ENGLISH

26 ނޮވެމްބަރު 2024

މީރާއަށް އޮކްޓޫބަރު މަހު 1.73 ބިލިއަން ރުފިޔާ ބަލައިގަތް

13 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

މީރާ އޮފީސް ފޮޓޯ:އެޑިޝަން

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މި އަހަރުގެ އޮކްޓޫބަރު މަހު 1.73 ބިލިއަން ރުފިޔާ ބަލައިގަތް ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު 14.2 އިންސައްތަ ދަށް އަދަދެއް ނަމަވެސް، މި އަހަރަށް އަންދާޒާކުރި މިންވަރަށްވުރެ 30.5 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ އާމްދަނީ ދަށްވެފައިވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ޖީއެސްޓީ، އެއާޕޯޓް ޓެކްސް، ގްރީން ޓެކްސް އަދި ހަތަރުވަނަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ ދެއްކުމުގެ ސުންގަޑި ސަރުކާރު ބަންދު ދުވަހަކާ ދިމާވުމާ ގުޅިގެން އޮކްޓޫބަރު މަހަށް ފަސްކުރެވުނު ނަމަވެސް، މި އަހަރު އެފަދަ ބަދަލެއް ގެނެވިފައި ނުވާތީއެވެ.

އެހެން ނަމަވެސް، މި އަހަރުގެ އޮކްޓޫބަރު މަހު ލިބުނު އާމްދަނީ އަންދާޒާކުރި މިންވަރަށްވުރެ އިތުރުވެފައިވަނީ ޖީއެސްޓީ، ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީ، ގްރީން ޓެކްސް، އެކްސްޕެޓް ކޯޓާ ފީ އަދި އެއާޕޯޓް ޓެކްސް އެންޑް ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. މީގެ އިތުރުން، ސެޕްޓެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2.1 އިންސައްތަ އިތުރުވުމާއި، ނުލިބިހުރި ފައިސާ ހޯދުމުގެ މަސައްކަތްތަކުގެ ސަބަބުން ވޭތުވެދިޔަ ސުންގަޑިތަކަށް ޖީއެސްޓީގެ އާމްދަނީ ލިބުމަކީ ވެސް އާމްދަނީ އިތުރުވުމުގެ ސަބަބުތަކެވެ.

މި އަހަރުގެ އޮކްޓޫބަރު މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 63.1 އިންސައްތަ ނުވަތަ 1.09 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުން (6.7 އިންސައްތަ ނުވަތަ 115.54 މިލިއަން ރުފިޔާ) އެވެ. މީގެ އިތުރުން، ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީގެ ގޮތުގައި 94.71 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 77.06 މިލިއަން ރުފިޔާ، އަދި އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 75.82 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީރާއިން ބުނާ ގޮތުގައި މި އަހަރުގެ އޮކްޓޫބަރު މަހު ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 66.27 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު