ENGLISH
02 އޭޕްރީލު 2025
"ހޯޕް އައިލެންޑް" ގިރާވަރު އުތުރު ފަޅަށް
01 އޭޕްރީލު 2025
|
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:މީސް މީޑިޔާ
އެންމެ މަޤްބޫލު
ކުށުގެ މާހައުލަށް ހުށައެޅޭ ކުދިން އިސްލާހުކޮށް، މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުމުގެ މަގުސަދުގައި ހަދާ "ހޯޕް އައިލެންޑް" ގިރާވަރު އުތުރުފަޅަށް ބަދަލުކުރަން ނިންމައިފިއެވެ. އަދި މި މަޝްރޫއަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ގިރާވަރު އުތުރުފަޅުން ހިއްކުމަށްވެސް ވަނީ ނިންމާފައެެވެ.
މީގެ ކުރިން "ހޯޕް އައިލެންޑް" ގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިއޮތީ، ދ. ވާނީއެވެ. ދައުލަތުގެ މީޑިއާގައި ވާހަަކަ ދައްކަވަމުން، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް އަޙްމަދު ސިއްދީޤު ވިދާޅުވީ، ސަރުކާރުން މިމަޝްރޫއު ގިރާވަރުފަޅަށް ބަދަލު ކުރީ މާލެ ކައިރި ހިސާބެއްގައި "ހޯޕް އައިލެންޑް" ތަރައްގީކުރުމުގެ މަގުސަދުގައެވެ. އަދި ގިރާވަރަށް މި މަޝްރޫއު ބަދަލު ކުރުމުން ރަށް ތަރައްގީ ކުރުމުގެ ހަރަދުތައް ކުޑަވެގެންދާނެ ކަމަށެވެ. އަދި ގިރާވަރު ފަޅަކީ މާލެއާ ދާދިކައިރި ސަރަހައްދަކަށްވުމުން ދަތުރުފަތުރުގެ ހަރަދުތައް ބޮޑުތަނުން ކުޑަވާނެކަމަށްވެސް ސިއްދީޤު ފާހަގަކުރެއްވިއެެވެ.
ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ މިރަށް ތަރައްގީ ކުރަނީ، 700 އެއްހާ މީހުންނަށް ދަތިކަމެއްނެތި ދިރިއުޅެވޭނެ ގޮތަށެވެ. އެތަނުގައި ތިބި ކުދިންގެ ގާތަށް ބެލެނިވެރިންނަށްވެސް ޒިޔާރަތް ކުރެވޭނެ ގޮތަށް ތަރައްގީކުރާ މިރަށުގައި ސްކޫލް، ސިއްހީ ހިދުމަތްދޭ ތަނެއް އަދި ތަފާތު ކުޅިވަރުތައް ކުޅޭނެ ވަސީލަތްތައްވެސް ގާއިމްކުރާނެއެވެ. އަސާސީ ތައުލީމާއި ދީނީ ތަރުބިއްޔަތު ދިނުމުގެ އިތުރުން، ހޯޕް އައިލެންޑްގައި ތިބޭ ކުދިންނަށް ތެރަޕީ ދިނުމުގެ ޕްރޮގުރާމުތަކާއި، ކޮންޓެކްޓް ސްޕޯޓްސް ޕްރޮގުރާމުތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ.
ހޯޕް އައިލެންޑަށް ގެންދާ ކުދިންނަށް 18 އަހަރު ވުމުން، ވަކި މުއްދަތަކަށް ފުލުހުން ނޫނީ ސިފައިންގެތެރޭގައި ހިދުމަތް ކުރަން ޖެހޭނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެެވެ. އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުޞަތު ދެވޭނެއެވެ. ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ފަރާތްތައް، ކުށުގެވެށިން ދުރުކޮށް އެފަރާތްތަކަކީ މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށްޓަކާ މި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަަމުންދެއެެވެ.