ENGLISH
10 އޭޕްރީލު 2025
ދުނިޔޭގެ ވައިލްޑްލައިފް ދުވަސް ފާހަގަ ކުރަށް ފޮޓޯގްރަފީ މުބާރާތެއް، ބައިވެރިވެވޭނީ ދިވެހީންނަށް
22 މާރިޗު 2025
|
ކުޅުދުއްފުށީ ކުޅީގައި ގުޑުގުޑާ ދޫނިތަކެއް ފޮޓޯ: މިހާޒު
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން މިއަހަރުގެ ދުނިޔޭގެ ވައިލްޑްލައިފް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފޮޓޯގްރަފީ މުބާރާތެއް ބާއްވަން ނިންމާ މުބާރާތަށް ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ މި އަހަރުގެ ވައިލްޑް ލައިފް ދުވަހާ ގުޅުވައިގެން ހުޅުވާލައިފައިވާ މި މުބާރާތަކީ ދިވެހިރާއްޖޭގެ މުއްސަނދި ތިމާވެއްޓާއި ޤުދުރަތީ ރީތިކަން ފޮޓޯއިން ދައްކުވައިދިނުމާއި، ދިވެހިރާއްޖޭގެ ދިރުންތަކާއި އެތަކެތީގެ ވެށްޓާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި އާއްމުކޮށް ހުޅުވާލާފައިވާ މުބާރާތެއް ކަމަށެވެ.
މި އަހަރުގެ ދުނިޔޭގެ ވައިލްޑްލައިފް ދުވަހުގެ ތީމާ ގުޅުވާލައި ހުޅުވާލާފައިވާ މި މުބާރާތުގެ ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައި ވާންޖެހެ އެވެ. މި މުބާރާތަށް ފޮޓޯ ހުށަހެޅުމަށް ހުޅުވާލާފައިވާ 3 ދާއިރާއަކީ ވައިލްޑްލައިފް އާއި އޭރިއަލް (ޑްރޯން) އަދި ހެބިޓެޓްސް އެވެ.
ކޮންމެ ކެޓަގަރީއަކުންވެސް ވަކިވަކިން ވަނަ ހޮވާ މި މުބާރާތުގައި ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި ޑްރޮން އަދި ކެމެރާ ފަދަ ފޮޓޯނެގުމަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން ހޮވާލެވޭ އެންމެ މޮޅު 10 ފޮޓޯތައް އާއްމުކޮށް ދެއްކުމަށްޓަކާއި ފޮޓޯ މަޢުރަޒެއް ބޭއްވުމާއި އެކު "އީ-ބުކްލެޓެއް" ގައި ޝާއިޢު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތައް ހުށަހަޅާ ފޮޓޯތައް ވަޒަންކޮށް މާކްސް ދިނުމުގެ މިންގަނޑުތަކުގެ ތެރޭގައި ފޮޓޯގެ ފަންނީ ފެންވަރު، ކޮމްޕޮޒިޝަން، ފޮޓޯއިން ބުނެދޭ ނުވަތަ ދައްކުވަދޭ މެސެޖު/އަސަރު، އަޙްލާގީ މިންގަނޑުތައް، އަދި މުބާރާތުގެ ތީމާއާއި ގުޅޭ މިންވަރު ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަދި ހުށަހަޅާ ފޮޓޯއަކީ ދިރޭތަކެއްޗާއި އެތަކެތީގެ މާހައުލަށް ގެއްލުމެއް ނުވަތަ އުނދަގުލެއް ވާފަދަ ގޮތަކަށް ނަގައިފައިވާ ފޮޓޯއަކަށް ވެގެން ނުވާނެ އެވެ. މީގެ އިތުރުން، ފޮޓޯނެގުމުގައި ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓުމުގެ ޤާނޫނު، މަސްވެރިކަމުގެ ޤާނޫނު، އަދި ހިމާޔަތް ކޮއްފައިވާ ބާވަތްތަކާބެހޭ ޤަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރަންވާނެ ކަމަށް ވެސް ބުންޏެވެ.
ފޮޓޯ ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް, 3 ވަނަ ދުވަހުގެ 12:00 ގައެވެ. ފޮޓޯތައް ފޮނުވަން ޖެހެނީ [email protected] އަށެވެ.
ދުނިޔޭގެވައިލްޑްލައިފްދުވަހަކީ މި މަހުގެ ތިންވަނަ ދުވަހެވެ.