ENGLISH
10 އޭޕްރީލު 2025
ސޯޝަލް މީޑިޔާ ތަރި ޚާލިދު ރާއްޖެއަށް؛ އާ ނަޒަރަކުން ރާއްޖެ ދައްކައިދޭނެ
23 މާރިޗު 2025
|
ތަފާތު ގޮތަކަށް ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ސޯޝަލް މީޑިއާ އިންފްލުއެންސަރ ޚާލިދު އަލްއަމަރީ ހަތަރު ދުވަހަށް ރާއްޖެ އަތުވެއްޖެއެވެ.
ޚާލިދުގެ މި ދަތުރުގައި ރާއްޖޭގެ ރީތިކަމާއި ސަގާފީ މުއްސަނދިކަމުގެ މައްޗަށް އަލިއަޅުވާލާނެއެވެ.
ޚާލިދަކީ ދުބާއީ އަށް ނިސްބަތްވާ ޓިކްޓޮކް ސްޓާރެކެވެ. ޚާލިދުގެ މައިގަންޑު ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގެ ތެރެއިން އިންސްޓަގްރާމް، ޓިކްޓޮކް އަދި ޔޫޓިއުބްގައި ޖުމްލަ 21.15 މިލިޔަން ފޮލޮވަރުން ތިބެއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިނގ ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އަސްލު ސޫރަ ފެންނާނެހެން ސޯޝަލް މީޑިޔާ ބޭނުންކޮށްގެން ރާއްޖެ ޕްރޮމޯޓުކުރުން ކަމަށެވެ. އަދި ޚާލިދާއެކު އެ ކުންފުނިން ކުރާ މަސައްކަތަަކީ މިހާތަނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ބޭރު ދުނިޔެއަށް ދައްކައިނުދެވި ހުރި ރާއްޖޭގެ މުހިއްމު ބައެއް ކަންކަން ބޭރަށް ދައްކުވައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިއުރީ މައުލޫމާތު ދެއްވި ގޮތުގައި ޚާލިދު ފުރަތަމަ ދާނީ ލ. އަތޮޅަށެވެ. އަދި ލ. އަތޮޅުގައި ކުރިއަށްގެންދާ ޝޫޓިންއަށްފަހު މާލެއާއި ހުޅުމާލޭގައިވެސް އޭނާ ޝޫޓިންތަކެއް ކުރިއަށްގެންދާނެ ކަމުގައި ޝިއުރީ ވިދާޅުވިއެވެ.
ޚާލިދުގެ މި ދަތުރުގައި ރަމަޟާން މަހުގައި ދިވެހިންގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތް ކަވަރުކުރާނެއެވެ. އަދި މުސްލިމެއްގެ ހައިސިއްޔަތުން އެހެނިހެން އިސްލާމީ ގައުމުތަކުގައި ރޯދަމަހާ ގުޅިފައިވާ އާދަތަކާއި ދިވެހިރާއްޖޭގައި ރޯދަމަހާ ގުޅިގެން ދިރިއުޅުމުގެ ކަންކަމަށް ގެންނަ ބަދަަލުތަކާއި އިހުއްސުރެ ނަގަހައްޓަމުން އަންނަ އާދަތައް އަޅައިކިޔާނެއެވެ.
"އާންމުގޮތެއްގައި ދިވެހިރާއްޖޭގައި މި ފެންނަނީ ރީތި ގޮންޑުދޮށާ ބީޗްތަކާ، ދިވެހިންނަކީ ކޮބައި ކަމެއް ނޭނގޭ، ދެން ރަމަޟާން މަހު ޚާއްސަކޮށް މި ކުރިޔަށްގެންދާ ކެމްފޭނަކީ، ރަމަޟާން މަހުގައި ދިވެހި ރައްޔިތުންނާ މިކަންތައްތައް ހުންނަގޮތާއި ސަގާފީ ގޮތުން ހުންނަ ކަންތައްތަކަށް މުސްލިމަކު އައިސް އޭނާގެ ޕަރސްޕެކްޓިވަކުން ދިވެހި ފެމިލީ ކެއަރއާއި ރޯދަ ވީއްލާ އަދި ތަރާވިހަށް ދިޔުން، މި ކަންތައް ޝޯކޭސްކުރެވިގެންދާނީ" - އިބްރާހިމް ޝިއުރީ
ޝިއުރީ ވިދާޅުވި ގޮތުގައި ޚާލިދުގެ މިދަތުރުގައި ރިސޯޓެއްގައި ޝޫޓުކުރުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްތަކުގައި ޝޫޓުކޮށް، ދިވެހިންގެ އާއްމު ދިރިއުޅުން ދައްކުވައިދިނުމަކީ ރަށު ޓޫރިޒަމް ނުވަތަ ގެސްޓުހައުސް ޓޫރިޒަމް ވެސް ޕްރޮމޯޓުކުރެވިގެންދާނެ ކަމެކެވެ.
ކުރިއަށް އޮތް ތަނުގައި ސޯޝަލް މީޑިޔާ މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމަށް ރާވާފައިވާ ކަަންކަމާ ގުޅޭ ގޮތުން ޝިއުރީ ވިދާޅުވީ ތަފާތު ގޮތްގޮތަަށް ރާއްޖެ އިޝްތިހާރުކުރުމަށް މަސައްކަތްކުރަމުން ގެންދަވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ތަފާތު ކަންކަން ފެންނާނެ ކަމަށެވެ.
ޝިއުރީ އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖެއަކީ ހަމައެކަނި ހަނީމޫން މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ނުކޮށް އިތުރަށް ޑައިވަރސިފައިކުރަން މަސަތްކަތްކުރަމުން އަންނަކަމަށެވެ.
"މީގެ ކުރިން އަބަދުވެސް މިދެކެވެނީ ރާއްޖެއަކީ ހަމައެކަނި ހަނިމޫން ޑައިވިނގ ޑެސްޓިނޭޝަންއެއް، ދެން މި ސަރުކާރުން އައިސް އަޅުގަނޑުމެންގެ ރައީސްގެ ވިސްނުން މިހުންނެވީ މުޅިން ޑައިވަރސިފައިޑް ތަފާތު ކަންކަން ރާއްޖެ އިންޓްރޮޑިއުސްކުރަން." - އިބްރާހިމް ޝިއުރީ
ޝިއުރީ އިތުރަށް ވިދާޅުވީ، ގިނަ އަދަދެއްގެ ދަތުރުވެރިންނަށް ކަމުދާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ސަރުކާރުން ގިނަަގުނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. ގޮނޑުދޮށާއި، މޫދާއި އިރުގެ އަލިކަމަށްވުރެ އިތުރު ތަޖުރިބާތައް ދިވެހިރާއްޖެއިން ޓޫރިސްޓުންނަށް ލިބޭކަން އިޝްތިހާރުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި ޝިއުރީ ވިދާޅުވިއެވެ.