ENGLISH

10 އޭޕްރީލު 2025

Advertisement

ރައީސްގެ ހަލުއި ފިޔަވަޅުތަކެއް؛ ތެލަސީމިއާ ސެންޓަރަށް ބަދަލުތަކެއް ގެންނަވައި މައްސަލަަތައް ހައްލުކުރައްވަނީ

23 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ތެލަސީމިއާ ސެންޓަރަށް މިއަދު ރައީސް ކުރެއްވި ޒިޔާރަތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ޝަަކުވާތައް ބޮޑުވެފައިވަނިކޮށް، އެ ސެންޓަރަށް މިއަދު ކުރެއްވި ޒިޔާރަތަށްފަހު، ތެލަސީމިއާ ސެންޓަރުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. 

ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުމަށްފަހު، ހުޅުމާލޭގައި ތައްޔާރުކުރަމުންދާ އައު ތެލަސީމިއާ ސެންޓަރަށްވެސް ރައީސް ޒިޔާރަތްކުރެއްވިއެވެ. އެ ޒިޔާރަތަށްފަހު ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ ތެލަސީމިއާ ސެންޓަރަށް ވަޑައިގެން އެތަނުގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި އެތަނުގެ ހާލަތު ވަރަށް ކައިރިން ރަނގަަޅަށް ތަފުސީލު ގޮތެއްގައި ބައްލަވާފައިވާނެ ކަމަށެވެ. 

ރައީސް އިތުރަށް ވިދާޅުވީ ތެލަސީމިއާ ބަލި ތަހައްމަލުކުރާ މީހުންނަށާއި ކުދިންނަށް ބޭނުންވާ ފަރުވާގެ ކަންކަން ހަމަޖެއްސުމާ ގުޅޭ މުހިއްމު އިރުޝާދުތަކެއް ކަމާ ގުޅުންހުރި މުއައްސަސާތަކަށާއި އިދާރާތަކަށް މިއަދު ދެއްވާފައިވާނެ ކަމަށެވެ. 

"ތެލަސީމިއާ ކުދިންނަށް، ތެލެސީމިއާ ޕޭޝަންޓުންނަށް ދިމާވާ ދަތިތައް ހައްލުކުރެވޭނެ ގޮތްތަކެއް ހޯދަން އަޅުގަނޑުވާނީ މިއަދު މަޝްވަރާކޮށް ކުރިއަށްދާންވީ ގޮތް ދަންނަވާފައި،" ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. 

ތެލަސީމިއާ ސެންޓަރުގައި ހުރި މައްސަލަތަކުގެ ތެރެއިން އެތަނުގައި 2017 ވަނަ އަހަރުން ފެށިގެން ޑިރެކްޓާ ޖެނެރަލެއް ނެތްކަން ފާހަގަކުރެއްވިފައިވާތީ އެކަން ހައްލުކުރެވޭނެ ގޮތްތައްވެސް ފާހަގަކުރައްވާފައިވާނެ ކަމަށާއި، އެހެނިހެން މުވައްޒަފުންވެސް ހަމަޖެއްސޭނެ ގޮތް ވިދާޅުވެދެއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

މިއަދު ރައީސް ތެލެސީމިއާ ސެންޓަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް 

އެގޮތުން ނަރުހުންނާއި ލެބް ޓެކްނީޝަނުން ފަދަ ވަޒީފާތަަކަށް ބޭނުންވާ މީހުން ހޯދުމާއެކު، އެތަނަށް ބޭނުންވާ ބައެއް ވަސީލަތްތައް ލިބޭނެ މަގުފަހިކުރުމަށްވެސް އިރުޝާދުތަކެއް ދެއްވިކަން ރައީސް ހާމަކުރެއްވިއެވެ. 

"މަސައްކަތްކުރާނެ ގަޑި ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ގޮތަށް، މިސާލަކަށް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ގޮތަށް ދުވަސްތަކާއި ގަޑިތައް އިތުރުކުރުމަށް ބޭނުންވާ ހިއުމަން ރިސޯސް އިތުރުކުރުމަށް މިހުރިހާ ކަމެއް މަގުފަހިކުރަންވީ ގޮތް މިއަދު އަޅުގަނޑުވަނީ މަޝްވަރާކޮށް ކުރިއަށްގެންދަންވީ ގޮތް ކަނޑައަޅާފައި،" ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ މި މައްސަލަތައް ހައްލުކުރުމުގައި ފައިސާގެ ގޮތުން ދަތިނުވާނެ ގޮތަށް ހުރިހާ ކަމެއްވެސް އިންތިޒާމުކޮށްދެއްވާފައިވާނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މައްސަލަތައް ހައްލުކުރުމަށް އަޅަންވީ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތައް ތަންފީޒުކުރަންވީ މުހުލަތުތައްވެސް އެމަނިކުފާނުވަނީ ކަނޑައަޅުއްވާފައެވެ. 

މި މައްސަލަތަައް ފާހަގަކޮށް އެ މައްސަލަތައް ހައްލުކުރުމަށް އެކަމާ ވަކާލާތުކުރާ ފަރާތްތަކުން ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާ ބައްދަލުކުރިކަަން ލިޔެކިޔުމުން ފެންނަން އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މައްސަލަތައް ފާހަގަކުރުމުންވެސް ކުރިއެރުންތަކެއް ނުލިބިހުރިކަން ފާހަގަކުރެއްވިފައިވާތީ އެތެރޭގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަވާނެ ކަމަށެވެ. 

ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތައް ހީނަރުވުމުގެ ޝަކުވާއަކީ ފާއިތުވި 10 ވަރަކަށް އަހަރު އިވެމުން އައި ޝަކުވާއެއް ނަމަވެސް އެއްވެސް ރައީސަކު އަމިއްލަފުޅަށް އެ ޝަކުވާތަކާ ގުޅިފައި ހުރި މައްސަލަތަައް ބައްލަވާފައިނުވެއެވެ. އަދި ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި ތަފުސީލީ ގޮތެއްގައި ތަނުގެ ހާލަތު، މިފަހުގެ ތާރީހެއްގައި ބެއްލެވި ފުރަތަމަ ރައީސަކީ، ރައީސް ޑރ.މުޢިއްޒެވެ. 

މައްސަލަތައް ހައްލުނުކުރެވި ދިގުލައިގެން ގޮސްފައިވަނިކޮށް މިއަދު ރައީސް ނިންމެވި ނިންމެވުންތަކާއެކު މި މައްސަލަތަކަށް އެކަށީގެންވާ ހައްލުތަކެއް އަވަހަށް ލިބިގެންދާނެ ކަމުގައި ބެލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު