ENGLISH

02 އޭޕްރީލު 2025

Advertisement

ކެލައާއި ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލައިފި

01 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ހއ.ކެލާ ފަޅުގެ އިތުރަށް ކ.ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައިވޭ

ހއ.ކެލައާއި ކ.ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީން އިއުލާނުކޮށްފިއެވެ. 

ޓޫރިޒަމް މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި ވަކިވަކިން ޝާއިއުކުރި އިއުލާނުތަކުގެ ތެރެއިން ކެލާ ފަޅުގައި ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ނެރުނު އިއުލާނުގައި ބުނެފައިވަނީ އެ ފަޅުގައި، 12.19 ހެކްޓަރުގެ ދެ ރިސޯޓު ތަރައްގީކުރުމަށް ހުޅުވައިލަން ނިންމާފައިވާ ކަމަށެވެ. 

ކާށިދޫ ފަޅުގަައި ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އެ ފަޅުގައި ތަރައްގީކުރަން ހުޅުވައިލަނީ ދިހަ ހެކްޓަރުގެ ރިސޯޓެކެވެ. 

މި ދެ އިއުލާނުގައި ބުނެފައިވާ ގޮތުން 15 އޭޕްރީލް އަދި 6 މޭގައި މި ފަޅުތަކުގައި ރިސޯޓު ތަރައްގީކުރުމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތައް އޮންނާނެއެވެ. ދެ ދުވަހުވެސް އެ ސެޝަން އޮންނާނީ 10:00 ގައެވެ. 

 14 އެޕްރީލު 2025 ވާ ހޯމަ ދުވަސް އަދި 05 މޭ 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މައުލޫމާތު ދިނުމުގެ ސެޝަންތަކުގައި ބައިވެރިވުމަށް އެދި ހުށަހެޅޭނެއެވެ. މައުލޫމާތު އެދި ހުށަހަޅާނީ [email protected] އީމެއިލަށެވެ. 

މައުލޫމާތު ދިނުމުގެ ސެޝަންތައް އޮންނާނީ އޮންލައިންކޮށް ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. 07 އެޕްރީލު 2025 ވާ ހޯމަ ދުވަހުން ފެށިގެން 03 ޖޫން 2025 ދެމެދުގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އާ ދެމެދުގައި މި ބީލަމުގެ މައުލޫމާތު ފޮތް ލިބޭނެއެވެ. ބީލަން ފޮތް ގަތުމަަށް ހުށަހަޅަންޖެހޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ. 

ރަށްރަށާއި ސިޓީތަކުގެ އިހުތިސާސުގައި ހިމެނޭ ސަރަހައްދުތައް ޓޫރިޒަމް ބޭނުމަށް ކުއްޔަށް ދޫކުރުމަށް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނު އިސްލާހުކުރިފަހުން ރައީސްވަނީ ކެލާ ފަޅުގައި ރިސޯޓު ތަރައްގީކުރަން ކަނޑައަޅުއްވާފައެވެ. 

ގާނޫނަށް މި އިސްލާހު ގެނައި ސަބަބަކީ ލާމަރުކަޒީ ގާނޫނާއި އެހެނިހެން ގާނޫނުތައް ހުރި ގޮތުން ރިސޯޓު ތަރައްގީކުރުމަށް ބިން ދޫކުރުމުގެ ބާރު ލޯކަލް ކައުންސިލުތަކަށް ނެތުމުގެ ސަބަބުން ކައުންސިލުތަކުން ފަށާފައިވާ މިފަދަ މަޝްރޫއުތައް ކުރިއަށްނުގެންދެވި މަޑުޖެހިފައި ހުރި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށެވެ. 

ސަރުކާރުން އަންނަނީ މިހާތަނަށް ފަތުރުވެރިކަން އެކަށީގެންވާ ގޮތެއްގައި ތަރައްގީކުރެވިފައި ނެތް ސަރަހައްދުތަކުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު