ENGLISH
10 އޭޕްރީލު 2025
އެވެރެޖުކޮށް މިމަހުގެ ފުރަތަމަ 19 ދުވަހު 7،048 ޓޫރިސްޓުން އައި، ޖުމްލަ 550،000 އާ ގާތަށް
22 މާރިޗު 2025
|
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ފުލައިޓުން ފައިބަނީ، ފޮޓޯ: ޕީއެސްއެމް
މި މަހުގެ ފުރަތަމަ 19 ދުވަހު އެވެރެޖުކޮށް ދުވާލަކު 7،048 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 549،747 އަށް އަރާފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީން އާއްމުކުރި ހިސާބުތަކށް ބަލާއިރު ޖަނަވަރީ 414،863 ފަތުރުވެރިން އަދި ފެބްރުއަރީގައި 214،091 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މި މަހުގެ ފުރަތަމަ 19 ދުވަހު 120،793 ފަތުރުވެރިން އައިސްފައިވާއިރު، އެ މުއްދަތުގައި އައި ފަތުރުވެރިންގެ ޖުމްލަ އަދަދު 549،747 އަށް އަރާފައިވެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ނިމުނު އަހަރުގެ އެ މުއްދަތުގައި އައި ފަތުރުވެރިންނަަށް މި އަހަރުގެ މާޗު 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4.8 އިންސައްތަ އިތުރުވެފައިވެއެވެ.
ރާއްޖެއަށް މި މުއްދަތުގައި އެންމެ ގިނައިން ޓޫރިސްޓުން އައީ ޗައިނާއިންނެވެ. އެ ގައުމުން 67،414 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައި ރަޝިޔާއިން 56،575 ފަތުރުވެރިން އައިސްފައިވެއެވެ. ތިންވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. ދެން އެންމެ ގިނައިން ޓޫރިސްޓުން އައި އިޓަލީންނެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69 އިންސައްތަ މީހުން ނުވަތަ 379،508 ފަތުރުވެރިން ގޮސްފައިވަނީ ރިސޯޓުތަކަށެވެ. އަދި 25.6 އިންސައްތަ މީހުން ގޮސްފައިވަނީ ގެސްޓުހައުސްތަކަށެވެ. ހޮޓާތަކަށް ދިޔައީ 2.9 އިންސައްތަ މީހުންނެވެ. އަދި ޓޫރިސްޓު އުޅަނދުފަހަރަށް ދިޔައީ 2.4 އިންސަައްތަ މީހުންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން 179 ރިސޯޓެއްގައި 43،907 އެނދު އޮޕަރޭޓުކުރަމުންދާއިރު، 838 ގެސްޓުހައުސެއްގައި 14،188 އެނދާއި، 15 ހޮޓަލެއްގައި 2،023 އެނދާއި، 157 ޓޫރިސްޓު އުޅަނދެއްގައި 3،144 އެނދާއެކު ޖުމްލަ 63،271 އެނދު އަންނަނީ އޮޕަރޭޓުކުރަމުންނެވެ.