ENGLISH
10 އޭޕްރީލު 2025
އައްޑޫގައި ގެވެށި އަނިޔާއަށް ހާއްސަ މަރުކަޒު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި
22 މާރިޗު 2025
|
ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާ ގުޅިގެން، ދައުލަތުގެ ހާއްސަ ރައްކާތެރިކަމަށް ގެންނަ ފަރާތްތައް ބަލަހައްޓަން އައްޑޫ ސިޓީގައި ސަރުކާރުން އަޅަން ނިންމާފައިވާ މަރުކަޒު އެޅުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއިން ގެޒެޓުގައި އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 24 ވަނަ ދުވަހުގެ 14:00 ކަމަށެވެ. ބީލަން ހުށަހަޅާ ފަރާތްތަކުން 1500 ރުފިޔާ ނުވަތަ 100 އެމެރިކާ ޑޮލަރު ނޮން-ރީފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ބަހައްޓަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ބީލަން ކުރިއަށްދާނީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގ (އޯސީބީ) ގެ އުސޫލުގެ މަތިން، ސިންގަލް ސްޓޭޖް ވަން އެންވެލޮޕް އުސޫލުން ކަމަށެވެ.
އައްޑޫގައި އަޅާ އެ މަރުކަޒަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ރ. އުނގޫފާރުގައި ވެސް މަރުކަޒެއް އެޅުމަށް ވަނީ ނިންމައިފައެވެ. އޭޑީބީންް ވަނީ އެ މަރުކަޒުތައް އަޅަން 7.5 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ރާއްޖެއަށް ދޭން ނިންމައިފައެވެ. އަދި، މަޝްރޫއުގެ ފަންނީ އެހީތެރިކަމަށް ބޭނުންވާ 2.5 މިލިއަން ޑޮލަރު ދޭގޮތަށްވެސް އޭޑީބީން ހަމަޖައްސާފައިވެއެވެ.
ގެވެށި އަނިޔާގެ ޝިކާރައަށް ފަރާތްތަކުގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން ހާއްސަ މަރުކަޒުތަކެއް އެޅުމުގެ ބޭނުމަކީ، އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތުގައި ރައްކާތެރިކަން އަވަހަށް ފޯރުކޮށްދިނުމެވެ. މަރުކަޒު އެޅުމުން، ދައުލަތުގެ ބެލުމުގެ ދަށަށް އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކައި އާއިލާތައް ގެންދިއުމުގެ މަސައްކަތް ކުރާނީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުންނެވެ.
އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ފުޅާކުރުމުގެ ގޮތުން، ދާއިރާއާ ގުޅުންހުރި ވަސީލަތްތައް ތަރައްގީކުރައްވާނެކަމަށް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.