ENGLISH

06 އޭޕްރީލު 2025

Advertisement

ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް

28 މާރިޗު 2025

|

އުމްނާ އިސްމާޢީލް

ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު، ފޮޓޯ: މިހާރު

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ހޯދަމުން އައިކަމަށް ތުހުމަތުވާ މައްސަލާގައި މަގާމުން ވަކިކުރި ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދުގެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ. 

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބިދޭސީއަކު ޝަމްއާނު އަންގަވައިގެން ދޫކޮށްލުމަށްފަހު، އެމީހާ އަތުން ގިނަ ޢަދަދެއްގެ ފައިސާ ހޯދި މައްސަލައިގައި ޝަމްއާނާއެކު ތިން އޮފިސަރަކު މި މަހުގެ 22 ވަނަ ދުވަހު ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖެހި އެވެ. އެ ހުކުމް އިސްތިއުނާފްކުރުމަށް އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ އިއްޔެ އެވެ.

އެ މައްސަލައިގައި ޝަމްއާން ފާހަގަކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތު އުފެދެނީ ކޮރަޕްޝަންގެ ފައިސާއާ ގުޅިގެންކަމަށްވެފައި ކޮރަޕްޝަންގެ މައްސަލަތައް ނުބަލައި މަނީ ލޯންޑްރިންގެ ތަހުގީގު އެއްވެސް ވަރަކަށް ކުރިއަށް ނުގެންދެވޭނެ ކަމަށާއި މި މައްސަލައިގައި އޭސީސީގެ އެއްވެސް ބައިވެރިވުމެއް ނެތި ފުލުހުން އެކަނި ތަހުގީގުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ކަމަށާއި އެ ހާލަތުގައި މުޅި ތަހުގީގު ގާނޫނާ ޚިލާފުވާނެ ކަމަށާއި އެ ތަހުގީގާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ބާތިލުވާނެ ކަމަށެވެ.

އެހެންނަމަވެސް ހައި ކޯޓުގެ ރެޖިސްޓްރާ ނިންމަވާފައިވަނީ މި މައްސަލައިގައި ދަށު ކޯޓުގެ ނިންމުމަށް އެ ކޯޓުން ވަންނަން ޖެހޭ ހާލަތެއް ނެތް ކަމަށްވާތީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީގެކުރިން ބުނެފައިވަނީ، ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ހައްޔަރުކުރުމުގެ ޒިންމާ އާއްމުކޮށް ކުރަމުންދާ މުވައްޒަފުންތަކެއް، އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް، އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީންތަކެއް ނަގުދު ފައިސާއާއެކު ގެންދިޔަ ކަމަށެވެ. އޭގެ އެއް ދުވަސް ފަހުން ޝަމްއާންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ބަންދުން ދޫކޮށްލި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

އެ ފައިސާތައް ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން މި މަހުގެ 21 ވަނަ ދުވަހު ޝަމްއާން ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ޝަމްއާން، ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު