ENGLISH

07 އޭޕްރީލު 2025

Advertisement

ފަބްރީޒިއޯގެ ވިޒިޓް މޯލްޑިވްސް ކެމްޕޭން؛ "ރާއްޖެ އަކީ އެންމެ ހިތްގައިމު މަންޒިލް"

29 މާރިޗު 2025

|

ޢަލީ ޝަހީމް

ދުނިޔޭގެ ކުޅިވަރުގައި އެންމެ މަޝްހޫރު ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ

ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ހިތްގައިމު މަންޒިލް ކަމަށް ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރ އަދި ދުނިޔޭގެ ކުޅިވަރުގައި އެންމެ ނުފޫޒުގަދަ ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ ބުނެފި އެވެ. 

އިޓަލީއަށް އުފަން މަޝްހޫރު ޖާނަލިސްޓް ރާއްޖެ އައީ މާރިޗު 20 ވަނަ ދުވަހުއެވެ. ފަބްރީޒިއޯ ރާއްޖޭގައި ޗުއްޓީ ހޭދަކުރީ ވިލާ ނޯޓިކާ އަދި ބަރޮސް މޯލްޑިވްސްގަ އެވެ. ރާއްޖެ އަށް ކުރި ހަތަރު ވަނަ ދަތުރު ނިންމާލުމަށް ފަހު، މިއަދު ފަބްރީޒިއޯ ވަނީ އޭނާގެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ ހާއްސަކަމާ ގުޅޭ ޕޯސްޓެއް ކޮށްފަ އެވެ. 

ފަބްރީޒިއޯ ބުނީ ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށާއި ހުރިހާ ކަމެއްވެސް ރާއްޖޭގައި ހާއްސަ ކަމަށެވެ. 

""ރާއްޖޭގެ މޫދު، ގުދުރަތީ ހާއްސަކަން، ހިތްގައިމު ކެއުން، އަހަރެންނަށް މިހާތަނަށް ދިމާވި އެންމެ ހިތްހެޔޮ މީހުން. އާ ތަޖުރިބާތައް ކޮށް ހިތްހަމަޖައްސާލަން މިއީ އެންމެ ފުރިހަމަ މަންޒިލް"" - ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރ ފަބްރީޒިއޯ ރޮމާނޯ

ފަބްރީޒިއޯ ބުނީ ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރުކަމާ އެކު އޭނާ ފަހުރުވެރިވެ، އެ އުފަލުގައި ކުރި ފުރަތަމަ ދަތުރާއެކު ރާއްޖެ އަށް ޝުކުރު އަދާކުރާ ކަމަށެވެ. ހާއްސަކޮށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރ ޝިއުރީ އިބްރާހީމަށް ފަބްރީޒިއޯ ހާއްސަ ޝުކުރެއް އަދާކުރިއެވެ. 

ފަބްރީޒިއޯ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް. މިފަހަރުގެ ދަތުރަށް ފަހު ރާއްޖޭގެ ހިތްގައިމު ކަމަށް ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފަ

ފަބްރީޒިއޯގެ ތައުރީފުގެ ބަސްތަކުގައި އިތުރަށް ބުނީ، މިފަހަރުގެ ދަތުރުގައި މަސްވެރިކަމާއި، ޖާދުވީ ސްޕޮޓްތަކަށް ޒިޔާރަތްކުރި ކަމަށެވެ. ރިސޯޓުތަކުގައި ތަފާތު ފަސް ރެސްޓޯރެންޓަކުން ހިދުމަތް ލިބުނު ކަމަށާއި، ދިވެހި މުވައްޒަފުންނާއެކު ފުޓްބޯޅަ ކުޅުމުގެ ހިތްހަމަޖެހުން ލިބުނު ކަމަށް ވެސް ފަބްރީޒިއޯ ބުނެފައިވެއެވެ. 

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ ކެޕްމޭނުގެ ތެރެއިން ފަބްރީޒިއޯ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސީ މާރިޗު 8 ވަނަ ދުވަހުއެވެ. 

ފުޓްބޯޅައިގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ނޫސްވެރިޔާ ސޯޝަލް މީޑިއާގައި ފޮލޯ ކުރާ މީހުންގެ ޖުމްލަ އަދަދު އުޅެނީ 72.7 މިލިއަނުގައެވެ. 

މިފަހަރު ފަބްރީޒިއޯ ރާއްޖޭގައި ކުރި ތަޖުރިބާތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން، ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ސަމާލުކަމަށް އެވާހަކަތައް ވަނީ އައިސްފައެވެ. 


ކިޔުންތެރިންގެ ހިޔާލު