ENGLISH
10 އޭޕްރީލު 2025
އީދަށް ދިއްލުން: މިއަދާއި މާދަން އަތޮޅުތަކަށް ބޭނުންވާ ތަކެތި ފޮނުވަނީ
23 މާރިޗު 2025
|
ކުރީ އީދެއްގައި މާލެ ސިޓީ ދިއްލާލާފައި: ފޮޓޯ- ދި އެޑިޝަން
ކުރިއަށް އޮތް ފިތުރު އީދުގައި މުޅި ރާއްޖެ ދިއްލާލުމަށް ބޭނުންކުރާ ތަކެތި މިއަދާއި މާދަން އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފައްޓަވާނެކަަަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައި ވަނީ "އެމްއެމްޓީވީ" އަށް ދެއްވި ހާއްސަ އިންޓަވިޔުއެއްގައެވެ. އެގޮތުން ފިތުރު އީދަށް މުޅި ރާއްޖެ ދިއްލާލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަދާހަމަ ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ މިހާރު އެކަމަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތް މާލެ ސިޓީގައި ފަށައިގެން ކުރިޔަށް ގެންދާކަމަށެވެ.
އަދި އަތޮޅުތައް ދިއްލާލުމަށް ބޭނުންވާނެ ތަކެތި މިއަދާއި މާދަން ފޮނުވުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ވިދާޅުވިއެވެ.
"އަތޮޅުތަކަށް މިހާރު ލައިޓް ފޮނުވުމުގެ މަސައްކަތް ކުރަނީ. ދެ ޝިޕްމަންޓެއް އެބަ އުޅޭ. މިއަދު ނޫނީ މާދަމާ ފޮނުވާލެވޭނެ އެކި ރަށްތަކަށް. މުއްދަތު ހަމަވާން ވާއިރަށް އެ އެއްޗެހި އެކޮޅަށް ލިބި އިންސްޓޯލްމަންޓް ކުރުމުގެ މަސައްކަތް ފެށޭނެ." - މިނިސްޓަރ އާދަމް ޝަރީފް
މިނިސްޓަރ ވިދާޅުވީ އީދަށް ރާއްޖެ ދިއްލާލުމުގެ ތެރެއިން ކުރިން ތަކެތި ފޮނުވީ 24 ރަށަކަށްކަމަށެވެެ. އެއީ މާލެ އަދި ހުރިހާ ސިޓީތައް ފިޔަވާ އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެން ނަމަވެސް މިފަހަރު ކޮންމެ އަތޮޅެއްގެ ވެސް އަތޮޅު ވެރިކަން ކުރާ ރަށް ފިޔަވާ، ދެން އެންމެ އާބާދީ ބޮޑު ދެ ރަށެއް ދިއްލުމަށް ބޭނުންކުރާނެ ތަކެތި ފޮނުވާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
އަދި މިކަމަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.