ENGLISH
10 އޭޕްރީލު 2025
ފަތުރުވެރިކަމުގެ ކެމްޕެއިން ފެއްޓެވުމަށް، ލިވަޕޫލާއި އެވަޓަން ބައްދަލުކުރި މެޗު ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި
03 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ، ލިވަޕޫލް އާއެކު ޓޫރިޒަމް ކެމްޕޭން އިފްތިތާހުކޮށްދެއްވުން. --ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ފެށި ފުޓުބޯޅަ މެޗު ބައްލަވާލައްވައިފިއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަޓަން އާއި ލިވަޕޫލް ފުޓްބޯލް ކުލަބު (އެލްއެފްސީ) ބައްދަލުކުރި 246 ވަނަ "މަރސޭސައިޑް ޑާބީ" މި މެޗުގައި ވަނީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) / ވިޒިޓް މޯލްޑިވްސް އާއި އެލް.އެފް.ސީ ގުޅިގެން، ކޯ ބްރޭންޑަޑް އިނީޝިއަޓިވެއްގެ ގޮތުގައި ކުރިއަށްގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން، ރަސްމީކޮށް ފަށާފައެވެ.
މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، އިނގިރޭސިވިލާތުގެ އިތުރުން މުޅި ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުލަބު ކަމަށްވާ، ލިވަޕޫލް ފުޓްބޯޅަ ކުލަބާއެކު އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް އިން ތިން އަހަރާއި ހަ މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ބައިނަލްއަގުވާމީ ކެމްޕޭނެކެވެ.
އެލްއެފްސީ އާއެކު ޤާއިމުކުރި މި ޕާޓްނަރޝިޕްގެ ދަށުން، ވިޒިޓް މޯލްޑިވްސް އިން ވަނީ، މާރިޗު 27 ވަނަ ދުވަހު، އިނގިރޭސިވިލާތުގައި އައުޓްޑޯ ކެމްޕެއިނެއް ފަށާފައެވެ. ތިން މަސް ދުވަހުގެ މި ކެމްޕެއިންގެ ދަށުން އިނގިރޭސިވިލާތުގެ އިސްތިރާޖީ ބައެއް ސަރަޙައްދުތަކުގައި އައުޓްޑޯ އަދި ޑިޖިޓަލް އެޑްވަރޓައިޒިންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން، ލަންޑަންގެ 100 ޓެކްސީއެއްގައްޔާއި، ބަސްތަކާއި ލަންޑަން އަންޑަރގްރައުންޑް، ވައިގެބަނދަރުތައް، އަދި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ވިޒިޓް މޯލްޑިވްސް ބްރޭންޑް ގިނަ ޢަދަދެއްގެ ބަޔަކަށް އިޝްތިހާރުކުރެވިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ، ލިވަޕޫލް އާއެކު ޓޫރިޒަމް ކެމްޕޭން އިފްތިތާހުކޮށްދެއްވުން. --ފޮޓޯ: ރައީސް އޮފީސް
މީގެއިތުރުން، ޕްރިމިއަރ ލީގުގެ މެޗުތައް އެންފީލްޑްގައި ކުޅޭ ދުވަސްތަކުގައި، ސްޓޭޑިއަމްގައި ލެޑް ސައިނޭޖް ދައްކައި، އެލްއެފްސީގެ ރަސްމީ ލުއިފޮތްތަކާއި ޔޫރަޕުގެ އެކި ސަރަޙައްދުތަކުގައި ހުންނަ ބިލްބޯޑުތަކުގައި ރާއްޖޭގެ ބްރޭންޑް އިޝްތިހާރުކޮށް، ބައިނަލްއަޤުވާމީ ފެންވަރެއްގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރާނެއެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުالله ރާފިޢު އާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ކެމްޕޭނުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ޚާއްޞަކޮށް އިނގިރޭސިވިލާތުން އަންނަ ފަތުރުވެރިންގެ އަދަދު މައްޗަށް ދާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް އިމޭޖް އިތުރަށް ވަރުގަދަވެ، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ނަން މަޝްހޫރުވެގެންދިއުމުގެ އިތުރުން އިގްތިސާދަށް ވެސް ނުހަނު ބޮޑަށް ފައިދާ ކުރާނެކަމަށް އުއްމީދުކުރެވެއެވެ.
އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 5 ވާ ހޮނިހިރު ދުވަހުއެވެ.