ENGLISH

10 އޭޕްރީލު 2025

Advertisement

ތެލަސީމިއާ ޕޭޝަންޓުންގެ ދަތިތައް ހައްލުކުރުން ސީދާ ރަައީސްގެ ބެއްލެވުމުގެ ދަށަށް

23 މާރިޗު 2025

|

ޢަލީ ޝަހީމް

ތެލަސީމިއާ ސެންޓަރަށް ރައީސް ކުރެއްވި ޒިޔާރަތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ތެލަސީމިއާ ކުދިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯއްދެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވާނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. 

ތެލަސީމިއާ ކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން، މިއަދު ރައީސް ވަނީ މާލޭގައި ހުންނަ ތެލަސީމިއާ ސެންޓަރުގެ އިތުރުން ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތައް ބަދަލުކުރުމަށް ހަމަޖެހިފައިވާ ހުޅުމާލެ އޮރެންޖް ހިޔާއަށް ވަޑައިގެންފައެވެ.

ރައީސްގެ ޒިޔާރަތުގައި ވަނީ ތެލަސީމިއާ ސެންޓަރުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި އެތަނުގައި އެވަގުތު ހިދުމަތް ހޯދަމުން އައި އާއިލާތަކާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ސާފުކުރައްވައިފައެވެ. 

ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާ އިމާރާތް ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ބަސްދީގަތުމެއްގައި ވަނީ، ތެލަސީމިއާ ކުދިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށް ވިދާޅުވެފައެވެ. 

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ތެލަސީމިއާ ކަންތަކުގަ ދިމާވާ ހުރިހާ ކަމެއްގަ ރަނގަޅު ހައްލުތަކެއް ގެނެސްދޭނަން. ފައިސާގެ ގޮތުން ދަތިތަކެއް ދިމާވެގެން ކަމެއް ހައްލުނުވެ ނޯންނާނެކަން އަޅުގަނޑު ސީދާ ޔަގީންކުރާނަން. އަދި އެކަންތައް މިއަދުގެ ބައްދަލުވުމުގައިވެސް އަދި މިދެންނެވި ހުރިހާ ވާހަކަތަކެއްގަ އަޅުގަނޑު ވާނީ ޔަގީންކޮށްފަ. ކުރިއަށް އޮތް ތަނުގައި އެހެނެއް ނުވާނެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ތެލަސީމިއާ ކުދިންނަށް ދިމާވާ ހުރިހާ ދަތިތަކެއް ހައްލުކުރުމުގަ ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން މިކަންކަން ކުރިއަށް ގެންދާނަން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ ތެލަސީމިއާ ސެންޓަރަށް އިންޓާނަލީ ގެންނަންޖެހޭ ބަދަލުތައް ވަރަށް އަވަހަށް ގެންނަވާނެ ކަމަށެވެ. މާލޭގައި ތެލަސީމިއާ ސެންޓަރު ހިންގާ މުއްދަތުގައި އެތަނުގައި ދެމުންގެންދާ ހިދުމަތް ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހުޅުމާލެއަށް ތެލަސީމިއާ ސެންޓަރުގެ މަސައްކަތްތައް ބަދަލުކުރައްވާނީ ރަނގަޅު ހިދުމަތްތަކާއެކު ކަމަށެވެ. 

"މިއީ ވަރަށް ޖާގައިގެ ގޮތުން ބޮޑުތަނެއް. އިރާދަކުރެއްވިއްޔާމު މިތަނަށް ބަދަލުވެގެން ދާއިރުގަ އަދި މާގިނަ ވަސީލަތްތައްވެސް އަޅުގަނޑުމެން ލާނަން. ހުޅުމާލޭގަ މިތަން ހެދިގެން ދާއިރު މިތަނަށް ޓްރާސްޕޯޓް މުހިއްމުވާނެ. އެހެންވީމަ އެކަމަށް ފަސޭހަ ގޮތްތަކެއް އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު ވާނީ ކަނޑައަޅާފަ. މިތަނަށް ހާއްސަ ބަސް ސްޓޮޕެއް ހަމަޖެހިގެންދާނެ އަދި ބައެއް ލުއިތަކާއި ވަރަށް މުހިއްމު ކަންތައްތަކެއް ވާނީ ނިންމާފަ " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ހުޅުމާލެ "އޮރެންޖް ހިޔާ" އިމާރާތް ބައްލަވާލައްވަން ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އާ އިމާރާތަށް ތެލަސީމިއާގެ ޚިދުމަތްތައް ބަދަލުކުރެއްވި ނަމަވެސް، ޚިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދައްޗެއްނެތި ޚިދުމަތް ދެވޭނެގޮތަށް، އާ އިމާރާތަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށް އިރުޝާދުދެއްވާފައެވެ. އަދި، ޚިދުމަތް ހޯދާ ފަރާތްތަކަށް ކަންކަން ފަހިވާނެ ގޮތަށް، ބަލި މީހުންނާ އަދި ޚިދުމަތް ހޯދާފަރާތްތަކާ ގުޅިގެން އެފަރާތްތަކުގެ މަޝްވަރާއާއެކު، ގާތުން ކަންކަން ކުރިއަށް ގެންދިއުމަށްވެސް އެމަނިކުފާނު ވަނީ އިރުޝާދުދެއްވަވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު