ENGLISH
08 އޭޕްރީލު 2025
ލިވަރްޕޫލްއާގުޅިގެން ކުރިޔަށް ގެންދާ ކެމްޕޭންގައި އެތައް ހަރަކާތެއް
24 މާރިޗު 2025
|
އިނގިރޭސި ޕްރިމިއާ ލީގުގެ މަތީ ފަންތީގެ ކުލަބެއްކަމަށްވާ ލިވާޕޫލާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ކެމްޕޭނުގައި ގިނަ ހަރަކާތްތަކެއް ހިންގަން ޕްލޭންކުރެވިފައިވާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ.
ޝިއުރީ މިފަދައިން ވިދާޅުވީ އެމްއެމްޓީވީއަށް އޭނާ ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
ޝިއުރީ ވިދާޅުވީ މި ޕާޓްނާޝިޕްގެތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑޮ ކުރިއެރުމެއް ލިބޭނެކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ލިވަޕޫލާއެކު ރާއްޖެ އިޝްތިހާރުކުރުމަށް ހިންގާ ކެމްޕެއިނުގެ ސަބަބުން ލޯ ސީޒަނުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.
ޝިއުރީ މައުލޫމާތު ދެއްވި ގޮތުގައި، 22 މިލިއަން ސަޕޯޓަރުން ތިބި ލިވަޕޫލްގެ ފޭން ބޭސްގައި އެގްޒެކެޓިވްސް އާއި އިންޑަސްޓްރީގެ އިސްވެރިން ފަދަ ހައި ޕްރޮފައިލް ސަޕޯޓަރުން ގިނައެވެ. އެމްޑީ ފާހަގަކުރެއްވި ގޮތުގައި މީގެ ތެރެއިން ގާތްގަނޑަކަށް 4 އިންސައްތަ ސަޕޯޓަރުން ރާއްޖެ ޒިޔާރަތްކުރިޔަސް ހަތަރު ލައްކަ ޓޫރިސްޓުން ރާއްޖެއަށް ގެނެވޭނެއެވެ.
"ލިވަރްޕޯލްގަ ފޭންބޭސްގަ އެމީހުން އެބަ ބުނޭ ސީ- ކްލާސް، އެއީދެން، ޗީފް އެގްޒެކެޓިވް، ޗީފް އިފެރޭޓިން އޮފިސަރް، ސީ- ކްލާސް ލެވެލްގެ ބޮޑެތި ބޮކްސްތަށް ނަގައިގެން،، އެންމެ ހައިއެންޑްގަ އެބަ އުޅޭ 22 މިލިޔަން މިލިޔަން މީހުން އެބަތިބި. އެތަނުން ގާތްގަނޑަކަށް %4 ރާއްޖެއަށް އާދެވުނަސްވެސް، ލިބޭބެ 4 ލައްކައެއްހާ މީހުން. " - އިބްރާހިމް ޝިއުރީ
މީގެއިތުރުން، އޮފް ޕީކް މަސްތަކަށް ހާއްސަކޮށްގެން ޕްރިމިއާ ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަގުސަދުގައި އިތުރު ކެމްޕޭންތަކެއް ރާވަމުން އަންނަކަން ވެސް ޝިއުރީ ފާހަގަކުރެއްވި އެވެ.
މި ކެމްޕެއިންތަކުގެ ތެރޭގައި ލިވަޕޫލްއާއެކު ގާއިމުކޮށްފައިވާ ގުޅުމުގެ ތެރެއިން ލޯ ސީޒަނުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ހާއްސަ ކެމްޕެއިންތަކެއް ހިންގަވަމުންދާނެ ކަމުގައި އެމްޑީ ވިދާޅުވިއެވެ.
"ހަމަ ކެމްޕޭންތަކެއް ލިވަރްޕޫލާގުޅިގެން މިކޮޅުން ކުރިޔަށްގެންދާނެ، އެކަމުދެން ނަމްބަރްސް ބުނާއިރު އެމީހުން އެކްސްޕެކްޓުކުރަނީ މިކަހަލަ ލެވެލްއެއްގެ މީހުން އެބަތިއްބޭ އެހެންވީމަ އުންމީދަކީ މީ ލޯ ސީޒަންނާ ދިމާކޮށް ލިވަރްޕޫލާއެއްކޮށް ބައިވަރު މަސަތްކަތްތަކެއްކުރުން." - އިބްރާހިމް ޝިއުރީ
ލިވަޕޫލާއެކު ކުރިއަށް ގެންދާ މި ޕާޓްނާޝިޕްގެ ސަބަބުން ޓޫރިސްޓުން އަންނަ މިންވަރު އިތުރުވުމާއެކު، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ޕްރޮފައިލް މަތިވެ، އޮފް ޕީކް މަސްތަކުގައި ދަތުރުވެރިން ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.