ENGLISH

10 އޭޕްރީލު 2025

Advertisement

މުޅިން އަލަށް 76 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތްދޭން ފެށިއްޖެ: މިނިސްޓަރ ނާޒިމް

23 މާރިޗު 2025

|

ފަޒީލް ޢަބްދުލް ލަތީފު

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް--ފޮޓޯ:ހެލްތް މިނިސްޓްރީ

ރާއްޖޭގެ ރަށްރަށުގައި ލެބޯޓަރީގެ ހިދުމަތް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާ އެއްގޮތްވާ ގޮތުގެމަތިން، މީގެ ކުރިން އެއްވެސް ވަރަކަށް ލެބޯޓަރީގެ ހިދުމަތް ނުލިބޭ 76 ރަށެއްގައި މި ހިދުމަތް ޕޮއިންޓް އޮފް ކެއަރ މެޝިންގެ ޒަރިއްޔާއިން ދޭންފަށައިފިއެވެ.

އެމްއެމްޓީވީ އަށްދެއްވި ހާއްސަ އިންޓަވިއުއެއްގައި މިކަން ފާހަގަ ކުރައްވަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް  ވިދާޅުވީ، މިސަރުކާރު ވެރިކަމާ ހަވާލުވިފަހުން އަލަށް ލެބޯޓަރީގެ ހިދުމަތްދޭންފެށި 76 ރަށާއި އެެއްކޮށް، މިހާރު ރާއްޖޭގެ ހުރިހާ ރަށަކުންވެސް މި ހިދުމަތް ލިބޭނެކަމަށެވެ.

ގިނަ ރަށްތަކެއްގައި ލެބޯޓަރީގެ ހިދުމަތް އަލަށް ފަށާފައިވާއިރު، މިހާރު ލެބޯޓަރީގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި މި ހިދުމަތް ފުޅާކުރުމުގެ ގޮތުން ބޭނުންވާ އިތުރު މެޝިނުތައް ފޯރުކޮށްދިނުމާއި، އިތުރު ލެބޯޓަރީ އިމާރާތްތައް ގާއިމުކުރުމުގެ މަސައްކަތް ހެލްތު ފެސިލިޓީތައް ތަރައްގީ ކުުރުމުގެ މަސައްކަތުގެ ދަށުން ކުރެވިގެންދާނެކަން މިނިސްޓަރ ނާޒިމް ފާހަގަކުރެއްވިއެވެ. 

ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ފެސިލިޓީސްތައް އަދި އިމާރާތްތައް ތަރައްގީކުރުމަކީ، ރައީސް ޑރ. މުޢިއްޒުގެ ސިއްހީ ސިޔާސަތުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާފަވާ ކަމެކެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ރައީސް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނަށް ފާހަގަކުރެއްވުނު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރަށްރަށުން ލިބޭ ސިއްހީ ހިދުމަތުގެ ފެންވަރު ދަށްވުމެވެ.

9 ރަށެއްގެ ރަށެއްގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ:ހެލްތް މިނިސްޓްރީ

މިކަންބޮޑުވުންތައް ހައްލުކުރެއްވުމުގެ ގޮތުން ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމާއެކު، ހެލްތްމިނިސްޓްރީން،  އަތޮޅުތެރޭގޭ ސިއްހީ ހިދުމަތްދޭ ތަންތަން ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއެއް މިހާރު ފަށާފައިވާކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.  މި މަޝްރޫއުގެ ދަށުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ފެށިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަަރ ވިދާޅުވީ މި މަހު ކުރީ ކޮޅު 9 ރަށެއްގެ  ސިއްހީ ޚިދުމަތްދޭ ތަންތަން އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ކަމަށާއި އަދި މިގޮތައް އިމާރާތް ކުރެވޭ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ދެވަނަ ބެޗުގެ މަސައްކަތްވެސް މިމަސް ނިމުމުގެ ކުރިން ހަވާލު ކުރެވޭނެކަމަަށެވެ.

ސިއްޙީ ދާއިރާގެ ޢުމްރާނީ ވަސީލަތްތައް ގާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ފެއްޓެވި މި މަސައްކަތްތަކުގެ ސަބަބުން، ރަށްރަށުގެ ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ އިމާރާތްތަކުގެ ދަތިކަމަށް ބޮޑު ޙައްލެއް ލިބިގެންދާނެއެވެ.

ސިއްހީ ހިދުމަތްދޭ ވަސީލަތްތައް ރައްރަށުގައި އިތުރަށް ގާއިމު ކުރުމުގެ ސަބަބުން އަތޮޅުތަކުން ލިބޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެއެވެ. މި އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަން ފިޔަވައި އެންމެ ބޮޑު އިސްކަމެއްދީފައިވަނީ ޞިއްޙީ ޚިދުމަތްތަތައް ފުޅާކުރުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު