ENGLISH

10 އޭޕްރީލު 2025

Advertisement

ރާއްޖެއަށް އައި ފަތުރުވެރިން ހަލައްކައިން މައްޗަށް؛ %69 މީހުން ދިޔައީ ރިސޯޓުތަކަށް

03 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ރާއްޖެއަށް އައި ފަތުރުވެރިންތަކެއް މަތިންދާބޯޓުން ފައިބަނީ، ފޮޓޯ: ވިޒިޓް މޯލްޑިވްސް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަލައްކައިން މައްޗަށް އަރާފައިވާއިރު އެ މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ 69 އިންސައްތަ މީހުން އައީ ރިސޯޓުތަކަަށް ކަމުގައި ޓޫރިޒަމާ ބެހޭ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި މާޗު މަހު ރާއްޖެއަށް ޒިޔާރަތްކުރީ 203،464 ފަތުރުވެރިންވެެ. އެއީ 2024 ވަނަ އަހަރުގެ މާޗު މަހުގައި ރާއްޖެއަށް ޒިޔާރަތްކުރި 194،227 ފަަތުރުވެރިންނަަށްވުރެ 4.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި މާޗު މަހުގައި އެވެރެޖުކޮށް ދުވާލަކު 6،563 ފަތުރުވެރިން އައިކަމަށްވެސް ހިސާބުތައް ދައްކައެވެ. 

މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ޖުމްލަކޮށް 632،418 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. އެއީ ނިމުނު އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 604،004 ފަތުރުވެރިންނަށްވުރެ 4.7 އިންސައްތަ އިތުރު އަދަދެކެވެ. 

މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައީ ނިމުނު އަހަރުވެސް އެންމެ ގިނަ ފަތުރުވެރިން އެ ގައުމުން އައި ޗައިނާއިންނެވެ. ޗައިނާއިން 73،997 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިޔާއިން 66،933 ފަތުރުވެރިން އަދި ތިންވަނައަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައި އިނގިރޭސިވިލާތުން 65،404 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. 

ރާއްޖެއަށް ފުރަތަމަ ކުއާޓާގައި އައި 632،418 ފަތުރުވެރިންގެ ތެރެއިން 437،942 ފަތުރުވެރިން ގޮސްފައިވަނީ ރިސޯޓުތަކަށެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 69.2 އިންސައްތައެވެ. އަދި 159،695 ފަތުރުވެރިން ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކުރިއެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 25.3 އިންސައްތައެވެ. ސަފާރީ އުޅަނދުފަހަރުގައި ޗުއްޓީ ހޭދަކުރީ 15،933 ފަތުރުވެރިންނެވެ. ހޮޓާތަކުގައި 18،404 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއެވެ. 

މި މުއްދަތުގައި ރާއްޖޭގައި ޖުމްލަ 62،763 އެނދު އޮޕަރޭޝަނަށް ނެރެފައި ހުއްޓެވެ. އެއީ 175 ރިސޯޓެއްގެ 43،217 އެނދާއި، 15 ހޮޓަލެއްގެ 2،038 އެނދާއި، 838 ގެސްޓުހައުސެއްގެ 14،364 އެނދުގެ އިތުރަށް 157 ސަފާރީ އުޅަނދެއްގެ 3،144 އެނދެވެ. 

ފާއިތުވި އަހަރު ރާއްޖެއަށް އައިސްފައިވަނީ ދެ މިލިއަން ފަތުރުވެރިންނެވެ. މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ، 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ. އެ އަމާޒު ހާސިލުކުރުމަށް ސަރުކާރުން އަންނަނީ ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކުލަބު ލިވަޕޫލާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ރޭ ފަށާފަައިވެއެވެ. 

އެމްއެމްޕީއާރުސީން ބުނެފައިވަނީ މި އަހަރު ފަތުރުވެރިކަން ދަށް ދުވަސްވަރު ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކުރާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު