުވި ގޮތުގައި، ކޮންޓްރެކްޓަރުންނަށް ފައިސާ ނުދެއްކުމާއި އެނޫންވެސް އެތައް ސަބަބުތަކަކާ ހުރެ އެވެ. ނަތީޖާއަކަށް ވެގެންދިޔައީ 2024 ގައި ބައެއް މަޝްރޫއުތައް ހުއްޓާލަން ސަރުކާރަށް މަޖުބޫރުވެ އަތޮޅުތަކުގެ ތަރައްގީއަށް މަޑުޖެހުމެއް އައުމެވެ.
އެއާ ޚިލާފަށް މި ހިނގަމުންދާ 2025 ވަނަ އަހަރު ގައުމުގެ ހާލަތު މިވަނީ މަޑުމަޑުން ބަދަލުވާން ފަށާފަ އެވެ. މިއަހަރު ތެރޭގައި ގިނަ މަޝްރޫއުތައް ފައްޓަވައިދެއްވާނެ ކަމަށް މިއަހަރުގެ ފެބްރުއަރީގައި ރައީސް ވައުދުވެވަޑައިގެންނެވިއިރު އެ ވައުދުފުޅު ތަންފީޒު ކުރެއްވުމުގެ މަސައްކަތް ފަށާފައިވާ މަންޒަރު މިދަނީ ފެންނަމުންނެވެ.
ކަންދިމާކުރި ގޮތުން، އޭގެ ޖެހިގެން އައި މާޗް މަސް ލައިގަތީ ބަރަކާތްތެރި ރަމަޟާން މަހާ އެވެ. މަސް ދަޅު ބަހައި، ބިލުތަކުން ޑިސްކައުންޓު ދިނުން ފަދަ ރޯދަ ހަދިޔާތަކުގެ އިތުރުން މިފަހަރު ސަރުކާރުން ވަނީ އަތޮޅުތެރޭގައި ގިނަ މަޝްރޫއުތަކެއް ފެށުމަށް ނިންމައި އެ މަސައްކަތް ފަށާފަ އެވެ. އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމުގެ ބަދަލުގައި މިފަހަރު މި މަޝްރޫއުތައް ކުރިއަށްގެންދާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ.
ސަރުކާރު ކުންފުނިތަކާ މިފަދަ މުހިއްމު މަސައްކަތްތަކެއް ހަވާލުކުރުމުގެ މަގުސަދަކީ އެ މަސައްކަތްތައް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނިންމައިލެވޭކަން ކަށަވަރުކުރުންކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވެއެވެ. އަދި އެ މަސައްކަތް އެ ކުންފުނިތަކާ ހަވާލުކުރައްވަނީ އެ މަސައްކަތްތައް ތަންފީޒުކުރެވޭނެ ގޮތުގެ ފުރިހަމަ އިންތިޒާމުތައް ހަމަޖެއްސެވުމަށްފަހު ކަމުގައި ރައީސް ވިދާޅުވިއެވެ.
އަހަރުގެ ހަތަރު ވަނަ މަސް އަޅުގަނޑުމެންނާ މި ބައްދަލުކުރަނީ ބަރަކާތްތެރި ފިތުރު އީދާއެކު އެވެ. މަޝްރޫއުތައް ހުއްޓިފައި ހުރި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ މާޔޫސްކަން ފިލުވާލައިދީ، ސަރުކާރުން މިފަހަރު މި ގެނެސްދެނީ އަތޮޅު ތެރެއަށް ތަރައްގީގެ އީދެކެވެ.