ENGLISH

02 އޭޕްރީލު 2025

Advertisement

ޒަކާތުގެ ނިޒާމު ހަރުދަނާކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޒަކާތު ހައުސް ތައްޔާރުވަނީ

01 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އަދި ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް ޝައިޚް އިއްޒުއްދީން އަދުނާން، ފޮޓޯ: ޒަކާތު ހައުސް

ޒަކާތުގެ މަންފާއާއި ޒަކާތާމެދު އާއްމު ހޭލުންތެރިކަން އިތުރުކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާކަމަށް އެ އިދާރާގެ ޑިރެކްޓާ ޖެނެރަލް ފަޟީލަތުއް ޝައިޚް އިއްޒުއްދީން އަދުނާން ވިދާޅުވެއްޖެެއެވެ. 

އެމްއެމްޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޝައިޚް އިއްޒުއްދީން ފާހަގަކުރެއްވި ގޮތުގައި އެ އިދާރާ އުފެއްދެވި ފަހުން ފާއިތުވި އަހަރެއްހައި ދުވަހު ޒަަކާތާމެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް އެ އިދާރާއިން ކޮށްފައިވެއެވެ. އަދި ޒަކާތު ހައުސްއިން ކުރި މަސައްކަތްތަކުގެ ރަަނގަޅު ނަތީޖާވެސް ފެންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެގޮތުން އިއްޒުއްދީން ފާހަގަކުރެއްވީ 2024 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ވަރަށް ބޮޑަށް އިތުރުވި ކަމެވެ. އޭގެ އިތުރަށް މި އަހަރުގެ ރަމަޟާން މަހުގައި ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ކުރީ އަހަރުތަކާ އަޅާބަލާއިރު މިލިއަނެއްހައި ރުފިޔާ އިތުރުވިކަން ފާހަގަކުރައްވައި އިއްޒުއްދީން ވިދާޅުވީ މިކާމިޔާބަކީ ޒަަކާތާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ޒަކާތުހައުސްއިން ކުރި މަސައްކަތުގެ ނަތީޖާއެވެ. 

އިތުރަށް އިއްޒުއްދީން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޒަކާތުގެ ފައިދާއާއި ޒަކާތާމެދު ހޭލުންތެރކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ހިންގުމަށް ރާވާފައިވާ އެންމެ މުހިއްމު އެއް މަސައްކަތުގެ ގޮތުގައި އިއްޒުއްދީން ފާހަގަކުރެއްވީ ޒަަކާތުގެ އިންވެސްޓުމެންޓު މަސައްކަތްތަކެވެ. 

ދިވެހިރާއްޖޭގެ ފަޤީރުން ފަޤީރުކަމުން ނަގައި ފުދުންތެރި ބަޔަކަށް ހެދުމަށް ޒަަކާތުގެ ޒަރީއާއިން މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށާއި، އެ މަސައްކަތް ކުރުމަށް ފަޤީރުން ތިބި ސަރަހައްދުތައް ދެނެގަތުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަަމަށް ޝައިޚްް އިއްޒުއްދީން ވިދާޅުވިއެވެ. 

"ޒަަކާތުގެ އިންވެސްޓުމެންޓު ނުވަތަ ވުނަކުރުމުގެ މަސައްކަތްތަކެއް މިނިސްޓަރުގެ ލަފާގެ މަތިން ރާވާފައިވަނީ. ކުރިންވެސް އޮތް އެއްޗެއް މަންފާ ޕްރޮގުރާމަކީ. މި ޕްރޮގުރާމު ހަރުދަނާކޮށްގެން ފަޤީރުންނަށް އިތުރު އެއްޗެހިތަކެއް ތައާރަފުކޮށްގެން، ފަޤީރުން  ތިބި ސަރަހައްދުތައް ބަލައި، އެ ސަރަހައްދުތަކުގައި އެމީހުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވާނެ ނަފާ ޕްރޮގުރާމުތަކެއް ރޭވުމުގެ މަސައްކަތްވަނީ ފަށާފައި. " - ޝައިޚް އިއްޒުއްދީން އަދުނާން 

އޭގެ އިތުރަށް ޒަކާތު ހައުސްއިން ކުރަމުން އަންނަ އެންމެ ބޮޑު އެއް މަސައްކަތަކީ ޒަކާތާ ބެހޭ ގާނޫނު އެކުލަވައިލުންކަން ފާހަގަކުރައްވަމުން އިއްޒުއްދީން ވިދާޅުވީ އެ ގާނޫނު އެކުލަވަައިލުމުގެ މަސައްކަތް ނިންމައި މިހާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ މަރުހަލާ ކަމަށެވެ. 

އޭގެ އިތުރަށް ޒަކާތު ހައުސްއިން ފޯރުކޮށްދޭ ހުރިހާ ހިދުމަަތްތަކެއް ޑިޖިޓަލައިޒްކޮށް އޮންލައިން މަންސައަކުން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އިއްޒުއްދީން ވިދާޅުވިއެވެ. އެގޮތުން މެލޭޝިޔާގައި ޒަކާތުގެ ހިދުމަތްތައް ދިނުމަށް ބޭނުންކުރާ ސިސްޓަަމް ރާއްޖޭގައި ހިލޭ ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސަން އެ ގައުމުގެ ޒަކާތާ ގުޅޭ އިދާރާއިން އެއްބަސްވެފައިވާކަމަށްވެސް އިއްޒުއްދީން ވިދާޅުވިއެވެ. 

"ދޭ ހިދުމަތްތައް ފަސޭހަކަމެއް ގެނައުމަށްޓަކައި ބޭރުގެ ގައުމުތަކާ ގުޅިގެންވެސް އެބަބަލަން މިހުރިހާ ކަމެއް ކުރެވޭނެ ފަސޭހަ ނިޒާމެއް (ގާއިމުކުރަން). އަޅުގަނޑުމެންނަށް މިހާރު މިވަނީ އަވައްޓެރި މުސްލިމު ގައުމަކަށް ބަލާއިރު އެންމެ ރަނގަޅަށް މިކަންކުރާ ގައުމުކަމަށްވާ މެލޭޝިޔާގައި ގެންގުޅޭ ނިޒާމެއް އަޅުގަނޑުމެން އިންޓަގްރޭޓުކޮށްގެން ހިލޭ ކޮށްދޭނެކަމަށް އެ ބޭފުޅުންވަނީ ވިދާޅުވެފައި" - ޝައިޚް އިއްޒުއްދީން އަދުނާން 

އިއްޒުއްދީން ވިދާޅުވި ގޮތުގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށާއި، ޒަކާތާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކަރުން ކުރަން ރާވާފައިވާ މަސައްކަަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރަށްވުރެ އިތުރަށް ޒަކާތް ލިބި، ޒަކާތުގެ މަގުސަދު ކަމުގައިވާ ފަގީރުކަން ނެތިކޮށްލުމަށް ޒަަކާތުން މަދަދުވެރިވާ މިންވަރު އިތުރުވާނެއެވެ. 

ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް ޒަކާތު ހައުސް ގާއިމުކުރެއްވިފަހުން އެ އިދާރާއިން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ނިމުނު އަހަރަކީ މުދަލު ޒަކާތުގެ ގޮތުގައި މިހާތަނަށް އެންމެ ގިނަ ފައިސާ ލިބުނު އަހަރެވެ. އަދި މި އަހަރުގެ ރަމަޟާން މަހަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައި އެންމެ ގިނައިން ފިޠުރު ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު އަހަރެވެ. 

ކިޔުންތެރިންގެ ހިޔާލު