ENGLISH
10 އޭޕްރީލު 2025
ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރު ފަބްރީޒިއޯ ރާއްޖޭގައި
22 މާރިޗު 2025
|
ދުނިޔޭގެ އެންމެ މަޝްހޫރު ކުޅިވަރު ޖާނަލިސްޓް ފަބްރީޒިއޯ. މިވަގުތު ހުރީ ރާއްޖޭގައި.
ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރު އަދި ދުނިޔޭގެ ކުޅިވަރުގައި އެންމެ ނުފޫޒުގަދަ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
ފަބްރީޒިއޯ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ މާލެ އަތޮޅުގެ ވިލާ ނޯޓިކާ ރިސޯޓުގައެވެ.
ރާއްޖޭގައި ފަބްރީޒިއޯ ކުރަމުން އަންނަ ތަޖުރިބާތައް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އަންނަނީ ހިއްސާކުރަމުންނެވެ. މިއަދު ހެނދުނު ފަބްރީޒިއޯ ވަނީ ވިލާ ނޯޓިކާ ރިސޯޓުގައި ދިވެހި މުވައްޒަފުންނާ އެކު ފުޓްބޯޅަ ކުޅޭ ވިޑިއޯއެއް އާއްމުކޮށްފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ ކެޕްމޭނުގެ ތެރެއިން ފަބްރީޒިއޯ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސީ މާރިޗު 8 ވަނަ ދުވަހުއެވެ. ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސިފަހުން ފަބްރީޒިއޯ އަންނަނީ ރާއްޖެ ޕްރޮމޯޓް ކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.
އިޓަލީއަށް އުފަން އުމުރުން 32 އަހަރުގެ ފަބްރީޒިއޯ ހާއްސަވެފައިވަނީ ފުޓްބޯޅަ ޖާނަލިސްޓެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަ 2009 ވަނަ އަހަރު ފުޓްބޯޅަ ޖާނަލިޒަމްގެ މަސައްކަތް ފަށައި ފަބްރީޒިއޯ ދުނިޔެއަށް މަޝްހޫރުވީ 2011 ވަނަ އަހަރުއެވެ. އެފަހަރު ދުނިޔޭގެ ސަމާލުކަން ފަބްރީޒިއޯއަށް ލިބުނީ، އޭރު ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި އާޖެންޓީނާގެ މައުރޯ އިކާޑީއާ ގުޅޭގޮތުން ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
ފަބްރީޒިއޯ ސޯޝަލް މީޑިއާގައި ފޮލޯކުރާ މީހުންގެ އަދަދު އުޅެނީ މިލިއަނުންނެވެ. އެގޮތުން 'އެކްސް' ގައި 23.5 މިލިއަން މީހުން ފަބްރީޒިއޯ ފޮލޯ ކުރާއިރު އިންސްޓަގްރާމްގައި 34 މިލިއަން މީހުން ފަބްރީޒިއޯ ފޮލޯ ކުރެއެވެ. އަދި، ޓިކްޓޮކްގައި 15.2 މިލިއަން މީހުން ފަބްރީޒިއޯ ފޮލޯ ކުރެއެވެ. ސޯޝަލް މީޑިއާގެ އެ ތިން ޕްލެޓްފޯމްގައި ފަބްރީޒިއޯ ފޮލޯކުރާ މީހުންގެ އަދަދު އުޅެނީ 72.7 މިލިއަނުގައެވެ.
ފަބްރީޒިއޯ ވަނީ މީގެ ކުރިންވެސް ރާއްޖެ އައިސްފައެވެ. އެގޮތުން އާއްމުންނަށް ފެންނަ ގޮތަށް ފަބްރީޒިއޯ ރާއްޖޭގައި އެންމެ ބޮޑަށް ހަރަކާތްތެރިވީ 2022 ވަނަ އަހަރު އެވެ. އެފަހަރު ރާއްޖެ އައި ކްރޮސްރޯޑްސްގައި ރާއްޖޭގެ ކުޅިވަރު ޖާނަލިސްޓުންނާއެކު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފައިވެއެވެ. އަދި، ރާއްޖޭގެ ފުޓްބޯޅައާ ގުޅޭގޮތުން އެފަހަރު ފަބްރީޒިއޯ ވަނީ އިންޓަވިއުވެސް ދީފައެވެ.