ENGLISH
02 އޭޕްރީލު 2025
ރޯދަ ނިމުމުން މިސްކިތްތައް ފަޅުވުން؛ ނިމެންޖެހޭ އާދައެއް
01 އޭޕްރީލު 2025
|
އެންމެ މަޤްބޫލު
ބަަރަަކާތްތެރި ރަމަޟާން މަހަކީ އެމަހުގައި އެކުލެވޭ ސަވާބާއި ދަރުމައިގެ ގިނަކަމުގެ ސަބަބުން ގިނަ ބަޔަކު އަޅުކަމުގައި މަޝްޣޫލުވެގެން އުޅޭ މަހެކެވެ. ނަމަވެސް އެ މަހުގައި އަޅުކަމުގައި އުޅެ، މާތްﷲއާ ކުއްތަންވުމަށް މަސައްކަތްކުރުމަށްފަހު، އެ މަސް ނިމުމާއެކު، އެ މިސްރާބުން ގިނަ ބަޔަކު ކައްސައިލާކަން ފާހަގަކުރެވެއެވެ.
މި ރަމަޟާން މަހުވެސް ގިނަ ބަޔަކު މިސްކިތުގައި ޖަމާޢަތުގެ ނަމާދު އަދާކުރުމަށް އިސްކަަންދިނެވެ. މިސްކިތްތަކުން އެކަން ފެނުނެވެ. ފުރަތަމަ ދިހައެއްގައި އަދި ފަހު ދިހައެއްގައ ހާއްސަކޮށް އެކަން ފާހަގަކުރެވުނެވެ. މިސްކިތްތަައް ފުރުނެވެ. ބަންގިއަށްވުރެ ކުޑަަކޮށް ފަހުން މިސްކިތަށް ދެވުނަސް، މިސްކިތުުގެ އެތެރެއިން ޖާގައެއް ނުލިބެއެވެ.
އެއީ އުފާވެރި މަންޒަރެކެވެ. މިސްކިތްތަކަށް އަރާ މީހުން ގިނަވުމަކީ އަދި ހާއްސަކޮށް ޒުވާނުންނާއި ކުޑަކުދިން މިސްކިތުގައި ޖަމާއަތުގެ ނަމާދުގައި ބައިވެރިވުމަކީ ހެޔޮ ފާލެކެވެ. އެއީ މި ދިވެހި މުޖުތަމަޢުގައި ދީނަށް އޮތް ލޯބި މަރުނުވާކަމުގެ ހެއްކެކެވެ.
ނަމަވެސް ރޯދަމަސް ނިމުމާއެކު މިސްކިތްތަކުން މީހުން މަދުވުމަކީ އަބަދުވެސް މި މުޖުތަމައުން ފާހަގަކުރެވޭ ކަމެކެވެ. އެގޮތުން މި އަހަރުވެސް ރަމަޟާން މަސް ނިމުމަށްފަހު މާލޭގެ މިސްކިތްތައް ވަރަށް ބޮޑަށް ފަޅުވިއެވެ. މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމަށް ހާޒިރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވިއެވެ.
ރަމަޟާން މަހަކީ މުސްލިމުންގެ ޟަމީރުތައް ހޭލައްވާލާ މަހެކެވެ. މުސްލިމުން މާދިއްޔަތުގެ ވަކިތަކުން މިނިވަންކޮށްދީ ރޫޙާނީ ޢާލަމަށް ގެންގޮސްދޭ މަހެކެވެ. އެ މަހަކީ މުސްލިމުންގެ ނަފުސާނީ ތަރުބިއްޔަތުގެ މައްސަރެވެ. އަޅުކަން އަދާކުރުމަށް ހާނުވަައިދީ، ހެޔޮ ފޯރުވުމާއި، ދީނީ ކަންކަމުގައި މަޝްޣޫލުވެގެން އުޅުމުގެ މައްޗަށް ނަފުސުތައް ތަރުބިއްޔަތުކުރުވާ މަހެކެވެ.
ނަމަވެސް ވަރަށް ފަރުވާތެރިކަމާއެކު އަޅުކަމުގެ ކަންކަމުގައި އުޅުނު ޒުވާނުންނާއި ހަރު މީހުން، އެ މަސް ނިމުމުން މިސްކިތްތަކުން ގެއްލި އަޅުކަމަށް ފަރުވާކުޑަކުރާނަމަ ރޯދަމަހުގައި ނަފްސުތަކަށް އެކަށީގެންވާ ރަނގަޅު ތަރުބިއްޔަތެއް ލިބުނުތޯ ސުވާލު ކުރަންޖެހޭ ކަމެކެވެ.
ރަމަޟާން މަހުގެ ތަރުބަވީ މަދުރަސާއިން ރަނގަޅު ތަރުބިއްޔަތެއް ހާސިލުވުމަކީ ރޯދަމަހުގައި އަދާކުރަމުންދިޔަ ހެޔޮ ކަންކަން އެގޮތުގައި އަހަރުގެ އެހެން ދުވަސްތަކުގައިވެސް ކުރަމުން ދިއުމެވެ. މާތްﷲ އެންމެ ލޯބިކުރައްވަނީ ދެމިގެންދަނިވި އަމަލުތަކަށެވެ. ހެޔޮ އަމަަލުތަކަކީ އަދި ޚާއްޞަކޮށް ފަރުޟު ފަސް ނަމާދަކީ ވަކި ދުވަސްވަރަކަށް ޚާއްޞަ އަޅުކަމެއް ނޫނެވެ.
ރަމަޟާން މަސް ނިމުނަސް މުސްލިމުންގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަންޖެހެއެވެ. އެ ވާޖިބުތަކާމެދު ސުވާލުކުރައްވާ ދުވަހުން ސުވާލުކުރައްވާނީ ވަކި ދުވަސްވަރެއްގައި ވާޖިތުބަކަށް ރައްކާތެރިވިތޯއެއް ނޫނެވެ. މުޅި ޙަޔާތުގައި، ކޮންމެ ދުވަހަކުމެ އެ ވާޖިބުތަކަށް ރައްކާތެރިވިންތޯ ސުވާލުކުރައްވާ ދުވަހު، އަޅުގަނޑުމެންގެ ނަފުސުތަކަށް ލުއިވާނެ ޖަވާބެއްދެވޭނެހެން އަޅުގަނޑުމެން ތައްޔާރުވުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ރަމަޟާން މަހު ނަފްސުތަކަށް ގެނެވުނު ހެޔޮ ރަނގަޅު ބަދަލު ދާއިމީ ބަދަލަކަށް ހެދޭތޯ ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. މިސްކިތާ ހިތާ އޮތް ގުޅުމަކީ ވަކި މަހަކަށް ހާއްސަ ގުޅުމަކަށް ވިޔަދީގެން ނުވާނެއެވެ.