ENGLISH

10 އޭޕްރީލު 2025

Advertisement

ކޮރަޕްޝަނުގެ ސަގާފަތް ނިމުމަކަށް ގެނައުން؛ "ރިއެކްޓު" ކުރެއްވުމުގައި ދެ ރައީސުންގެ ތަފާތު

24 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސުލްޖުމްހޫރިއްޔާ ޑރ،މުހައްމަދު މުއިއްޒު

ދިވެހިރާއްޖޭގެ ސިޔާސީ ތާރީހުން ފެންނަ އެއް ހަގީގަތަކީ ކޮރަޕްޝަނަކީ ސިޔާސީ ސަގާފަތުގައި އަށަގަނެފައި އޮތް ކަމެއް ކަމެވެ. އެކަން އެގޮތަށް މެދުވެރިވީ އެކި ޒަމާނުގައި ފެންމަތިވި ބޮޑެތި ކޮރަޕްޝަަނުގެ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުންނެވެ. އެފަދަ މައްސަލަތައް ނުބެލި ދޫވެގެން ގޮސް، އެއިން ކަމެއް ހިންގިޔަސް އެއްވެސް އަދަބެއް ނުލިބޭނެކަން ނުވަތަ ލިބޭނީ ކުޑަކުޑަ އަދަބެއްކަން ވިސްނޭނެހެން ނިޒާމު ބައްޓަންވެފައި އޮތުމުގެ ސަބަބުންނެވެ. 

ތާރީހުގެ ތެރެއިން މިފަދަ އެއް މައްސަލައަކީ އެފްޕީއައިޑީގެ ވައްކަމެވެ. އެޒަމާނަށް ބަލާއިރު ރާއްޖޭގެ ފަގީރުކަމާއި އިގުތިސާދުގެ ކުޑަކަމަށް އެ ހިޔާނާތަކީ މިފަހުގެ ތާރީހުގައި ފާހަގަކުރެވުނު ބޮޑެތި ހިޔާނާތްތަކަށްވުރެ ބޮޑު ހިޔާނާތެއް ކަމުގައި ބެލެވިދާނެއެވެ. ނަމަވެސް އެ ހިޔާނާތުގައި ދައުލަތުގެ ފައިސާގެ ތެރެއިން އެ ހިޔާނާތުގެ މުގުލުގައި ތިބި މީހުން ހޯދި ފައިސާއިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވިޔަފާރިކޮށް ހޯދި ތަނަވަސްކަން އެންމެނަށްމެ އެހުރީ ފެންނާށެވެ. 

އޭގެ ފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު ހިޔާނާތަކީ އެމްއެމްޕީއާރުސީ ހިޔާނާތެވެ. އެ ހިޔާނާތް ހިންގި ގޮތް އަމިއްލައަށް ބުނެދީ، ހިޔާނާތްވިކަމަށް އިއުތިރާފުވުމުން، އިއްވި ލުއި ހުކުމުގައި ގޭގައި ހުރުމަށްފަހު، އެ ހިޔާނާތުގައި ބަންދުކުރެވުނު ފަރާތަށް، ވެރިކަމުގެ ފަހު ދުވަސްކޮޅު އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ދެއްވި އަފުވާމަށްފަހު، ކުށެއް ނުކުރައްވާ ބޭފުޅެއްގެ ގޮތުގައި އަރާމުގައި އެންމެ ލަގްޒަރީ ދިރިއުޅުން އެހެރަ އުޅުއްވަނީއެވެ. 

އަދި ފާއިތުވި ސަރުކާރުގައި ކޮރަޕްޝަނުގެ މައްސަލަތަކާމެދު އަޅައިނުލުން އެހެން ދަރަޖައަކަށް އުފުލިގެންދިޔައެވެ. ފެނަކަ ކޯޕަރޭޝަން ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރަމުން އަންނަ ކަންކަމާއި މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގަމުން އައި ޖަރީމާތަކުގެ ތަފުސީލު ރިޕޯޓެއްގެ ސިފައިގައި އޭސީސީން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެރުވިއެވެ. 

އެވަރު ނުފުދެއެވެ. އެ ކުންފުނީގެ އެތައް މުވައްޒަފުންނެއް ތަފުސީލުކޮށް އެއިރުގެ އެމްޑީ އަހްމަދު ސައީދު ހިންގަވަމުން ގެންދެވި ފަސާދައިގެ އަމަލުތަކުގެ ތަފުސީލުތައް ބަޔާންކޮށް އެއިރުގެ ރައީސަށް ސިޓީބިޓީ ފޮނުވިއެވެ. ފުލުފުލުގައި އެތައް މައްސަލައެއް މުވައްޒަފުންނާއި، ވެންޑަރުންނާއި ކޮންޓްރެކްޓަރުން އޭސީސީއަށް ހުށަހެޅިއެވެ. 

ރައީސް ސޯލިހަށް މިއިން ކަމެއް ފެނިވަޑައިނުގަތެވެ. ދިވެހިންގެ އެންމެ އާދައިގެ ބަހުރުވައިން ބުނާނަމަ "ހިރުވައި ތަން ކަހައިވެސް ނުލަ"އެވެ. ނަތީޖާއަކީ ވެރިކަމުގެ ދައުރު ނިމުނުއިރު ފެނަކައަކީ ތޮށިގަނޑަކަށްވެ ހާވިޔާވެފައި އޮތް އޮތުމެވެ. އެ ބުރަ އުފުލާންޖެހުނީ ދެން އަައި ބައެކެވެ. 

ފެނަކައިގެ ކޮރަޕްޝަނުގެ އިތުރަށް އެއިރުގެ ބަންޑާރަނައިބު އަބްދުﷲ ރިފްއަތަށް ތުހުމަތުވާ ކޮރަޕްޝަނުގެ މައްސަލަތަކެއް އެއިރުގެ އޭސީސީން ތަހުގީގުކުރަން ފެށުމާއެކު އޭސީސީގައި ތިއްބެވި ހުރިހާ މެންބަރުން އެއްފަހަރާ ކޮމިޝަނުން ބޭރުކުރުމާއެކު، އަމަލީ ގޮތުން ކޮރަޕްޝަނުގެ މައްސަލައެއް ބެލޭނެ ޖާގައެއް ނެތްކަން ކަށަވަރުވެގެން ދިޔައެވެ. 

ވެރިކަން ބަދަލުވުމަށްފަހު ފާއިތުވެގެން މިދިޔަ މުހުލަތުގެ ތެރޭގައި ތަފާތުތަކެއް މިކަމުގައި ފެންނަން ފަށައިފިއެވެ. ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ ސަރުކާރުގެ ވެރިންގެ މައްސަލަތައް ކަމާބެހޭ އިދާރާތަކުން ތަހުގީގުކޮށް ބަލައި، ފިޔަވަޅުއަޅާ މަންޒަރު މިހާރު އެބަފެނެއެވެ. 

މިސާލުތަކަށް ބަލާއިރު، އެއްކަމަކީ އެފްއެސްއެމްގެ ތެރެއިން ހިންގަމުން އައި ތެލުގެ ވައްކަމެއް ފަަޅައިއެރުމާއެކު، އެ ކުންފުނީގެ އެއިރުގެ މެނޭޖިން ޑިރެކްޓާ މަގާމުން ވަކިކުރެއްވިއެވެ. އެއިރު އެ މަގާމުގައި ހުންނެވި ބޭފުޅަކީ ވެރިކަންކުރާ ޕީއެންސީ ނުވަތަ ކުރީގެ ޕީޕީއެމްގެ އެންމެ އެތެރޭގައި މަސައްކަތްކުރެއްވި ބޭފުޅަކަށްވުމާއެކުވެސް ފިޔަވަޅުއަޅުއްވައި މަގާމުން ދުރުކުރެއްވިއެވެ. 

ދެން ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ހަައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ ތެރެއިން ފެންމަތިވި ކޮރަޕްޝަނުގެ މައްސަލައެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ޕީއެންސީގެ ލީޑާޝިޕުގައި އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. މަގާމުގައި ހުންނެވީ ވަޒީރެއްގެ ފެންވަަރުގައެވެ. ނަމަވެސް މައްސަލަ ފެންމަތިވުމުން، ފުލުހުން މަައްސަލަ ތަހުގީގުކުރަން ފެށިއެވެ. އެންމެ ފަހުން އެއިރުގެ އެމްޑީ މަގާމުން އިސްތިއުފާދެއްވީއެވެ. އަދިވެސް އެ މައްސަަލައިގެ އޮޑިޓު ދަނީ ކުރިއަށެވެ. ފާހަގަވާ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. 

ދެން މިހާރު ފެންމަތިވެފައި އޮތް މައްސަލައަކީ އިމިގްރޭޝަނުގެ ތެރެއިން ހިންގަމުން އައި ސްކީމެއްގެ މައްސަލައެކެވެ. އެ މައްސަލަ ފެންމަތިވުމުން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދުގެ ބައިވެރިވުން އެކަމުގައި އޮތްކަން ހާމަވުމުން އޭނާ މަގާމުން ވަކިކުރައްވައި ތަހުގީގަށްޓަކައި ބަންދުކުރެވުނެވެ. 

މިއިން ކޮންމެ މައްސަލައެއްވެސް ތަހުގީގުކުރުމުގެ ބާރުވެރިކަމާއި މިނިވަންކަން ތަހުގީގީ އިދާރާތަކަށް އޮވެއެވެ. އެއިން އިދާރާއެއްގެ ވެރިން ވަކިކުރެވި، ތަހުގީގުތައް ހުއްޓުވައި، މައްސަލަތަކުގައި މަތިއަޅުވަން ސަރުކާރުން ގަދައަޅައިގެން އުޅޭ ތަނެއް ނުފެނެއެވެ. 

ކޮރަޕްޝަނުގެ މައްސަލަތަކަށް ހަގީގީ ހައްލެއް ލިބޭނީ މިމަގުން އެފަދަ މައްސަލަތައް ބެލިގެންނެވެ. ފިޔަވަޅުއެޅިގެންނެވެ. މިނިވަން ތަހުގީގުތަކަށް ޖާގަ ދެވިގެންނެވެ. ރައީސް ސޯލިހާއި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ތަފާތަކީ މި މައްސަލަތައް ބަލަން އިދާރާތަކަށް ފުރުސަތު ދެއްވައި، ތަހުގީގު ހިންގުމުގެ ޖާގަ ދެއްވާފައި އޮތުމެވެ. 

ކިޔުންތެރިންގެ ހިޔާލު